ކޮވިޑް-19 އިން އިތުރު 120 މީހަކު ރަނގަޅުވެއްޖެ
ކޮވިޑް-19 އިން އިތުރު 120 މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 120 މީހަކު ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މިއާއެކު އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 608 އަށް އަރައިފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވި މީހުންނާ އެކު، އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 1،224 އަށް މަދު ވެފައިވާ ކަމަށެވެ.

މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރު 12 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ 11 ދިވެއްސަކާއި އިންޑިއާގެ މީހެކެވެ.

އެޗްޕީއޭ އިން ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހުންނަކީ އެހެން ކްލަސްޓާތަކާ ގުޅޭ ކޭސްތަކެވެ. ބާކީ ތިބި ހަތަރު މީހުންނަކީ މީގެ ކުރީގެ ކޭސްތަކާ ގުޅުންހުރި ބައެއް ނޫނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ މިހާރުގެ ޖުމްލަ އަދަދަކީ 1،841 އެވެ. އޭގެ ތެރެއިން ހަތް މީހަކު މަރުވެފައި ވެ އެވެ. އެންމެ ފަހު މީހާ މަރުވެފައިވަނީ މިއަދެވެ.

ހުޅުލޭ އައިލެންޑް ފެސިލިޓީގައި ހުއްޓާ މަރުވި އުމުރުން 89 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިިދިޔަ ބުރާސްފަތި ދުވަހެވެ.