ފުރިހަމަ ތަނެއްގެ ގޮތުގައި އެންއައިސީ ހިންގަން ޖެހޭ: މިނިސްޓަރު
ފުރިހަމަ ތަނެއްގެ ގޮތުގައި އެންއައިސީ ހިންގަން ޖެހޭ: މިނިސްޓަރު

ވަކިވަކި ފުލުހުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)، ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި ހިންގުމަކީ ލާޒިމް ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެދުނު މައުލޫމާތު، އެންއައިސީން ނުދިނުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިނިވަން މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވީ އެ ކޮމެޓީން އެދުނު މައުލޫމާތު މިހާތަނަށް ވެސް އެންއައިސީ އިން ނުފޮނުވާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ އެ ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ޖަލުތަކުގައި ވެސް ނުހަމަ ގޮތެއްގައި ކަންކަން ނުހިންގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާކަމެއް ކަމަށެވެ. އެކަމަކު ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނާ މިނިވަން މުސްތަގިއްލު ގޮތުގައި، އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަކީ ލާޒިމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އެ ޓްވީޓް ކުރެއްވީ ގާނޫނުން އެންއައިސީއަށް މަތިކުރާ އެ މަސްއޫލިއްޔަތު ހިމެނޭ މާއްދާގެ ފޮޓޯއަކާ އެކު އެވެ.

މި މައްސަލައިގައި މަޖިލީހުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެންއައިސީން މަޖިލީހަށް މައުލޫމާތު ނުދިން ނަމަވެސް އެކި ގޮތްގޮތުން އެ މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ. އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނޭއިރު އެކަންކަން ރަނގަޅަށް ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި އެންއައިސީން ތަހުގީގުކޮށް ނިންމައި، ޕީޖީއަށް ފޮނުވާފައިވަނީ މަދު މައްސަލަތަކެކެވެ.

"މިއީ އެތައް މައްސަލައެއް ބަލަން ގާނޫނީ ގޮތުން ހަވާލުވެފައި އޮންނަ މުއައްސަސާއެއް.. އިއްޒަތްތެރި ރައީސް. ހަމަގައިމު ވެސް އަޅުގަނޑުގެ އިތުބާރެއް އެ ކޮމިޝަންގެ މެމްބަރުންނަކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.

އެންއައިސީގައި ފަސް މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ހަތަރު މެމްބަރުން އައްޔަން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގަ އެވެ. އެއީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.