02 ޖޫން 2020 - 14:48

ބާސެލޯނާ (ޖޫން 2) – ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން، ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލަން އޭނާ އަށް އިހުތިޔާރު ލިބޭ މާއްދާ އަށް އަމަލުކުރަން ޖެހޭ މުއްދަތު ހަމަވެފައިވާތީވެ އޭނާ އަންނަ ސީޒަނުގެ ނިޔަލަށް ކްލަބުގައި މަޑުކުރާނެކަން ކަށަވަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ އަންނަ އަހަރެވެ. މިހާތަނަށް އެ ކޮންޓްރެކްޓް އާކޮށްފައެއް ނުވެ އެވެ. އެ ކޮންޓްރެކްޓުގައިވާ ގޮތުން މި ސީޒަން ނިމުމުން މެސީ އަށް ހިލޭ ކްލަބް ބަދަލުކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެ މާއްދާ އެކްޓިވޭޓްކުރަން ޖެހޭ މުއްދަތު މި ހަފުތާގައި ފަހަނައަޅައި ދިޔައިރު، މެސީ އޭގެ ބޭނުން ނުހިފާ އޮތުމުން، އަންނަ ސީޒަނުގެ ނިޔަލަށް އޭނާ މަޑުކުރާނެކަން ކަށަވަރުވީ އެވެ.
މިހާރު އުފެދޭ ސުވާލަކީ، އަންނަ ސީޒަން ކުޅެފައި މެސީ ކްލަބް ދޫކޮށްލާނެތީ އެވެ. ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ މެސީއާ ޖެނުއަރީ މަހު ޖެހުނު މައްސަލަތަކަށް ފަހު އެ އަޑުތައް ގަދަވި އެވެ. އަބިދާލާ މެދު މެސީ ހިތްހަމަނުޖެހުނީ އެ ޓީމުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އަބިދާލް އިންޓަވިއުއެއް ދިނުމުންނެވެ.
އޭރު އިޓަލީގެ މީޑިއާ އިން ރިޕޯޓްކުރި ގޮތުގައި އުމުރުން 32 އަހަރުގެ މެސީ ގެންދަން ޝައުގުވެރިވާނެ ފަސް ކްލަބެއް އެބައޮތެވެ. އެއީ ޔުވެންޓަސް އާއި އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީ އެވެ. ކުރިން ބެލެވިފައި އޮތީ މެސީ ބާސެލޯނާ އަށް ފަހު ދެން ގުޅޭނީ އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސްއާ އެވެ. އެކަމަކު މިހާ އަވަހަށް ބަދަލުވާ ނަމަ އޭނާ ބޮޑު ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކަމަކު މެސީ ވަނީ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް އުމުރު ދުވަހުގެ ކޮންޓްރެކްޓް ދޭން ބޭނުންވާ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫ ވެސް ވަނީ ވިދާޅުވެފަ އެވެ.
ބާސެލޯނާގެ ޔޫތު ޓީމާ 2001 ވަނަ އަހަރު ގުޅުނު މެސީ ސީނިއާ ޓީމަށް ކުޅެން ފެށީ 2004 ގަ އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 718 މެޗުން 627 ގޯލް ޖަހައިފަ އެވެ. އެ ޓީމާ އެކު ސްޕެނިޝް ލީގު 10 ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ހަ ފަހަރު ކާމިޔާބުކުރި އެވެ.