އިކާޑީ އަތުން ކެޕްޓަން ބޭންޑް ނުނަގަން ނިންމައިފި
އިކާޑީ އަތުން ކެޕްޓަން ބޭންޑް ނުނަގަން ނިންމައިފި

މިލާން (އޮކްޓޯބަރު 18) - އިންޓަ މިލާނުގެ ސަޕޯޓަރުންނަށް ބަދުބަސްތައް ރައްދުކުރި މައްސަލައިގައި އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ މައާފަށް އެދެމުން އޭނާ އަތުން ކެޕްޓަން ބޭންޑް ނުނަގަން ކްލަބުން ނިންމައިފި އެވެ.

މައްސަލަ ގޯސްވީ އުމުރުން 23 އަހަރުގެ އިކާޑީ ދާދި ފަހުން ނެރުނު ބަޔޯގްރަފީގައި އިންޓަގެ ސަޕޯޓަރުންނާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގެ ސަބަބުންނެވެ. އޭނާ ބުނެފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަސުއޮލޯ އަތުން ބަލިވި މެޗަށް ފަހު ސަޕޯޓަރުންނާ ކުރިމަތިލުމުން އެހެން ކުޅުންތެރިން އޭނާ އަށް ތާއީދުކުރި ކަމަށެވެ. އަދި އޭނާ ވަނީ އިންޓަ އަށް މަރުދޭ ސަޕޯޓަރުންގެ ގްރޫޕާ ކުރިމަތިލާން އާޖެންޓީނާ އިން ގޭންގެއް ގެނައުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އެއާ ގުޅިގެން އިންޓަގެ ސަޕޯޓަރުން ވަނީ ކަލިއާރީ އަތުން ހޮނިހިރު ދުވަހުގެރޭ 2-1 އިން އިންޓަ ބަލިވި މެޗުގައި އިކާޑީއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މެޗު ތެރެއިން އިންޓަ އަށް ލިބުނު ޕެނަލްޓީ އިކާޑީ ޖަހަން ދިއުމުން އިންޓަގެ ސަޕޯޓަރުން ނުރުހުޅުން ފާޅުކުރިއިރު އޭނާ އަތުން ޕެނަލްޓީ ބޭކާރުވުމުން ސަޕޯޓަރުން އުފާފާޅުކުރި އެވެ.

އިންޓަ އިން ބުނީ މި މައްސަލައިގައި އިކާޑީ މައާފަށް އެދި ޖޫރިމަނާއެއް ދައްކަން އަންގާފައިވާނެ ކަމަށާއި ކެޕްޓަން ބޭންޑް މިވަގުތަށް އަތުނުލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އިންޓަގެ ހާޑްކޯ ސަޕޯޓާސް ގްރޫޕުން ބުނީ އިންޓަގެ ނިންމުން ގަބޫލުނުކުރާނެ ކަމަށާއި އޭނާ ޖެހޭނީ ފޮތުން އެބައި އުނިކުރަން ކަމަށެވެ.