03 ޖޫން 2020 - 09:31

އާދިއްތަ ދުވަހާ ގުޅޭ
އަނިލް އެކަނިމާއެކަނި ޖޯލީގައި އޮށޯވެލައިގެން އޮތެވެ. ރުޤްޔާގެ މަސައްކަތުގައި އުޅޭއިރު ޖިންނީން ކިތަންމެ އިންޒާރެއް ދިނަސް އެ ކަމާ އަނިލް ހާހެއް ނުވެއެވެ. އެ ކަމަކާ ނުވެސް ވިސްނައެވެ. ނަމާދަށް ފަހު ޒިކުރުކޮށްފައި ﷲ އަށް ވަކީލުކުރުމުން އަނިލްއަށް ފުދެއެވެ. ދުނިޔޭގެ ތިން ހިސާބެއްގައި ޖިންނީން ދިރިއުޅޭކަން އަނިލްއަށް އެނގެއެވެ. އެއީ ޖައްވާއި، ބިންމައްޗާއި، ކަނޑުގެ އަޑިއެވެ. އެއް ތަނުގައި ދިރިއުޅޭ މަޚުލޫގުން އަނެއް ތަނަށް ބައެއް ފަހަރު ޒިޔާރަތްކުރިޔަސް، އާންމު ގޮތެއްގައި ކޮންމެ ބަޔަކު ވެސް ދިރިއުޅެނީ އެ ބަޔަކަށް ކަނޑައެޅިފައިވާ ހިސާބެއްގައެވެ. އިންސާނުން ފަދައިންނެވެ. ވަގުތަކީ ދޯނީގައި ދެން ތިބި ދެ މީހުން ވެސް އަރާމުކޮށްލަން ތިބި ވަގުތެވެ. އެ މީހުން ތިބީ ތަންކޮޅެއް ދުރުގައެވެ. އިސާހިތަކު އަނިލްއަށް ނިދުނެވެ. އިރުކޮޅަކުން ހުވަފެނެއް ފެންނަން ފެށިއެވެ. އެ ހުވަފެނުގައި ފެންނަނީ އަނިލްގެ ކޮއްކޮއެއްގެ އަތަށް ވަޅިއެއް ހެރި ތަނެވެ. ވަޅި ހެރިފައިވަނީ ވަރަށް ފުންކޮށެވެ. ކުއްލިއަކަށް އަނިލްއަށް ހޭލެވުނެވެ. އަނިލް އޮތީ ކޮން ތާކުކަމާއި، ވަޅި ހެރުމުގެ ހާދިސާ ހިނގީ ހުވަފެނެއްގައިކަން ވިސްނުނެވެ. އެކަމަކު އެއްވެސް ހަރަކާތެއް ނުކޮށް، ކުޑަކުޑަކޮށް ލޯ ހުޅުވައިލައިގެން އަނިލް މަޑުމަޑުން އޮތެވެ. ޖިންނީންނަކީ ހުވަފެނަށް ބާރު ފޯރުވާ ބައެކެވެ. ބިރުވެރި ހުވަފެނަކީ ޖިންނީގެ ތޫނު ހަތިޔާރެއްކަން އަނިލްއަށް އެނގެއެވެ. ލޯ ހުޅުވައިގެން އަނިލް އޮއްވައި، އަނދިރިއަށް ވުރެ ކަޅު ދެ ހިޔަނި އަނިލްއަށް ފާހަގަކުރެވުނެވެ. ސިފައެއް ވަތްކެއް ނުވެއެވެ. އެކަމަކު ކަޅުކަން ގަދަކަމުން، އަނދިރީގެ ތެރެއިން ތިން ސޫރަ އަނިލްއަށް ފާހަގަކުރެވޭ ވަރު ވިއެވެ. އެކަކު ހުރީ އަނިލްގެ އަތުގައި ހިފާއްޓައިގެންނެވެ. އަނެކަކު އުޅެނީ އަނިލްގެ އަތަށް ކޮންމެވެސް އެއްޗެއް ހަރަން ތައްޔާރުވެގެންނެވެ. އެ އެތި ހިފާއްޓައިގެން ހުރީ ވަޅިޖަހާ އިރު ވަޅި ހިފާއްޓައިގެން ހުންނަހެންނެވެ. އަނެކަކު ކަމެއް ނުކޮށް ހުއްޓިގެން ހުރީއެވެ.
