18 އޮކްޓޯބަރ 2016 - 11:21

ލަންޑަން (އޮކްޓޯބަރު 18) - ޝަންހާއީ މާސްޓާސް އިން ކެޓި މެޗުގައި އޮސްޓްރޭލިއާގެ ޓެނިސް ކުޅުންތެރިއާ ނިކް ކިރްގިއޯސް ސަޕޯޓަރުންނާ ޒުވާބުކުރުމުން އެސޯސިއޭޝަން ފޯ ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ދީފައިވާ ސަސްޕެންޝަނަށް ލުޔެއް ހޯދުމަށް އޭނާ ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ އެހީހޯދަން ނިންމައިފި އެވެ.
ކިރްގިއޯސް ވަނީ ޝަންހާއީ މާސްޓާސްގައި މިޝާ ޒެވްރެވް އަތުން ބަލިވި މެޗަށް ފަހު ސަޕޯޓަރުންނާ ޒުވާބުކުރުމުގެ އިތުރުން މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ވެސް ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޝަންހާއީ މާސްޓާސްގައި ހިނގައިދިޔަ ކަންތައްތައް ބެލުމަށް ފަހު އޭޓީޕީން ވަނީ އުމުރުން 21 އަހަރުގެ ކިރްގިއޯސް 25،000 ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން އަށް ހަފްތާ އަށް ސަސްޕެންޑް ކުރުމަށް ނިންމައިފަ އެވެ.
އަހުލާގީ މައްސަލަތަކުގައި އަންނަ ސަސްޕެންޝަނާ ގުޅިގެން ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ ހޯދައިފި ނަމަ ސަސްޕެންޝަނަށް ލުޔެއްދޭ އުސޫލެއް އޭޓީޕީން ގެންގުޅެ އެވެ. ކިރްގިއޯސް ވަނީ މި ސަސްޕެންޝަނާ ގުޅިގެން އޭޓީޕީގެ ބެލުމުގެ ދަށުން ސްޕޯޓްސް ސައިކޮލިޖިސްޓެއްގެ އެހީހޯދަން ނިންމައިފަ އެވެ.
"އަހަރެންގެ އަމަލުތައް ހުރިގޮތުން ވަރަށް ލަދުގަނެފި. އެކަމާ ސަޕޯޓަރުންގެ ކައިރިން މައާފަށް އެދެން. މިއީ އަހަރެން މި އަހަރު ނިންމާލަން ބޭނުންވި ގޮތެއް ނޫން. ސަސްޕެންޝަން ގަބޫލުކުރަން. އެޓީޕީގެ އެހީގައި ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ އެހީހޯދަން ނިންމައިފިން،" ދުނިޔޭގެ ރޭންކިން 14 ވަނައިގައި އޮތް ކިރްގިއޯސް ބުންޏެވެ.
ކިރްގިއޯސް އަށް ދީފައިވާ އަށް ހަފްތާގެ ސަސްޕެންޝަން ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 15 އަށެވެ. އެހެން ނަމަވެސް ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ އެހީގައި އޭނާގެ ސަސްޕެންޝަން ތިން ހަފްތާ އަށް ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.
މައްސަލަ ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ކުރިން ވެސް ފާހަގަވެފައިވާ ކިރްގިއޯސް ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ރޮޖާސް ކަޕްގެ ތެރެއިން ސްޓެން ވަވަރިންކާގެ ލޯބިވެރިއާ އަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ބޭނުންކޮށް ވާހަކަ ދެއްކުމުން އޭޓީޕީން ވަނީ ކިރްގިއޯސް 28 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.
އަދި އޮސްޓްރޭލިއަން އޮލިމްޕިކް ކޮމިޓީއާ ޖެހުނު މައްސަލައެއްގެ ސަބަބުން މި ފަހަރު ރިއޯ އޮލިމްޕިކްސް އަށް ދިއުމުގެ ފުރުސަތު ކިރްގިއޯސް އަށް ނުދެ އެވެ.