01 ޖޫން 2020 - 21:30

ވޮޝިންޓަން (ޖޫން 1) - އަމިއްލަ ކުންފުޏެއް ކަމަށްވާ ސްޕޭސްއެކްސްގެ ޖައްވީ އުޅަނދުގައި ނާސާގެ ދެ އޮސްޓްރޮނޯޓުން ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ފެށި ދަތުރު ގަޑިއަކު 17،500 މޭލު (28،000 ކިލޯމީޓަރު)ގެ ބާރު މިނުގައި 19 ގަޑިއިރަށް ފަހު ކާމިޔާބުކަމާ އެކު ފުރިހަމަ ކޮށްފި އެވެ.

ތާރީޚީ ދަތުރަކަށް ފަހު ނާސާގެ ދެ އޮސްޓްރޮނޯޓުން ކަމަށްވާ ބޮބް ބެންކެން އާއި ޑާގް ހާލީ ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އާ ޖައްވީ އުޅަނދު ޑްރެގަން ގުޅާލުމަށް ފަހު ސްޕޭސް ސްޓޭޝަނަށް ވަދެފަ އެވެ. ޖައްވީ ސްޓޭޝަނާ ގުޅާލާފައި ވަނީ ޗައިނާގެ މަތިންނެވެ. ފަޅުވެރިން އައިއެސްއެސް އަށް ވަނުމަކީ ޑްރެގަން ކެޕްސޫލްގެ ފުރަތަމަ ލެގު ކާމިޔާބުކަމާ އެކު ނިންމާލުމެވެ. މުޅި މިޝަން ކާމިޔާބު ވާނީ ފަޅުވެރިން އަނބުރާ ބިމަށް އައުމުންނެވެ.
ބޮން އާއި ހާލީ އައިއެސްއެސް އަށް ވަނުމާ އެކު އެ މީހުންނަށް މަރުހަބާ ކިޔާފައި ވަނީ ޖައްވުގައި މިހާރު ވެސް ތިބި ފަޅުވެރިން ކަމަށްވާ އެމެރިކާގެ އޮސްޓްރޮނޯޓް ކްރިސް ކަސިޑީ އާއި ރަޝިޔާގެ ކޮސްމޮނޯޓުން ކަމަށްވާ އަނަޓޮލީ އިވަނިޝިން އަދި އިވަން ވަގްނާ އެވެ. ފަސް މީހުން ވަނީ ފޮޓޯއަކަށް ހުއްޓިފަ އެވެ. އޭގެ ފަހުން، ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެންޓީން ވަނީ ހިއުސްޓަންގެ މިޝަން ކޮންޓްރޯލުން އެ މީހުންނާ ވާހަކަ ދައްކައިފަ އެވެ.
މިއީ އަމިއްލަ ކުންފުންޏެއްގެ އުޅަނދެއްގައި އިންސާނުން ޖައްވަށް އުފުލި ފުރަތަމަ ފަހަރެވެ. މި ތާރީޚީ ކާމިޔާބު ހާސިލްކޮށްފައިވ ވަނީ ބިލިއަނަރު އީލޮން މާސްކުގެ ސްޕޭސްއެކްސްގެ ޑްރެގަން އުޅަނދުންނެވެ.
މިއީ މީގެ ނުވަ އަހަރު ކުރިން ނާސާގެ ޝަޓްލް ޕްރޮގްރާމް ހުއްޓާލި ފަހުން އެމެރިކާގެ އުޅަނދެއްގައި އޮސްޓްރޮނޯޓުން ޖައްވަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުން އޮސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ނާސާ އިން ބޭނުންކޮށްފައި ވަނީ ރަޝިޔާގެ ސޮޔޫޒް ރޮކެޓެވެ. އެހެންކަމުން މި ދަތުރާ އެކު ވަނީ ސްޕޭސްފްލައިޓްތަކުގައި ކޮމާޝަލް ކުންފުނިތަކަށް އާ ދޮރެއް ހުޅުވިފަ އެވެ.
"ސްޕޭސް ޓެކްސީ" ކޮންޓްރެކްޓަށް އެމެރިކާ އިން ވަނީ ސްޕޭސްއެކްސް އާއި ބޯއިން ކުންފުންޏަށް ހަތް ބިލިއަން ޑޮލަރު ދީފަ އެވެ.