"އޭތް!" ރުޅިއައިސްގެން ބުނާ ކަހަލަ ރާގެއްގައި، އެކަމަކު ހިތާހިތުން އަނިލް ބުނެލިއެވެ. "ކިހިނެއް ވެގެން ތި އުޅެނީ؟ މަގޭ އަތުން ބޮނޑިއެއް ބޯންވީތަ؟"
"އޭ! ކަލޭ ކީއްކުރަން އޭނަ ހޭލައްވާލީ؟" ސިއްރުސިއްރުން ބުނި އަޑު އިވުނުހެން އަނިލްއަށް ހީވިއެވެ. "މަ އޭރު ވެސް ބުނީމެއްނު އަޑު މަޑުކުރާށޭ!"
ޖިންނިސައިތާނުންނަކީ ވަސްވާސް ދޭ ބައެކެވެ. އިންސާނާއަށް އެ ވަސްވާސް އިވޭ އިރު ހީވާނީ އަމިއްލައަށް ހިތަށްއަރާ އެއްޗެއް ހެންނެވެ. ބައެއް ފަހަރު ހީވަނީ ކަންފަތް ދޮށުގައި ސިއްރުސިއްރުން، ވައި އަޑުން ބުނެލާ އެއްޗެއް ހެންނެވެ. ވަރަށް މަދު ފަހަރެއްގައި މެނުވީ ބާރު އަޑެއްގެ ގޮތުގައެއް ނީވޭނެއެވެ. އަނިލްއަށް އެ ފަހަރު އިވުނީ ވައި އަޑުން ބުނީމައި އިވޭ ގޮތަށެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި އެކަކު ވެސް ހަރަކާތެއް ނުކޮށް ތިއްބެވެ. އަނިލް ހަމަ އޮތް ގޮތަށް އޮތީއެވެ.
"މި ފަހަރު ކާކު ކަލޭ ސަލާމަތްކުރާނީ؟" އަނިލްއާ ދިމާއަށް ބުނިހެން ހީވިއެވެ.
"ތަވައްކަލުކުރާނީ،" އަނިލް ބަރާބަރަށް ރައްދުދިނެވެ. "ކަލޭމެން ދެކެ ބިރުގަންނާކަށް ނުޖެހޭ!"
ޒުވާބު ހިނގީ އަނިލްގެ ސިކުނޑީގައެވެ. އަނިލްއާ ޖެހިގެން އޮތް ޖޯލީގައި މީހަކު އޮތް ނަމަވެސް، އެ ވަގުތު އެ ތަނުގައި ހިނގި އެއްވެސް ކަމެއް އެ މީހަކަށް ނޭނގުނީހެވެ.
"ކަލެއަށް ވަރިހަމަ މަރުވިޔަސް؟" ކޮންމެވެސް އެކަކު ބުންޏެވެ. "ބިރެއްނުގަނޭ؟"
"ކޮން ބިރެއް؟" އަނިލް ޖަވާބުދިނެވެ. "އަހަރެންނާ ކަލޭގެ ފުރާނައަކީ ވެސް ﷲ ގެ މިލްކެއް. ކާފަރުންނާ ތި ކަހަލަ ސިހުރުވެރިން ބިރުގަންނަން ޖެހޭނީ. ނަމާދެއް ކުރަނީކީ ނޫން. ޒިކުރެއް ކުރަނީކީ ނޫން. ފަހު ފަހަރަށް މި ބުނަނީ. ރައްކާވޭ މި ތަނުން."
