02 ޖޫން 2020 - 09:20

ސިންގަޕޫރު އެއާލައިންސްގެ ބިޒްނަސް ކްލާހުގެ އަރާމު ގޮނޑީގައި އޭނާ އިނަސް، ސިކުނޑި އޮތީ ހިތްހަމަޖެހުން ގެނެސްދޭ ކަހަލަ ފިކުރުތަކެއްގައެއް ނޫނެވެ. ހުރިހާ ކޮޅަކުން ވެސް އޭނާއަށް ވިސްނެނީ ބޮޑު ކަންތައްގަނޑެއް ލައިގަންނަނީ ކަމެވެ. އެންމެ ކުޑަވެގެން ރާއްޖޭގައި ހުންނަން ޖެހިލުންވާ ވަރަށް އޭނާގެ ފިކުރުތައް ބޮޑުވި އެވެ. މާލޭގައި ހުންނަ އޭނާގެ ދިހަ ބުރީގެ ގޭގެ އެންމެ މަތީގައި ހަދާފައިވާ ހަތަރު ހާސް ފޫޓުގެ ބޮޑު ޕެންޓްހައުސްގައި މަޑުކުރަން ވެސް އޭނާގެ ހިތް ބިރުގަނެ އެވެ. އެ ތަނުގެ ފާރުގައި ހަރުކޮށްފައި ހުންނަ ގުދުރަތީ ރީތިކަމުގެ ހިތްގައިމު ބޮޑެތި ފޮޓޯތަކުންނާއި ފެންވަރު މަތީ ގޮނޑިތަކާއި މަސާޖުކޮށްދޭ އަގު ބޮޑު އެނދުން ވެސް އޭނާއަށް ލިބުނު ހިތްހަމަޖެހުމެއް، މިދިއަ ދެ ހަފުތާއެއްހާ ދުވަހު، ނެތެވެ.
ފިކުރާއި ހިޔާލާއި ޝައްކާއި ވަހުމެވެ.
އެކަމަކު އޭނާގެ ދިރިއުޅުން އެ ހާލަތަށް ވެއްޓުމުގައި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، ފަޅުރަށެއްގައި މަރުވެފައި އޮއްވާ ފެނުނު މުޖޭ އަކީ އޭނާގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގައިދިން މީހެކެވެ. ދެން މަރުވެފައި އޮއްވާ ފެނުނު އަނެއް ހަތަރު މީހުންނަކީ، އެކަމުގެ ބައިވެރިންކަން އޭނާއަށް ޔަގީނެވެ. އެކަމަކު މުޖޭގެ އިތުރުން އޭގެ އެހެން މީހަކާ އޭނާ ބައްދަލެއްނުކުރެ އެވެ.
ހަބަރުތަކުން އެނގެނީ ފަސް ވަނަ މީހަކު ވެސް އެމީހުންގެ ތެރޭގައި އުޅޭނެ ކަމެވެ. ނަމަވެސް ރަށާއި ފަޅާއި ކަނޑުގެ ސަރަހައްދު ބެލިއިރު ވެސް، ފަސް ވަނަ މީހަކު ނުފެނެ އެވެ. އެހެންކަމުން އެ ފަސް ވަނަ މީހާއަށް ވީ ގޮތެއް އޭނާއަކަށް ވެސް ނޭނގެ އެވެ.
އެކަމަކު އޭނާއަށް ލަފާކުރެވެނީ، މިއީ އާދައިގެ ކަމެއް ނޫން ކަމެވެ. މިދިއަ ދެ ހަފުތާ ދިޔައީ އެ ވިސްނުމުގަ އެވެ. އޭނާއާ ހިސާބަށް ބަޔަކު އަތުވެދާނެތޯ ނުވަތަ ނޫންތޯ ކުރެވުނު ފިކުރުތަކުގަ އެވެ.
އިސްކޮޅުގައި ހަ ފޫޓެވެ. މެދު މިންވަރަކަށް ދޮނެވެ. ކުޑަ ބަނޑެއް ހުއްޓަސް، ހަށިގަނޑު ފަލައެއް ނޫނެވެ. އިސްތަށިގަނޑުގައި ގިނައީ ނުރަ އެވެ. އެކަމަކު އިސްތަށިގަނޑު ވަރުގަދަ އެވެ. ތުނބުޅި މަތިމަސް ހުރީ ބާލައި، އޮމާންކޮށްފަ އެވެ. ރީޑިން ގްލާސް ނޫން އައިނެއް ނާޅަ އެވެ. އުމުރުން 59 އަހަރެވެ.
