01 ޖޫން 2020 - 19:02

ކޮވިޑް-19 ޖެހޭ މީހުންގެ ފަރުވާއަށް ޚާއްސަ ތަނެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކަނޑައެޅިތާ މަހެއްހާ ދުވަހުގެ ތެރޭގައި 28 މީހަކަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގައި އެންމެ ހާލު ބޮޑުވާ މީހުންގެ ފަރުވާ އަށް ފުރަތަމަ ޚާއްސަކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯ (ޑީއެޗް11) އެވެ. އެކަމަކު، އެތަނަށް ބާރު ބޮޑުވެއްޖެ ނަމަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށަން، އެ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އޭޕްރީލް 26 ގަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ މީހަކު އެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން މަހެއް ވާން ކައިރި ވެފައިވާއިރު މިހާތަނަށް އެ ބަލީގެ 28 މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އެއީ މުޅިން ވެސް އައިޖީއެމްއެޗް މެދުވެރިކޮށް އެ ހޮސްޕިޓަލަށް ގެންދިޔަ މީހުން ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 25 މީހަކާއި ތިން ކުޑަކުއްޖެކެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެޑްމިޓް ކުރި މީހުންގެ ތެރެއިން ފަސް މީހުންނަކީ ކްރިޓިކަލް ކޭސްތައް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ ތެރެއިން ވެންޓިލޭޓަރަށް ލީ ދެ މީހުން މިހާރު ވަނީ ފަރުވާދީ، ވެންޓިލޭޓަރުން ނަގައިފަ އެވެ.
ކޮވިޑް-19 އަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި އުމުރުން 54 އަހަރުގެ ބަންގްލަދޭޝްގެ މީހަކު މިއަދު ވަނީ މަރުވެފަ އެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ދަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެކި ސްޓޭޖްގެ މީހުންނަށް 24 ގަޑިއިރު ހުއްޓުމެއްނެތި ފަރުވާ ކުރިއަށް ގެންދަމުން. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގާބިލު ޓީމުން ވަނީ ކޮރޯނާ ވައިރަހުގެ ބަލިމީހުންނަށް ބޭނުންވެފައިވާ އޮޕަރޭޝަންތަކާއި އަދި އެހެނިހެން ފަރުވާ ވެސް ކުރިއަށް ގެންގޮސްފައި،" ބަޔާނުގައި ވެ އެވެ.
ގައުމަށް ދިމާވެފައިމިވާ ނުރައްކާތެރި ސިއްހީ ކާރިސާގެ ވަގުތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ގައުމަށް ހިދުމަތްކުރަން ލިބޭ ފުރުސަތަކީ ފަޚުރެއް ކަމުގައި އެ ހޮސްޕިޓަލްގެ ހެލްތުގެ ބޯޑާއި ޑިރެކްޓަރުން ވެސް ގަބޫލު ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 1,773 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 453 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ހަ މީހަކު ވަނީ މަރުވެފަ އެވެ.