އަނިލް އިންޒާރުދިނީ ވެސް ބޭރަށް އަޑުއިވޭ ގޮތަކަށް ނޫނެވެ. ވަޅި ނުވަތަ އެ އެތި ހިފައިގެން ހުރި ސޫރަ އެ އެތި ބިންދައިލައިފައި ވިދުވަރެއްހާ ހަލުވިކޮށް ދުރަށް ޖެހިލިއެވެ. ދެން ތިބި ދެ ހިޔަނި މުޅި ތަނުގައި އެނބުރެން ފެށިއެވެ. ގޮތް ހުސްވެގެންނެވެ. ނުވަތަ އެހެން ހަމަލާއެއް ދޭންވެގެންނެވެ. އެކަކު މޫދަށް ފުންމައިލިއެވެ. ދޯނީގައި ދެން ތިބި ދެ މީހުން އެ ވަގުތު ހޭލިއެވެ. އެކަކު އަނެކަކާ ވާހަކަދައްކާ އަޑު އަނިލްއަށް އިވުނެވެ. އެކަމަކު ކިޔާ އެއްޗެއް ނޭނގެއެވެ. އަނިލް ތެދުވިއެވެ. މަޑުމަޑުން ކުރުސި ކިޔަމުން ދޯނި ވަށައި ހިނގައިލިއެވެ. އެއީ ދޯނި ވަށައި ދަގަނޑު ފާރެއް ރޭނުން ކަހަލަ ކަމެކެވެ. ކުރުސިއަކީ ޖިންނިސައިތާނާއާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެ ހިސާބުން ހިޔަނިތައް މޫދަށް ފުންމައިލިއެވެ. އަނިލް ހިނގަމުން އައިސް ދެން ތިބި ދެ މީހުން ކައިރިއަށް މަޑުކޮށްލިއެވެ. އޭގެ ތެރެއިން އެކަކީ ދޯނީގެ ކެޕްޓަންއެވެ.
"ކޮބާ ހިނގާ އެއްޗެއް ކާލަން ރަށަށް ފައިބަމާ!" އަނިލް ބުންޏެވެ.
"މިއޮއް ފެނުނު ހުވަފެނަކުން ކިހިނެއް އެއްޗެއް ކާނީ؟" ކުޑަކޮށް ނުތަނަވަސް ވެފައި ކެޕްޓަން ބުންޏެވެ.
ހުވަފެނުގައި ކެޕްޓަންއަށް ފެނުނީ ދޯނީގެ ކައްކާމީހާ މޫދަށް ފުންމައިލި ތަނެވެ. އެ ކަމާ ހައިރާންވެގެން އެ މީހާ ފެނޭތޯ ކެޕްޓަން ތެޅިފޮޅުނީއެވެ. އަނދިރިކަމުން ކެޕްޓަން އަކަށް ކައްކާމީހާއެއް ނުފެނުނެވެ. ވީ ގޮތް އަނިލްއަށް އެނގުނެވެ. ކައްކާމީހާ މޫދަށް ފުންމައިލި ތަން ފެނުނަސް، ހަގީގަތުގައި މޫދަށް ފުންމާލީ އިންސާނެއް ނޫނެވެ. އަނިލް އެ ވާހަކައެއް ނުބުނެއެވެ. އެކަމަކު ހިތުގައި ސުވާލު އުފެއްދިއެވެ. އަނިލްއާ ދިމާކުރަން ބަޔަކު އައީ ކީއްވެގެން ހެއްޔެވެ؟ އަނިލް ސަލާމަތުން ހުރެގެން އެ ބަޔަކަށް ވަނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަނިލްއަށް ވިސްނުނީ އެންމެ ޖަވާބެކެވެ. ދޯނިމަތިން އަނިލްއާ ދިމާކުރި ބަޔަކީ އެހެން ތަނަކަށް ދިޔަ ބައެކެވެ. މަގު އަމާންކޮށްލަން އެ ބަޔަކު ބޭނުންވީއެވެ.
ހުރިހައި ކަމެއް ނިންމައިގެން އަނިލްއަށް ފުރުނުއިރު ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ދޯނި ހަމަ ކަނޑަށް ނުކުތް ވަގުތު ރިޒްވާން ގުޅިއެވެ. ހަނާ އަނެއްކާ ވެސް މޮޔަގޮވަން ފެށީއެވެ. އަނިލްއަށް ހީވި ހީވުން ސީދާވީއެވެ.
