ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ
ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ

ރާޅާ އަޅާ މީހުންގެ ބަހުރުވައިން ނަމަ މިއީ، ތ. އަތޮޅުގައި އޮތް އެންމެ ސަޅި ރާޅު ނަގާ ސަރަހައްދެވެ. ދިވެހިންނާއި ބޭރުގެ އެތައް ސާފަރުން އެންމެ ގަޔާވާ އެއް ސާފިިން ސްޕޮޓެވެ. އެކަމަކު މަސް ފެކްޓަރީއެއް ހިންގަން އަމިއްލަ ފަރާތަކަށް ހަވާލުކޮށްފައިވާ ތ. ފުނައްޑޫގެ ފަރަށް، މީގެ ތިން އަހަރު ކުރިން އެރި ބާޖަކާ ގުޅިގެން އެ ރާޅުތަކުގެ އަސްލު ގެއްލި، އެމީހުންގެ ބަހުން ނަމަ ހަލާކުވެއްޖެ އެވެ.

ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ
ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ

ހިލަ ހިފައިގެން ދަތުރުކުރި، އިންޑޮނޭޝިޔާގެ ކުންފުންޏެއްގެ މި ބާޖު ފުން ނުކުރެވި އޮންނަތާ ތިން އަހަރު ވީ އެވެ. އެ ބާޖުން ހިލަ ހުސްކުރަން ދިޔަ ޓަގެއް ވެސް ފަރަށް އަރައި، މުޅި ސަރަހައްދުގެ ރީތިކަމަށް ވަނީ ހުރަސް އެޅިފަ އެވެ.

ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ
ބާޖަކާ ހެދި ރީތި ރާޅުތަކެއްގެ ދުވަސް ހިނގައްޖެ

ގުދުރަތީ މި ރީތިކަން ގެއްލެމުން ދާތީ، ރާޅާ އަޅާ މީހުންގެ ޖަމިއްޔާ (އެމްއެސްއޭ) އިން އެތައް ފަހަރަކު ވަނީ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް މި މައްސަލަ ހުށަހެޅުމުން އެންމެ ފުރަތަމަ ބުނީ ބާޖުގެ ވެރިފަރާތް ނޭނގޭ ކަމަށެވެ. ފަހުން، ބާޖު ނިސްބަތްވާ ކުންފުނި އެނގުނު ނަމަވެސް ވެރިފަރާތުން އޭގެ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް، އީޕީއޭއާ ހަވާލާދީ، އެމްއެސްއޭން ބުންޏެވެ.

އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަލީ އަހުސަން ބުނިގޮތުގައި ދެން ދިޔައީ ގާނޫނީ ކަންތައްތަކެއް ހިމެނޭތީ، ކަމާ ގުޅޭ ފަރާތްތަކުގެ ލަފާ ހޯދަން ބޭކާރުވި ދުވަސްތަކެކެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީއާ ވެސް ދެ ފަހަރެއްގެ މަތިން އެ ޖަމިއްޔާއިން ބައްދަލުކޮށް، ކަންބޮޑުވުން ވަނީ ހިއްސާކޮށްފަ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް މިއަދު ވިދާޅުވީ ފަރަށް އެރި ޓަގު ވަނީ، ކުންފުނީގެ ފަރާތުން މިހާރު ނަގައިފަ އެވެ. އެކަމަކު ބާޖު ވަރަށް ބޮޑަށް ހަލާކުވުމުން، އެ ފުން ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުންފުނިން އަޅުގަނޑުމެންނަށް ޔަގީންކަން ދީފައިވޭ ބާޖުގެ ބައިތައް ނަގާނެ ކަމަށް. އަދި ފަރަށް އެޅުނު ހިލަތައް ވެސް ނަގާނެ ކަމަށް،" ނައީމް ވިދާޅުވި އެވެ.

ރާޅާ އަޅާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ހަލާކުވެގެން ދަނީ އެ މީހުން ކުޅިވަރު ކުޅޭ "ދަނޑެވެ." އެކަމަކު އެއީ ފުޓުބޯޅަ ނުވަތަ ކްރިކެޓް ދަނޑު ފަދަ ހަލާކުވެއްޖެ ނަމަ އަލުން އެޅޭނެ "ދަނޑެއް" ނޫނެވެ. އެހެންވެ، ގުދުރަތީ މި ފަދަ ތަންތަން ހިމާޔަތްް ކުރަން ސަރުކާރުން އިސްކަން ދޭން ޖެހޭނެ ކަމަށް އެމްއެސްއޭން ގަބޫލުކުރެ އެވެ.

އަހުސަން ބުނިގޮތުގައި ފުނައްޑޫ ކައިރީގައި މި ނަގާ ރާޅުގެ ސިފަތަކަށް، އެ ސަރަހައްދުގެ ބައެއް ރިސޯޓުތަކާއި ރަށްތައް ހިއްކުމުގެ ތެރެއިން މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ސަފާރީތަކުންނާއި ބޭރު ގައުމުތަކުން އަންނަ ޓޫރިސްޓުން އެތަނަށް ރާޅާ އަޅަން ދިޔަ އެވެ. އެކަމަކު އެކަމަށް ހުރަސް އެޅީ ބާޖާއި ޓަގެވެ.

"ބާޖު އަރާފައި އޮތީ ވެސް ރާޅު ނަގާ ޕީކަށް [ރާޅު ނަގަން ފަށާތަން]. އެހެންވެ، މިއޮތް ހުރިހާ ދުވަހު އެތަނުގެ ރީތި ރާޅު އޮތީ ގެއްލިފައި،" އަހުސަން ބުންޏެވެ.

ބާޖު ނުނަގައި ގިނަ ދުވަސް ވާ ނަމަ، ފަރަށް ދާއިމީ ގެއްލުމެއް ލިބިދާނެ އެވެ. އޭރުން ދުވަހަކު ވެސް އެ ރީތި ރާޅުތަކެއް ނުލިބޭނެ އެވެ.

އަހުސަން ބުނީ ރާޅާ އެޅުން ރާއްޖޭގައި ފުޅާވެ، އެ ކުޅިވަރުގެ މީހުން ގިނަވި ނަމަވެސް، ރާޅާ އަޅާ ސަރަހައްދުތައް ހަލާކުވަމުންދާ ކަމަށެވެ. މާލެ ކައިރިން ރީތި ރާޅު ނަގާ ދެ ސަރަހައްދެއް، ބްރިޖް އެޅުމާއި މާލޭ ދެކުނު ފަރާތް ހިއްކުމުން މިހާރު ވެސް ގެއްލިއްޖެ އެވެ. ތަރައްގީގެ މަޝްރޫއުތަކާ ހެދި މި ފަދަ އިތުރު ތަންތަން ވެސް މިހާރު ދަނީ މުޅިން ހަލާކުވަމުންނެވެ.

"މިއީ ހަގީގަތުގައި ބޮޑު އެސެޓެއް. މި ތަންތަން ހިމާޔަތް ކުރަން ބޮޑު އިސްކަމެއް ދޭން ޖެހޭ،" އޭނާ ބުންޏެވެ.