ހުސެއިން އިސްމާއިލް، މަޝްހޫރު ނަމުން ނަމަ ހުސޭނުބެ، އެ ފަސޭހަ ބޮޑު ގޮނޑީގައި ހަމަޖެހިލެވޭތޯ އުޅުނެވެ. އޮވެވޭ ގޮތް ކަމުނުގޮސްގެން، ތެދުވެ، އަނެއް ފަރާތަށް ޖެހިލަ އެވެ. ގޮނޑިއަށް ހާއްސަ ޓީވީން ހިތްހަމަޖެހޭ ފަދަ އެއްވެސް އެއްޗެއް ނުފެނުނެވެ. ކާހިތެއް، އެއްޗެއް ބޯހިތެއް ވެސް ނެތެވެ. މީގެ ކުރިން ނަމަ އޭނާއަށް މީރު ކިތައްމެ އެއްޗެއް މިހާރު ވެސް ސާވްކޮށްފި އެވެ. އެކަމަކު މިރޭ އެއިން ކޮންމެ އެއްޗެއްގެ ވެސް ރަހަ ބަލާލައިފައި ބެހެއްޓެނީ އެވެ.
ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖެއިން ފުރައިގެން ސިންގަޕޫރަށެވެ. ފުރި ފަހުން މިހާރު ތިން ގަޑިއިރު ވެއްޖެ އެވެ. ދެން އޮތީ ގަޑިއެއްހާ އިރެވެ. ކުރީގެ ދަތުރުތައް ނަމަ އޭނާ އޮންނާނީ ނިދާފަ އެވެ. އެކަމަކު މިރޭ ނިންޖެއް ނާދެ އެވެ. އެއީ، މުޖޭގެ ހަށިގަނޑު ފެނުނު ހަބަރު އެނގުނު ފަހުން އޭނާގެ އާދަ އެވެ.
ހަތަރު މީހުން އެއް ފަހަރާ މަރާލާފައި އޮތީ ކީއްވެގެން ހެއްޔެވެ؟ މިއީ ހުސޭނުބޭގެ އެންމެ ބޮޑު ސުވާލެވެ. އޭނާ ވެސް ފުރަތަމަ ހިތަށްއެރީ ފައިސާގެ މައްސަލައެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މަރުވީ ކަމަށެވެ. އެ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަފުސަށް ބިރުގަންނަން ފެށީ، މުޖޭ ލައްވާ އޭނާ ކުރުވި އަނިޔާވެރިކަން ބޮޑު އަމަލުގެ ސަބަބުންނެވެ. އޭނާ ޔަގީންކުރީ މުޖޭގެ ފަރާތުން އެއްވެސް ކަމެއް ފަޅާނާރާނެ ކަމަށެވެ. އަދިވެސް ހިތަށްއަރަނީ، އަދި ނަފުސަށް ވިސްނައިދެވޭތޯ އުޅެނީ، މުޖޭގެ މަރާ އެކަމާ ގުޅުމެއް ނޯންނާނެ ކަމެވެ.
މައުސޫމާއި އޭނާގެ އަންހެނުންނާއި ތިން ކުދިން، ސްރީ ލަންކާގައި ހުންނަ އެމީހުންގެ ގޭގައި ގަތުލުކޮށްފައި އޮތް ހަބަރުން ސިހުން ނުލިބުނަސް، ފަހުން އޭނާ ބިރު ވެސް ގަތެވެ. އެކަމަކު ދުނިޔޭގައި ބާރާއި މޮޅާއި ފައިސާ އަކީ ކުޑަ އެއްޗެއް ނޫނެވެ. އަދި ތިމާމެން ކުރަން އުޅޭ ކަމަކަށް ހުރަސްއަޅާ މީހަކު ހުރެއްޖެ ނަމަ އެބަޔަކު ނެތިކޮށްލުމަކީ، އިންސާނީ ތާރީހުގެ ހަގީގަތްތަކެވެ.
އޭނާގެ ހަޔާތުގެ ބޮޑު ބައި ނިމިގެން ދިޔައީ ފައިސާ އާއި ބާރު ހޯދުމުގަ އެވެ. އެވަރުން ވެސް އޭނާއަށް ނުލިބުނު އެއްޗަކީ ރަނގަޅު އާއިލާއެއް ބިނާކުރުމުގެ ނަސީބެވެ. ދެރަވިޔަސް އަދި ބައެއް ފަހަރު އެކަމާ މެދު ވިސްނާލިޔަސް، ހިތަށްއަރަނީ "މަސައްކަތް ކުރީމެވެ. ދެން އެކަން ވާން ނެތީ ނޫން ހެއްޔެވެ؟" މިހެންނެވެ.
