ކޮވިޑް-19 ޖެހުނު މީހުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ
ކޮވިޑް-19 ޖެހުނު މީހުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 453 މީހަކު ރަނގަޅުވެއްޖެ ކަމަށް އެންއީއޯސީ އިން މިރޭ ހާމަކޮށްފި އެވެ.

އެންއީއޯސީ އިން ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 453 އަށް އަރާފައިވާ ކަމަށާއި ބައްޔަށް ފަރުވާ ދެމުން އަންނަނީ 1،315 މީހަކަށް ކަމަށެވެ.

އަލަށް ރަނގަޅުވި މީހުންނާ އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް ވަނީ 27.09 ޕަސެންޓަށް އަރައިފަ އެވެ.

މިހާތަނަށް ޖުމްލަ 1،773 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ގިނަ ކޭސްތަކެއް ފެނިފައި ވިޔަސް މިރޭގެ ޕްރެސް ކޮންފަރެންސްގައި ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން އުޅޭ ކޮންޓެއިންމެންޓްތަކުން ފެނުނު ކުރީގެ ކޭސްތަކާ ގުޅުން ހުރި މީހުން ކަމަށެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި ބަލި މާލެއިން ފެނިފައި ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. މާލެއިން ބަލި ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި އޮތުމަށް ފަހު މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. ނަމަވެސް ބަލީގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށާއި އެހެންވެ ރައްކާތެރިކަމާ އެކު އުޅުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.