02 ޖޫން 2020 - 09:23

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލޯބިވެރިޔާ މިހީކާ ބަޖާޖާ އެންގޭޖްވި އިންޑިއާގެ އެކްޓަރު ރާނާ ދަގޫބަތީގެ ކައިވެނި އަންނަ އޮގަސްޓް މަހުގެ 8 ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
އޭނާގެ އާއިލާ އިން ކުރިން ބުނެފައި ވަނީ ކައިވެނީގެ ހަފުލާ ބާއްވާނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އާއިލާ އިން މިހާރު ވަނީ އޮގަސްޓް 8 ގައި ކައިވެނީގެ ހަފުލާ ބާއްވަން ނިންމިކަން ކަށަވަރުކޮށް ދީފަ އެވެ.
ރާނާ އާއި މިހީކާ އެންގޭޖްވީ ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ. އިންޓީރިއާ ޑިޒައިން ކިޔަވައި، އެ ދާއިރާން އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަމުން އަންނަ މިހީކާ އަކީ ހައިދަރުއާބާދުގެ ނުފޫޒުގަދަ ވިޔަފާވެރިއެއް ކަމަށްވާ ސުރޭޝް ބަޖާޖް ދަރިއެކެވެ.
ބޮލީވުޑްގެ ފިލްމުތައް ވެސް މަދުމަދުން ކުޅެމުން އަންނަ ރާނާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލެވެ. އެގޮތުން އާންމުކޮށް އޭނާ ކުޅެނީ ތެލެގޫ އާއި ތަމަޅަ ފިލްމުތަކެވެ.
ރާނާ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބާހްބަލީ" ގެ ދެ ފިލްމުގެ ވިލަންގެ ރޯލް ބައްލާދޭވްގެ ރޯލް ކުޅުނު އެކްޓަރެވެ.
އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ހައުސްފުލް 4" އެވެ.