ހުސޭނުބޭގެ ދަރިއެއް ހުރެ އެވެ. އެކަމަކު އުމުރުން ތިރީސް ފަސް އަހަރުގެ އެ އަންހެން ދަރިފުޅު، ސާރާ އިސްމާއިލް، އުފެދުމުގައި ވެސް ހުރި މައްސަލައެއްގެ ސަބަބުން ހިނގާބިނގާވެ ނޫޅެވެ އެވެ. ވާހަކައެއް ނުދެއްކެ އެވެ. އެހެން މީހުން ކިޔާ އެއްޗެއް ވެސް ނޭނގެ އެވެ. އެހެންކަމުން އޮންނަނީ އެނދުގަ އެވެ. ބޭރުގެ ދެ ނަރުހަކާއި، އޭނާގެ އަންހެނުން، ނަޖުމާ އިބްރާހިމް، އަބަދުވެސް ތިބެނީ ސާރާގެ ހިދުމަތުގަ އެވެ.
ސާރާގެ ބަލީގެ ގޮތުން ޑޮކްޓަރުން ބުނެފައި އޮންނަނީ، ނަޖުމާ އާއި ހުސޭނުބޭގެ ޖެނެޓިކް މައްސަލައެއްގެ ސަބަބުން، ދެން ވެސް އެފަދަ ކުއްޖެއް ލިބުން ކައިރި ކަމަށެވެ. އެ ވާހަކައިން ދެ މީހުން ވެސް ގަތީ ބިރެވެ. އެހެންކަމުން އޭގެ ފަހުން ދެމަފިރިންގެ މެދުގައި ނުލިޔެވި އޮންނަ އެއްބަސްވުމެއް ގާއިމްވި އެވެ: އެހެން މީހަކާ ކައިވެނިނުކުރުމެވެ. ވަރިނުވުމެވެ.
ސާރާ ކޮންމެ ހާލެއްގައި އޮތަސް އެއީ ހުސޭނުބޭގެ ހިތެވެ. އޭނާގެ ލޯތްބެވެ. ގޭގައި އުޅޭ ނަމަ ސާރާ ކައިރީގައި އިނދެ، ކޮންމެވެސް ވާހަކައެއް ކިޔައިދީ، ހެއްވާ ހަދަ އެވެ. ބައްޕަ ދައްކާ ވާހަކަ ފަހުމް ނުވިޔަސް، ހޭން ފެށުމުން ސާރާ ވެސް ހެނީ އެވެ. ދެން ބައްޕަގެ ގައިގައި، އިރުއިރުކޮޅުން ބައްދާ ހަދަ އެވެ.
އެއީ ހުސޭނުބޭގެ ވަރަށް ބޮޑު އުފަލެކެވެ. ދަރިފުޅުގެ ހިނިތުންވުމާއި އެ ހުނުމާ ނުލައި، އޭނާގެ ދިރިއުޅުން ފުރިހަމައެއް ނުވެ އެވެ.
އެކަމަކު ނަޖުމާ އާއި އޭނާއާ ދެމެދު ދެމަފިރިކަމުގެ ގުޅުމެއް ނެތެވެ. ސާރާ ލިބި، ދެ ތިން އަހަރެއް ވީ ފަހުން ދެ މީހުން މަޑުމަޑުން ދުރުވި ގޮތަށް، ދުވާލުގެ ހުރިހާ ވަގުތެއް ނަޖުމާ ހޭދަކުރަނީ ސާރާ ބެލުމުގަ އެވެ. ދެން ފިލްމާއި ސީރީޒްތަކުން ފޫހިފިލުވާށެވެ. ގާތް ރަހުމަތްތެރިންނެއް ނުގެންގުޅެ އެވެ. ތިމާގެ މީހުންނާ ގުޅުމެއް ނުބާއްވަ އެވެ.
ހުސޭނުބޭ ތަފާތެވެ. އޭނާ އަކީ ރައްޓެހިން ގިނަ، ގެއިން ބޭރަށް ގޮސް މަޖާކޮށް އުޅޭ މީހެކެވެ.
