02 ޖޫން 2020 - 09:54

ކޮވިޑް-19އގެ ބަލިމަޑުކަމުގައި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ގިނަ މީހުން އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށާއި އެހެންވެ އެ މީހުން ގެންދަން އިތުރު ފްލައިޓްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ސަފީރު، ސަންޖޭ ސުދީރު ވިދާޅުވީ މި މަހުގެ 16-18 އަށް އެއާ އިންޑިއާގެ ތިން ބޯޓެއްގައި ރާއްޖޭގައި ތިބި ބައެއް ދިވެހިން އިންޑިއާ އަށް ގެންދާނެ ކަމަށެވެ. އެ ދަތުުރުތައް ޓްރިވެންޑްރަމާއި ކަލްކަތާއާ ހަމަ އަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ކޮވިޑް-19 އާ ހެދި އެކި ގައުމުތަކުގައި ތާށިވެފައިވާ ތިބި އެ ގައުމުގެ މީހުން އަނބުރާ ގެންދަން އިންޑިއާއިން ހިންގާ "ވަންދޭ ބާރަތު" އޮޕަރޭޝަންގެ ބައެކެވެ. ރާއްޖޭގައި މި އޮޕަރޭޝަންގެ ދެވަނަ ފޭސް ގައި ވައިގެ މަގުން 152 މީހަކު ފޮނުވާލާފައި ވެ އެވެ. އަދި އިންޑިއާގެ އަސްކަރީ މަނަވަރެއްގައި އިތުރު 700 މީހުން އަންނަ ހުކުރު ދުވަހު ވެސް ގައުމަށް ގެންދާނެ އެވެ.
މި އޮޕަރޭޝަނުގެ ފުރަތަމަ ފިޔަވަހީގައި، ކަނޑުމަގުން މަނަވަރުތަކެއްގައި 1،488 އިންޑިއާ މީހަކު ކޮޗިން އަށް ގެންގޮސްފައިވެ އެވެ.
ސުދީރު ވިދާޅުވީ އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ބޮޑު ލިސްޓެއް މިހާރު ވެސް އެބައޮތް ކަމަށެވެ. އެކަމަކު އެ ހުރިހާ އެންމެން ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރާނަން ވީހާ ވެސް ގިނަ ބަޔަކު ގެންދިޔުމަށް،" ޓްވިޓާގައި އާއްމުކުރި ވީޑިއޯއެއްގައި ސުދީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗާޓަރު ފްލައިޓްތަކަށް އިންޑިއާ މިހާރު ހުޅުވާލާފައިވާތީ އަމިއްލަ ކުންފުނިތަކާ ގުޅިގެން ވެސް އެ ފަދަ ފްލައިޓްތަކުގައި އިތުރު މީހުން ގައުމަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ފަސް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނަށް ބަލި ޖެހިފައިވާ ކަން އެނގުނީ، ކޮޗިންގެ ބަނދަރަށް ފޭބުމުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. އެ އެންމެންނަށް ވެސް މިހާރު ވަނީ ކޮޗިންގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ.
މަނަވަރުތަކުގައި ރާއްޖޭން ދާ އެންމެން ވެސް 14 ދުވަހުގެ ކަރަންޓީނުގައި ކޮޗިންގައި ތިބޭނެ އެވެ.
އިންޑިއާގެ އިތުރުން ރާއްޖޭގައި ތިބި ބަންގްލަދޭޝާއި އެހެން ގައުމުތަކުގެ ރަައްޔިތުން ވެސް ދަނީ އެ ގައުމުތަކަށް އަނބުރާ ގެންދަމުންނެވެ.