02 ޖޫން 2020 - 01:59

އަތޮޅުތަކުން ބޭސްފަރުވާ އަށް މާލެ އައިސް ވަނިކޮށް މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ރަށަށް ނުދެވި ތިބި މީހުންގެ ތެރޭގައި، ރިސޯޓްތަކުގެ ކަރަންޓީނު ފެސިލިޓީތަކަށް ދާން އުޒުރުވެރިވާ މީހުން އެބަ ތިބި ކަމަށާއި އެފަދަަ މީހުން ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި ކަރަންޓީނު ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ ރަށަށް ގޮސް ގޭގައި ކަރަންޓީނު ވާން އެދެނީ ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލާފައިވާ މީހުން އަދި އަމިއްލަ އަށް ތެދުވެ ނޫޅެވޭ ވަރުގެ ބަލި މީހުން ކަމަށެވެ. އެފަދަ މީހުން ރިސޯޓްތަކުގައި ކަރަންޓީނުވާން އުޒުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ފަރާތްތަކެއް އެބަތިބި ވަރަށް ދަތި ހާލުގައި. މިސާލަކަށް ކަރަންޓީނަށް ގެންގޮއްސިއްޔާ، ދާންމަތިވެފައި ތިބި މީހުން، ކެންސާ ޕޭޝަންޓުން އެކަހަލަ ހާއްސަ އެހީތެރިކަމެއް، ހާއްސަ އަޅައިލުމެއް، ހާއްސަ ކެއުންތަކެއް ދޭން ޖެހޭ ފަރާތްތަކެއް އެބަތިބި. އެހެންވީމާ މި ފަރާތްތައް ބޭނުން ވަނީ ހަމަ ރަށަށް ދިއުމަށް،" ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެފަދަ މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 128 މީހަކު ހުޅުމާލޭގެ ގެސްޓްްހައުސްތަކުގައި ކަރަންޓީނުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކޮށް ރަށަށް ގޮސްފަ އެވެ.
ހުޅުމާލޭގައި މީހުން ކަރަންޓީނުކުރާނެ ގެސްޓްހައުސްތައް ހޯދީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެންނެވެ. އެތަންތަން މެނޭޖް ކުރަމުން އަންނަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ޖެންޑާ މިނިސްޓްރީ ގުޅިގެންނެވެ.
މާލެ ލޮކްޑައުން ކުރުމުން ރަށަށްރަށް ނުދެވިގެން 5،000 އަށް ވުރެ ގިނަ މީހުން ނަންނޯޓްކުރި އެވެ. ޔުމްނާ މިރޭ ވިދާޅުވީ އޭގެ ތެރެއިން 2،638 މީހަކު މިހާރު ރަށްރަށަށް ފޮނުވައިދީފައިވާ ކަމަށެވެ.