ނަޖުމާއާ ކައިވެނިކުރުމުގެ ކުރިން ވެސް އޭނާގެ ވިޔަފާރި އޮތީ ފުޅާވެފަ އެވެ. މާލޭގައި ގިނަ ފިހާރަތަކެއް ހިންގި އެވެ. ފަހުން ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރި އެވެ. މިހާރު ވެސް ދެ ރިސޯޓެއްގައި އޭނާގެ ހިއްސާ އޮވެ އެވެ. އަހަރަކު ހައެއްކަ މިލިއަން ޑޮލަރު ލިބެ އެވެ.
ހަމައެކަނި އުފާކޮށްލުމަށްޓަކައި ގަވާއިދުން ބެންކޮކަށް ދާން ފެށީ، ސާރާ ލިބުނުތާ ހަތަރު އަހަރު ފަހުންނެވެ. އޭރު ދެމަފިރިންގެ ދިރިއުޅުމުން އެކަކު އަނެކަކުގެ ލޯބި ފިލައި ހިނގައްޖެ އެވެ. ނުވަތަ ދެ މީހުން ވެސް ގަބޫލުކުރަނީ އެގޮތަށެވެ.
ބެންކޮކަކީ ހުސޭނުބެއަށް އެންމެ ބޮޑު ހިތްހަމަޖެހުން ގެނެސްދޭ ސިޓީ އެވެ. އަމިއްލަ ގޭ ތެރެއިން ނުލިބޭ އުފާ އޭނާ ހޯދަނީ ބެންކޮކުންނެވެ. ގިނަ ފަހަރަށް އޭނާ ދަތުރުކުރަނީ ވެސް އެކަނިމާއެކަންޏެވެ. މަދު ފަހަރެއްގައި ސިޔާސީ ވަރަށް ކައިރި މީހަކު ގެންގޮސްފާނެ އެވެ. އެކަމަކު ކަންކަން ރޭވުމާއި އަމިއްލަ އުފަލުގެ ބައި ކުރިއަށް ގެންދަން އޭނާ އަބަދުވެސް އިސްކަންދެނީ އެކަނިމާއެކަނި އުޅެމުންނެވެ.
ދިރިއުޅުމަކީ، ހުސޭނުބެ ދެކޭ ގޮތުގައި، ގޭމެކެވެ. އެ ގޭމް ކުޅެން އެނގޭ މީހާ ކޮންމެ ހާލެއްގައި ވެސް މޮޅުވާނެ އެވެ. ރައީސް މުހައްމަދު ހާލިދު، ސިޔާސީ ހަޔާތް ފެށި އިރު އޭނާގެ ސަމާލުކަމަށް އައިސް ކަމުދިޔައީ، ގޭމް ކުޅެން މޮޅުވުމުންނެވެ. ވަރަށް އާދައިގެ މީހެކެވެ. ފުރަތަމަ އުޅުނީ ވެސް ޕާޓީގެ އާދައިގެ މަގާމެއްގަ އެވެ. އެކަމަކު ފަނަރަ އަހަރު ފަހުން، ރާއްޖޭގެ ވެރިކަމާ ހަމައަށް ރައީސް ހާލިދު ދަތުރުކުރި އެވެ.
ފަހަތުގައި ހުސޭނުބެ ހުއްޓެވެ. އެކަމަކު އެއްވެސް މަގާމެއް އޭނާ ބޭނުމެއް ނުވެ އެވެ. އެފަދަ މަގާމަކަށް ދާން ހިޔާލެއް ވެސް ނުކުރެ އެވެ. އޭނާގެ ގޭމް، ރައީސްގެ ގޭމެކޭ އެއްގޮތަށް ކުރިއަށް ދެ އެވެ. ރައީސް ބޭނުންވާ ކަންކަން އޭނާ ކޮށްދެ އެވެ. އޭނާ ބޭނުންވާ ކަންކަމަަށް ރައީސް މަގު ކޮށައިދެ އެވެ. ބޭނުން އިރަކު ބައްދަލުވެ އެވެ. ދުވާލުގެ ކޮންމެވެސް އެއް ކެއުމެއްގައި ނުވަތަ ސައެއްގައި އޭނާ ބައިވެރިވާން ޖެހެ އެވެ.
