18 އޮކްޓޯބަރ 2016 - 09:17

ލިވަޕޫލް (އޮކްޓޯބަރު 18) - އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ރޭ ލީގުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ އެވެ.
މި ނަތީޖާއާ އެކު 17 ޕޮއިންޓާ އެކު ލިވަޕޫލް ހަތަރު ވަނައިގައި އޮތްއިރު ރޭ މޮޅުވި ނަމަ އެ ޓީމަށް އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ހަމަކުރެވުނީހެވެ. އަނެއްކޮޅުން ޔުނައިޓެޑް އޮތީ 14 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ރޭ މޮޅުވި ނަމަ އެ ޓީމަށް ފަސް ވަނަ އަށް އެރުނީހެވެ.
ލިވަޕޫލުގެ އެންފީލްޑުގައި ކުޅުނު މި މެޗުގައި ހޯސޭ މޮރީނިއޯގެ ޔުނައިޓެޑުން ވަނީ އޯގަނައިޒިން ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. ލިވަޕޫލުން މި ސީޒަނުގައި ދައްކަމުން އަންނަ ވަރުގަދަ އެޓޭކިން ކުޅުން ދެއްކުމުގައި ޔުނައިޓެޑުން ހުރަސް އެޅިއިރު ލިވަޕޫލުން ދުރުން ފޮނުވާލި ދެ ހަމަލާ ވެސް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އެވެ. އަނެއްކޮޅުން ޔުނައިޓެޑުން ވެސް ކުރިއަށް މާބޮޑަށް ޖެހިފައި ނުވާތީ އެ ޓީމަށް މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ.
މުޅި މެޗަށް ބަލާއިރު އެންމެ ހުސް ފުރުސަތެއް ލިބުނީ ޔުނައިޓެޑަށެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޕައުލް ޕޮގްބާ، ލިވަޕޫލުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ޒަލަޓާން އިބްރަހިމޮވިޗް ޖެހުމުން ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ. ގޯލަށް ސީދާ ބޯޅަ ފޮނުވާލަން އޭނާ އަށް ހުސްކޮށް ލިބުނު ނަމަވެސް ބެލެވޭ ގޮތުގައި އޭންގަލް ހަނިވުމުން އޭނާ މަސައްކަތްކުރީ އެ ބޯޅަ ގޯލް ކުރި މައްޗަށް ހުރަސް ކުރާށެވެ.
ތިން ޑިފެންސިވް މިޑްފީލްޑަރުންނާ އެކު، ޕެނަލްޓީ އޭރިއާ ތެރެ ޔުނައިޓެޑުން ގާޑުކުރުމުގެ ނަތީޖާއަކަށްވީ ލިވަޕޫލުން އޭރިއާ ބޭރުން އެޓޭކް އުފައްދަން މަސައްކަތްކުރުމެވެ. އެކަމަކު އެ ޓީމުގެ އެމްރެ ޗާން އާއި ފިލިއްޕޭ ކޮޓީނިއޯ ފޮނުވާލި ބާރު ދެ ބޯޅަ ޑެހެއާ ހުށިޔާރުކަމާ އެކު ދިފާއުކުރި އެވެ.
މެޗަށް ފަހު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ނަތީޖާއަށް ވުރެ ބޮޑަށް ހިތްހަމަނުޖެހެނީ ކުޅުމާ މެދު ކަމަށާއި ފުރަތަމަ ހާފުގައި ކުޅުންތެރިން ބޭކާރު ގޮތުގައި ހަކަތަ ދުއްވާލީ ކަމަށެވެ. އަދި ދެ ވަނަ ހާފުގައި އާ ބައެއް ކުޅުންތެރިންނާ އެކު ކުޅުން ހަލުވި ނަމަވެސް ފުރުސަތެއް ނުހޯދުނު ކަމަށެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ އޭނާ ބޭނުންވި ނަތީޖާ ނޫން ކަމަށާއި އެކަމަކު މިއީ ޕޮޒިޓިވް ނަތީޖާއެއް ކަމަށެވެ.