"މިހާރު ކަނޑުމަތީގަ މިހިރީ،" އަނިލް ބުންޏެވެ. "ކުރުސި ކިޔަވާ! އެކަކު ވަރުބަލި ވީމަ އަނެކަކު ލައްވާ ކިޔުއްވާ! ނަމަނަމަ އޭނަ ދައްކާ ވާހަކަ ގަބޫލުނުކުރާތި! އޭނަ ކައިރިން ކަންކަމުގަ އެހީއަށް އެދި އާދޭސް ވެސް ނުކުރާތި! އަހަންނަށް ހީވެއްޖޭ މިރެއަކީ ބޮޑު ރެޔަކަށް ވާނޭ. ދާނަން މާދަމާ ރޭ!"
ރިޒްވާން ކުރުސި ކިޔެވިއެވެ. ވަކި ވަރަކަށް ކިޔަވައިފައި ދެން ހަވާލުކުރަނީ ނަސީމަށެވެ. ނަސީމަކީ ރިޒްވާންގެ ބައްޕައެވެ. ކިޔަވާ އިރު ހަނާ ވަރަށް މަޑުން އޮވެއެވެ. ދޭތެރެއަކުން ހީނގަނެއެވެ. ފޮނި ވާހަކަތަކުން ހައްލައިލަން ވެސް އުޅެއެވެ.
"އެނގޭތަ މި ގޭގަ ކުރީ ޒަމާނުގަ އުޅުނު ބަޔަކު ބޮޑު ރަން ފޮއްޓެއް ވަޅުލާފަ ހުރިކަން؟" އަންހެނަކަށް ނުވާ ފިރިހެނަކަށް ނުވާ އަޑަކުން ހަނާ ބުންޏެވެ. "މަ ބުނެދީފާނަން ފޮށި ހުރި ތަން. ކޮނެގެން ނަގަންވީނު؟"
ނަސީމު ބަލައިލީ ރިޒްވާނަށެވެ. އަދި ބޮލުގެ އިޝާރާތުން ރިޒްވާނަށް ފެންނަނީ ކިހިނެއް ހަދަންހޭ އެހިއެވެ. އަނިލް ދެއްކި ވާހަކަ ރިޒްވާން ހަނދާން ހުއްޓެވެ. ވީމާ، ނޫނެކޭ ބުނުމުގެ ގޮތުން ރިޒްވާން ދެ އަތަކަށް ބޯހޫރިއެވެ. އެކަމަކު އެ ސުވާލު އަހައިލަން ރިޒްވާން ވެސް ބޭނުންވިއެވެ. ރަންފޮށީގެ ދަހިވެތިކަމުގައެއް ނޫނެވެ. ބުނާ އެއްޗެއް ބަލައިލަން ވެގެންނެވެ.
"ހުސް މަކަރު!" ރިޒްވާން ވާހަކަދެއްކީ ހިތާ ދެކޮޅަށެވެ. "އެ އުޅެނީ އަހަރުމެންގެ ބޯކާން ވެގެން."
ހަނާ ހޭން ފެށިއެވެ. ހީވާ ކަހަލައެވެ. ރިޒްވާންގެ ހިތުގައި އޮތް އެއްޗެއް "ހަނާ" އަށް އެނގެއެވެ.
"ކަލޭމެން އިންސާނުން ކީއްވެގެންތަ ތިހާ ދޮގުހަދަނީ؟" މަލާމާތުގެ ރާގަކަށް ހަނާ އެހިއެވެ. "ކަލޭ ރުޤްޔާކުރަން ގެންނަ މީހާ ވެސް ހެދީ ދޮގު. ބުންޏެއްނު ކަލޭގެ އަންހެނުން އޭނަ އަކަށް ރީއްޗެއް ނޫނޭ. ހުސް ދޮގު! ވިސްނާލަބަލަ! ކަލޭމެންނަށް ރަން ފޮއްޓެއް ދައްކައިގެން މަށަށް ކޮން ފައިދާއެއް ވާނީ؟ ކިތައް މިލިޔަން ރުފިޔާ ކަލޭމެންނަށް ލިބޭނެ؟ ބެންކޮކަށް ޖައްސާލާ، މަޖާކޮށްލާ، ކިހާ ކަމެއް އޭގެން ކުރެވޭނެ؟ ކަލޭމެން ހަމަ ބުނާށޭ ބުނާ އިރަށް މަ ބުނާނަން އެ ހުރި ތަން. ދާ ގޮތަށް ގޮސް ކޮނެވޭ ކަހަލަ ތަނެއް. ކޯޗެއް ވިސްނާކަށް؟"
ރިޒްވާނާއި ނަސީމު ވެސް އެ ބަހަށް ހެއްލެން ބޭނުންވިއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ.