އަބަދުވެސް އޭނާގެ ވިސްނުން އޮންނަނީ ތިމާގެ އަގު ވެއްޓިދާނެ ފަދަ މަޅިއެއްގައި ނުޖެހި އުޅޭށެވެ. އަގު ވެއްޓި ނުވަތަ ބޭޒާރުވެއްޖެ ނަމަ އެހާ ހިސާބުން މީހާ ދުނިޔޭގައި ހުއްޓަސް، ނެތް ފަދަ އެވެ. އެހެންކަމުން ބެންކޮކްގައި ވެސް އޭނާ އަކީ އާންމުން ގޮސްއުޅޭ ތަންތަނަށް ވަންނަ މީހެއް ނޫނެވެ. އޭނާ ވަންނަނީ ވެސް، އަހަރީ ބޮޑު ފީއެއް ދައްކައިގެން، ހަމައެކަނި މުއްސަނދިންނަށް ހާއްސަ ބާތަކަށެވެ. އެއިން ތަނެއް ހުންނަކަން އާދައިގެ މީހަކަށް ނޭނގޭހާ ސިއްރު ތަންތަނެވެ. އެހެންކަމުން ދިވެއްސަކަށް ފެނި، އޭނާ ބޭޒާރުވެދާނެކަމުގެ ބިރެއް ނޯވެ އެވެ.
އަނެއް މަކަރަކީ އޭނާ ކުއްޔަށް ނަގާފައި ހުންނަ އެޕާޓްމަންޓެވެ. އަންހެންކުދިން ވައްދަނީ އެތަނަށެވެ. އެކަމަކު ކޮންމެ ދަތުރެއްގައި ވެސް އޭނާގެ ނަމުގައި ބެންކޮކްގެ މަތީ ފެންވަރުގެ ހޮޓަލެއް ބުކްކުރެ އެވެ. އެތަން ބޭނުން ވެސް ކުރެ އެވެ. އެހެންކަމުން އޭނާއާ މެދު އެހެން މީހަކު ޝައްކުކުރާނެ ޖާގައެއް ނުދެ އެވެ.
ލޯ ހުޅުވާލައިގެން ހުސޭނުބޭ އޮތެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ އެއްވެސް ކަހަލަ ތެޅުމެއް ނެތި، އެހާމެ އޮމާންކޮށެވެ. އެހެން ދަތުރުވެރިން ތިބީ ނިދާފަ އެވެ. ހޭލައި އޮތް މީހަކު ވިއްޔާ ޓީވީން ކޮންމެވެސް އެއްޗެއް ބަލައިގެން، ހިތްހަމަޖެހުމުގައި ވަގުތު ހޭދަކުރަނީ އެވެ.
ދަތުރު ފެށީއްސުރެ ގަސްދުގައި ނޫނަސް، ބައެއް ފަހަރަށް، އޭނާގެ ހިތަށް ވަރަށް ނުބައި ސުވާލެއް އަރައި ފައިބަމުން ދެ އެވެ. އެ ސުވާލުގައި ހިފަހައްޓާ، އެއާ މެދު ވިސްނާލަން އުޅެފައިމެ، ގަސްދުގައި ދޫކޮށްލަނީ އެވެ. ނުނިދިގެން، ނުކެވި، ނުބޮވި، ދެ ފަރާތަށް އެނބުރި އެނބުރި އޮވެވެނީ، އެހެންވެގެންނޭ އެއް ފަހަރު ހިތަށްއެރި އެވެ. ލޯ ހުޅުވާލައިގެން، ބޯޓުގެ ގާތްގަނޑަކަށް އަނދިރި ކެބިންގެ މައްޗަށް ބަލަހައްޓައިގެން އޭނާ އެ އޮތީ، އަނެއްކާވެސް އެ ސުވާލު، ބޭއިހުތިޔާރުގައި އައިސް، ތިލަވުމުންނެވެ.
އެކަން ކުރަން ހަވާލު ނުވެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
އާއެނކެވެ. އެކަން ކުރަން ހަވާލު ނުވެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ދެން ކުއްލިއަކަށް އޭނާގެ ހިޔާލުތަކުގެ ތެރެއަށް އައިސް ވެރިވެގަތީ، ސާރާ އެވެ. އެ ދަރިފުޅުގެ އަސްލު ހާލަތު އެނގުނު ދުވަހު، ދެމަފިރިން ދޭތެރެ ދޭތެރެއިން ރޮމުން ދިޔަ އެވެ. ބައެއް ފަހަރަށް، ހޮސްޕިޓަލްގެ ކޮޓަރި ތެރޭގައި ބައްދާލައިގެން ތިބެ އެވެ. އަނެއް ބައި ފަހަރަށް ދެ މީހުން ވަކިން، އެކަނި ހުރެ އެވެ. ފާހާނާ ތެރޭގަ އެވެ. ހޮސްޕިޓަލްގެ ކޮރިޑޯގަ އެވެ. ހޮސްޕިޓަލްގެ ބޭރުގައި، މީހަކަށް ނުފެންނާނެ ގޮތަށެވެ.
