02 ޖޫން 2020 - 09:07

ނަސްލީ ތަފާތުކުރުންތައް ނައްތައިލުމާއި އިޖުތިމާއި އަދާލަތު ގާއިމުކުރަން ކުރާ މަސައްކަތަކަށް އެހީވުމުގެ ގޮތުން ޔޫޓިއުބުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުން ހިންގާ ޔޫޓިއުބުން މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވަނީ އާންމުންނާ ކުރިމަތިލުމުގައި ފުލުހުން އަމަލުކުރާ ގޮތާ ބެހޭ މައުލޫމާތު އެއްކޮށް، ފުލުހުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާ ސެންޓަ ފޮ ޕޮލިސިން އިކިއުޓީއަށެވެ. އެތަނަކީ އެމެރިކާގެ ލޮސް އެންޖެލިސްގެ ކެލިފޯނިއާ ޔުނިވަސިޓީގެ ދަށުން ހިންގާ ތަނެކެވެ.
ޔޫޓިއުބުން ކުރި ޓްވީޓެއްގައި ބުނީ އެ ޕްލެޓްފޯމް އަބަދު ވެސް އޮންނާނީ ނަސްލީ ތަފާތުކުރުންތަކާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ އެކީގައި ކަމަށެވެ. އަދި މުޖުތަމައުގެ ކޮންމެ މީހަކަށް ލިބޭ ދެރަ އަކީ ހުރިހާ އެންމެންނަށް ވެސް ލިބޭ ދެރައެއް ކަމަށް ބުންޏެވެ.
ޔޫޓިއުބުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މަސައްކަތްތަކަށް މާލީ އެހީއެއް ދީފައި މި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ މިނިއާޕޮލިސްގައި ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުތެރޭގައި އޭނާ މަރުވެ، ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން އެމެރިކާގެ ސިޓީތަކުގައި މުޒާހަރާތައް ކުރަމުންދާ އިރު، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ މަރުވި ކަޅު ނަސްލުގެ މީހާ ޖޯޖް ފްލޯއިޑް، 46، އިންސާފު ހޯދައިދޭން ގޮވާލައި ސުލްހަވެރި މުޒާހަރާތައް ބާއްވަމުންނެވެ.