02 ޖޫން 2020 - 15:26

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށްޓަކައި ހުޅުވި ހާއްސަ ރިލީފް ފަންޑަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް މޯލްޑިވިއަން ރެޑް ކްރެސަންޓް (އެމްއާރްސީ) އިން އިއްޔެ ބުންޏެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުންކުރުމުން، އާމްދަނީ ލިބޭނެ މަގު ގިނަ ބިދޭސީންނަށް ބަންދުވި އެވެ. ކާބޯތަކެތި ލިބޭނެ ގޮތެއް ނެތި، އެތައް ބިދޭސީންނެއް ބަނޑަށް ޖެހުނެވެ. ފަސޭހައިން ގައިންގަޔަށް އަރާ މި ބަލި، ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައި ވަނީ ވެސް ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވި ބިދޭސީންނަށެވެ.
ބިދޭސީންނަށް އެހީވުމަށްޓަކައި އެމްއާރްސީން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުޅުވި ފަންޑަށް 1،374،745 ރުފިޔާ ލިބިފައިވާ ކަމަށް އެމްއާރްސީ އިން ބުންޏެވެ. އިގްތިސާދީ ދަތިތައް ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިވާން އެމްއާރްސީން ކުރަމުން ދިޔަ މަސައްކަތް ފުޅާ ކުރުމަށްޓަކައި ހުޅުވި މި ފަންޑަށް ފައިސާ ޖަމާކުރަން އެއް މަސް ދުވަހުގެ މުއްދަތެއް އެ ޖަމިއްޔާ އިން ދިނެވެ. ފަންޑު ހުޅުވުމަށް ފަހު ތިން ދުވަހުގެ ތެރޭގައި 190،000 ރުފިޔާ ލިބުނު ކަމަށް އެމްއާރްސީން މީގެ ކުރިން ބުނެފައި ވެ އެވެ.
އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، އެ ފަންޑަށް ލިބުނު ފައިސާގެ 85 ޕަސެންޓް (1،168،533ރ.) ބޭނުންކުރާނީ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ކަމަށެވެ. އިތުރު 10 ޕަސެންޓް (137،474ރ.)، ސާފުތާހިރުކަން ދަމަހައްޓަން ބޭނުންވާ ޕްރޮޑަކްޓްތަކަށް އަދި ފަސް ޕަސެންޓް (68،737ރ.) ހަރަދު ކުރާނީ އެތަނުގެ އިދާރީ ކަންތައްތަކަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އެންމެ ބޮޑު ބޭނުމެއް ޖެހިފައި މިވަނީ ކާބޯތަކެތި ފޯރުކޮށްދިނުމަށް، އެހެންކަމުން އަޅުގަނޑުމެން މި ވަނީ ފަންޑުގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ގިނަ ބައެއް އެކަމަށް ހާއްސަކޮށްފައި،" ހިމްޔާ ވިދާޅުވި އެވެ.
އެމްއާރްސީގެ މާލެ ގޮފިން މިހާރު ވެސް ހިންގާ މައިގްރަންޓް ސަޕޯޓް ސެންޓަރުން މިހާތަނަށް 3،600 އަށް ވުރެ ގިނަ ބިދޭސީންނަށް 100،000 އަށް ވުރެ ގިނަ މީލްޕެކް ފޯރުކޮށްދީފައިވާ ކަމަށް އެމްއާރްސީން ބުންޏެވެ.
މިހާތަނަށް 1829 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 590 ދިވެހިންނެވެ. ބަލި ޖެހިފައިވާ ބިދޭސީން ނިސްބަތުން ގިނަ އިރު، 1،003 ބަންގްލަދޭޝް މީހަކަށާއި 186 އިންޑިއާ މީހަކަށް މި ބަލި ޖެހިފައި ވެ އެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، އެ މީހުންގެ އަމިއްލަ ގައުމަށް އެނބުރި ގެންދިިއުމަށްޓަަކައި އިންޑިއާ އާއި ބަންގްލަދޭޝް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.