ރޮވުނީ އެއީ އެމީހުންގެ ދަރިފުޅަށް ވާތީ އެވެ. ހިތުގައި އޮތް ލޯބިންނެވެ. ސާރާ ބޮޑުވަމުން އައީ އެނދުގައި އޮވެގެންނެވެ. ކުޑަ ކުއްޖެއްގެ ސިފައިން ފުރާއުމުރެވެ. އޭގެ ފަހުން ޒުވާނެކެވެ. އަބަދުވެސް އޮންނަނީ ރީތިކޮށް ނަލަކޮށްފަ އެވެ. އޭރަކު ދުނިޔޭގެ ބާޒާރުން އެފަދަ ބަލި ކުދިންނާއި މީހުންނަށް ލިބެން ހުންނަ އެންމެ ޒަމާނީ އެނދާއި އާލާތްތައް ގެނެސްދެ އެވެ. ސާރާގެ ލޮލުން ކަރުނަ ތިއްކެއް ވެސް ވެއްޓިގެން ނުވާނެ އެވެ. ސާރާގެ މޫނުމަތިން ފެންނަން ޖެހޭނީ މުޅިން ވެސް ހިނިތުންވުމެވެ. މިއީ އޭނާ، އޭނާގެ އަންހެނުންނާއި ބޭރު ނަރުހުން ކައިރީގައި ބުނެފައި އޮންނަ ވާހަކަ އެވެ.
އަމިއްލަ ދަރިފުޅު، ސާރާ ދެކެ އެވަނީ ކިހާ ބޮޑު ލޯތްބެއް ހެއްޔެވެ؟
ދަރިން ވާނީ ދަރިންނަށެވެ. މައުސޫމްގެ ތިން ކުދިންނެވެ. ކުޑަކުޑަ ތިން ކުދިންނެވެ. އެންމެ ދޮށީ ކުއްޖާގެ އުމުރުން އެންމެ ދިހަ އަހަރެވެ. އެ ކުދިންގެ ލޭ އޮހޮރުވާލުމަކީ... އާއެނކެވެ: އެކަން ކުރަން ހަވާލުނުވެވުނު ނަމަ އެވެ.
އެކަމަކު އެ އަނިޔާވެރި މަސައްކަތް މުޖޭއާ ހަވާލުކުރީ އޭނާ އެވެ.
ވަރަށް ގާތް ރަހުމަތްތެރިޔަކު، ވަރަށް ސިއްރުން، މުޖޭގެ ވާހަކަ ކިޔައިދިނެވެ. ގުޅޭނެ ގޮތް ހަދައިދިނެވެ. "ކުރަންވާ ކަމެއް ކަލޭ ބުނާށެވެ، އޭނާ ކުރާނެ އެވެ،" މިއީ އެ ރަހުމަތްތެރިޔާ ބުނި ވާހަކަ އެވެ.
އެ ބައްދަލުވުން އޮތީ އޭނާގެ އެ ބޮޑު ޕެންޓްހައުސްގަ އެވެ. މުޖޭ އައިއިރު އޭނާ އިނީ ސާރާ ކައިރީގައި، ސަމާސާކުރާށެވެ. ގޭގެ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފު، އޭނާ ބުނި ގޮތަށް، މުޖޭ ގެންގޮސް ބޭންދީ ބޮޑު ސިޓިން ރޫމުގަ އެވެ.
އިރުކޮޅެއް ކޮށްފައި ސާރާއަށް ލޯބިން ދޮނެއް ދިނުމަށް ފަހު ދާން އުޅުނު ވަގުތު، ސާރާގެ އުފާވެރިކަން ކުއްލިއަކަށް ނެތުނެވެ. ދެ ލޯ ވައްކޮށްލައިގެން، އޭނާގެ ދެ ލޮލަށް ނަޒަރު ހުއްޓާލި އެވެ. ނުދާށޭ ބުނާ ފާޑަކަށް ބޯ ހޫރާލި އެވެ. އެކަމަކު ހެއްވާލަން މަސައްކަތްކޮށްފައި، އޭނާ ކޮޓަރިން ނުކުމެ، ދިހަ ވަނަ ބުރިއަށް އެރި އެވެ.