"އެންމެ ރަނގަޅު،" ހަނާ ވާހަކަ ބަދަލުކޮށްލިއެވެ. "އެކްސިޑެންޓެއް ވެގެން ކަލޭމެންގެ ދަރިންގެ ތެރެއިން އެއް ކުއްޖަކަށް ވަރަށް ބޮޑު އަނިޔާއެއް ވާން އެބަ އުޅެޔޭ އަހަރެން ބުނެފިއްޔާ ޔޯ؟ ބޭނުންތަ އޭނަ ސަލާމަތްކުރަން؟ އަހަރެންގެ އެހީ ހޯދައިފިއްޔާ ހަމަ ކަލޭމެންނަށް އޭގެ ފައިދާކުރާނީ؟ މަށަށް އޭގެން ވާނެ އެއްވެސް ފައިދާއެއް ނެތް."
"ބުނެބަލަ އަޅެ!" ނަސީމަށް ކެތްނުކުރެވިގެން އެދުނެވެ.
"ކަލޭ ތީ މި ތާނގަ އިން އެންމެ ވިސްނޭ މީހާ،" ނަސީމަށް ހަނާ ތައުރީފުކުރިއެވެ. "މާދަމާ އެ ކުދިން ގޮވައިގެން ހުޅުމާލެއަށް ދާކަށްނު ތި އުޅެނީ. ނުދާތި!"
"ހަނާ" ބުނީ ތެދެކެވެ. އެ ދަތުރު އޮތީ ރޭވިފައެވެ. އޭރު އަދި މާލެ ފުރަބަންދެއް ނުކުރެއެވެ. އެއީ ރާއްޖެއަށް ކޯވިޑް ނަވާރަ އައިތާ ކައިރިއެވެ. ދަރިންގެ ފުރާނަ ސަލާމަތްކުރެވެން އޮތިއްޔާ ސަލާމަތްކުރަން ރިޒްވާން ވެސް ބޭނުމެވެ. އެކަމަކު އަނިލް އެ ފަދަ ކަންކަން ނުކުރަން ބުނެފައި އޮތީމައި ރިޒްވާނަށް ކުރަން ނުކެރުނީއެވެ. އެ "ހެޔޮ" ކަންތައް ކޮށްދިނުމަށް ފަހު ޖިންނީގެ ކިބައިން އެ ރޭ ހަނާ ސަލާމަތްވިއެވެ. އެހެނަސް ބެދެން އުޅެނީ ކިހާ ވަރުގަދަ މަޅިއެއްގައި ކަމެއް ރިޒްވާނަކަށް ނޭނގެއެވެ. ރިޒްވާން އެ ހާދިސާ ސިއްރެއް ނުކުރެއެވެ. ވީ ގޮތް އަނިލްއަށް ކިޔައިދިނެވެ. ހަގީގަތުގައި ޖިންނިސައިތާނާ ބޭނުންވި ގޮތަކީ އެއީއެވެ.
"ތި ސަކަރާތްވީ!" އަނިލް ވަރަށް ހިތްހަމަނުޖެހުނެވެ. "ކަނޑައެޅިގެން އަންގަވާފަ އޮންނާނީ ޖިންނީންގެ ފަރާތުން އެހީތެރިކަމަށް ނޭދެން. އެހެންވެ އެ ވަރަށް ބުނީ ވެސް. އަހަރެން ދެން ތި ގެޔަކަށް ނުދާނަން."
ނުނިމޭ