01 ޖޫން 2020 - 22:14

ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީ، ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވަން ފެންނަ ކަމަށް އެ ކައުންސިލްގެ ކޮމިޓީއަކުން ލަފާދީފި އެވެ.
ތިން ނޫހެއްގައި، އެއް ލިޔުމެއް ޝާއިއުކުރި މައްސަލަ ބެލުމަށް ފަހު، ކޮވިޑް-19 ގުޅޭގޮތުން މީޑިއާގެ ކަންކަން ބަލަން އުފައްދާފައިވާ ވިލަރެސް ކޮމިޓީން ބުނީ، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަން ނޫސްތަކުން އެކުލަވާލާފައިވާ އެޑިޓޯރިއަލް ޕޮލިސީ އާއި ނޫސްވެރިންގެ އަހުލާގީ މިންގަނޑަކީ ވެސް ޓެކްނޮލޮޖީ އާއި މީޑިއާގެ ދާއިރާއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަހަރަކު އެއް ފަހަރު މުރާޖައާ ކުރަން ޖެހޭ އެއްޗެއް ކަމަށް ދެކޭ ކަމަށެވެ.
އެ އެއްޗެހި ހޯމް މިނިސްޓްރީ އާއި މީޑިއާ ކައުންސިލްގައި ފައިލްކުރަން އުސޫލެއް ކަނޑައަޅައި ކިޔުންތެރިންނަށް ނޫސްތަކުން އެފަދަ އުސޫލުތައް ފެންނާނެ ގޮތަކަށް އާއްމުކުރުމަށް ވެސް އެދޭ ކަމަށް ބުންޏެވެ.
ކޮމިޓީން ވަނީ، އެ ލަފާތަކަށް އަމަލީ ސިފަ ގެނައުމަށް އެމްއެމްސީ އަށް ހުށަހަޅަން ނިންމައިފަ އެވެ.
އެ ނޫހަކުން އަމަލުކުރާނެ އެޑިޓޯރިއަލް ޕޮލިސީއެއް ހެދި ނަމަވެސް ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އެ އެއްޗެހި ހުށަހަޅާކަށް ނުޖެހެ އެވެ.
އެމްއެމްސީގެ ވަގުތީ ކޮމިޓީން ދެން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ ސުލޫކާ ހިލާފުވެއްޖެ ނަމަ އެޑިޓޯރިއަލް ޕޮލިސީގެ ތެރެއިން އިދާރީ މައްސަލައެއްގެ ގޮތުގައި ބަލައި އެކަން ހިނގާފައިވާ ގޮތާއި އެކަމުގައި ނޫހުން އަމަލުކުރި ގޮތް ކިޔުންތެރިންނަށް އާއްމުކުރުމަކީ ރަނގަޅުކަމެއް ކަމަށާއި ކިއުންތެރިންގެ ކިބައިން މާފަށް އެދެން ޖެހޭ ނަމަ އެކަން އާއްމުކޮށް ކުރަން ނޫސްތަކަށް ބާރު އަޅަން ވެސް ލަފާދިނެވެ.