މުޖޭ ފެނުމުން ފުރަތަމަ ވެސް އޭނާގެ ހިތަށްއެރީ "މިއީ އެކަހަލަ ކަމެއް ކުރާ ވައްތަރުގެ މީހެއް ހެއްޔޭ" އެވެ. ހުރީ ރީތިކޮށް ގަމީސް ލައި، ދަށަށް ޖަހައި، ބޫޓަށް ވެސް އަރައިގެންނެވެ. އިސްކޮޅުން ރަނގަޅު ޒުވާނެކެވެ.
މާ ގިނަ ވަގުތެއް ހޭދަނުކޮށް ސީދާ މައުލޫއަށް ދިޔަ އެވެ. ބޮޑު މަސައްކަތެއް ކަމެވެ. އެހާ ސިއްރު، އެހާ ރިސްކް ބޮޑު، އެހާ ނުރައްކާތެރި ކަމެއް ވެސް މެ އެވެ. އެކަމަކު އަގު ލިބޭނެ ކަމެވެ. ދަތުރުގެ ހަރަދު ދޭނެ ކަމެވެ. އެޑްވާންސް ފައިސާއާ އެކު، ދެ މީހުންގެ ގުޅުން އެހާ ހިސާބުން ކެނޑުނީ ކަމެވެ.
މުޖޭ އެއްވެސް ޖެހިލުމެއް ނުވި އެވެ. "ގުޅާނީ އެކަމެއް ބޭނުންވީމަ، ހަވާލުކުރީމަ ނިމުނީ،" އެއީ އޭނާގެ ބަހެވެ.
ދެން އޭނާ އާއި މުޖޭ ވާހަކަ ދެއްކީ އެ ފަޅުރަށުގައި، އޭނާ ފޮނުވި ސްރީ ލަންކާ މީހަކު މެދުވެރިކޮށެވެ.
"އަނެއް ބައި އެކަން ނިންމާފައި އައިމާ. އޭގެ ކުރިން ވެސް، އޭގެ ފަހުން ވެސް، އަހަރެން ނެތިން. ހުރިހާ ކަމެއް ދެން ކުރާނީ ތި މީހާ،" އޭނާ އެހެން ބުނެފައި ފޯނު ކަނޑާލި އެވެ.
އޭނާ ބޭނުންކުރި ފޯނާއި ސިމާއި، އެކޮޅުން ބޭނުންކުރި ފޯނާއި ސިމް ވެސް ވީ ކަނޑު އަޑީގަ އެވެ.
އޭގެ ފަހުން އޭނާއަށް ލިބުނީ، މައުސޫމްގެ މުޅި އާއިލާގެ މަރުގެ ހަބަރެވެ.
އެ ހުރިހާ ކަމެއް އަސްލު ފެށިގެން އައީ އޭނާގެ ފަރާތަކުން ނޫނެވެ. އެއީ އޭނާ ހީވެސް ނުކޮށް ހުއްޓައި ކުރިމަތިވި މައްސަލަގަނޑެކެވެ. އޭނާގެ ދިރިއުޅުމެކޭ އެއްގޮތަށް، ފައިސާ އާއި ބާރާއި ނުފޫޒު ނޫން އެހެން އެއްޗެއް ދުނިޔެއިން ބޭނުންނުވާ މީހަކު އޭނާއާ ކުރިމަތިކުރުވި، ބަދުނަސީބު ފުރުސަތެކެވެ. އެކަމަކު އޭނާއަށް އޭގެ ތެރެއަށް ވަދެވި، މިހާރު އެންމެ ފަހުން އެ ދަނީ ފިލާށެވެ. ނުވަތަ އޭނާގެ ވަސްވާސްތައް އޭނާ އެ ގެންދަނީ ރާއްޖެއާ ދުރަށެވެ.
އޭނާއަށް އޮވެވުނީ ކިހާ ފުން ވިސްނުމެއްގައިކަން އެނގުނީ، ޕައިލޮޓްގެ އަޑުންނެވެ. ބޯޓު ޖައްސަން ކައިރިވަނީ އެވެ. އޭނާގެ ސިކުނޑިން އެ ވިސްނުންތައް ބޭރުވި އެވެ. އެކަމަކު އަދި ދަތުރެއް ނުނިމެ އެވެ. ސިންގަޕޫރަށް ޖެއްސުމަށް ފަހު، އެހެން ފްލައިޓެއްގައި، ބެންކޮކަށް ފުރާނެ އެވެ.
---
ބެންކޮކްގެ އެ ހަނި، ދިގު ގޯޅިގަނޑަށް ޓެކްސީ ވަދެގެން ގޮސް، އަނެއްކާ އެހެން ގޯޅިއަކަށް ލަނބާލި އެވެ. ގޯޅީގެ ދެ ފަރާތުގައި ހުރީ، މެދު ފަންތީގެ މީހުންނާއި އެއަށް ވުރެ ފަގީރުން އުޅޭ އިމާރާތްތަކެވެ. ގިނައީ ދުވަސް ވީ ތަންތަނެވެ. ޓެކްސީ ގޮސް، މަޑުކުރީ ފަނަރަ ބުރީގެ އިމާރާތެއް ކައިރިއަށެވެ. ހުސޭނުބޭ ޓެކްސީން ފައިބައި، ފޮށި ހިފައިގެން ގޮސް، އެތެރެއަށް ވަނެވެ.
ބާ އިމާރާތެކެވެ. އެކަމަކު ލޮބީ އޭރިޔާ ވެސް އޮތީ ވަރަށް ރީއްޗަށް ސާފުކޮށް، އެކި ތަންތަނުގައި، އޯކިޑް ކަހަލަ މާ ގަަސްތައް ވެސް ބަހައްޓައިފަ އެވެ. ސެކިއުރިޓީ ކެމެރާ ހުއްޓަސް، ގިނަ ފަހަރަށް މަސައްކަތް ނުކުރާކަން އޭނާއަށް އެނގެ އެވެ. ރަނގަޅީ ވެސް އެގޮތެވެ. އޭނާ ގޮސް، ލިފްޓަށް އަރައި، އަށް ވަނަ ފިތަށް ފިތާލި އެވެ. ދެން ކޮނޑުގައި އަޅުވާފައި ހުރި، އަތްމަތީ ބޭގް ތެރެއިން ތަޅުދަނޑި ފައްޗެއް ނެގި އެވެ. ލިފްޓް ގޮސް އަށް ވަނަ ބުރިއަށް ހުއްޓުނެވެ. އޭނާ އެއިން ފައިބައިގެން، އެއްފަރާތަކަށް ހިނގައިގަތެވެ.
އޭނާގެ އެ އެޕާޓްމަންޓް ހުރީ އިމާރާތުގެ އެއް ކޮޅުގަ އެވެ. ދޮރުމަތީގައި ފޮށި ބެހެއްޓުމަށް ފަހު، ދޮރު ހުޅުވާލި އެވެ. ދެން ފޮށި ވެއްދި އެވެ. ދޮރު ލެއްޕުމުގެ ކުރިން ތަޅުދަނޑި އަޅުވާފައި ހުރި އިލެކްޓްރިކް ކީ ޓެގް، އެ ޖަހަން ޖެހޭ ތަނަށް ކޮއްޕާލި އެވެ. އެތެރެއިން ދޮރުމަތީގައި ހުރި ބޮކި ދިއްލުނެވެ. އޭނާ ފޮށި ވައްދާފައި، ތަޅުލި އެވެ.
އެޕާޓްމަންޓްގެ އެހެން ސްވިޗްތައް އޮންކުރަން ފެށި އެވެ. ފަހަރަކު ބޮތްކެއް ދިއްލެމުން، ގޮސް، މުޅި ތަން އަލިވި އެވެ. އޭރު އެއީ، ބޭރުން ފެންނަ ކަހަލަ ބާ ތަނެއް ނޫނެވެ. އެއީ އެހާމެ ހިތްގައިމު، އެހާމެ މުއްސަނދިކަން ބޮޑު، ރީތި އެޕާޓްމަންޓެކެވެ. އޭނާ ފޮށި ހިފައިގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. ދެ ފަރާތަށް ދެ ކޮޓަރި ހުއްޓެވެ. އެތަނުން އެއް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލައި، އަނބުރާލި އެވެ. އޭނާ ދޮރު ހުޅުވާލި އެވެ.
އެކަމަކު ވަންނަން ބަލައިލި އިރު ކުރިމަތީގައި ހުރީ ފިރިހެނެކެވެ. އޭނާގެ ދެ ލޯ ބޮޑުވި އެވެ. ދެން ފެނުނީ، އެ މީހާގެ އަތުގައި އޮތް އެއްޗެއް، އޭނާގެ މޫނަށް ޖެހި ތަނެވެ.
ކުއްލިއަކަށް އަނބުރައިގަނެ، ހުސޭނުބޭ ހުރި ތަނަށް ވެއްޓެން ދިޔަ އެވެ. އެކަމަކު އެމީހާ އޭނާ ހިފެހެއްޓި އެވެ.
(ދެވަނަ ބައި، 4 ޖޫން، 2020، ބުރާސްފަތި)