އިންޑިއާގެ އިތުރު 700 މީހުން ރާއްޖެއިން ގެންދަން މަނަވަރެއް އަންނަނީ
އިންޑިއާގެ އިތުރު 700 މީހުން ރާއްޖެއިން ގެންދަން މަނަވަރެއް އަންނަނީ

ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 700 މީހުން އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި ގެންދަން ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސަރުކާރުން އަންނަނީ އެކި ގައުމުތަކުގައި ތާށިވެފައި ތިބި އެ ގައުމުގެ ރައްޔިތުން އިންޑިއާ އަށް ގެންދަން ދުނިޔޭގައި މިހާތަނަށް ހިންގާ އެފަދަ އެންމެ ބޮޑު އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ. އޮޕަރޭޝަން "ވަންދޭ ބާރަތު" ގެ ނަން ދީފައިވާ އެ އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ތިބި 1،400 މީހަކު މަނަވަރެއްގައި ކުރިން ގެންގޮސްފައި ވާއިރު، 153 މީހަކު ވައިގެ މަގުން ވެސް ވަނީ ގެންގޮސްފަ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ލަންކާގައި ތިބި އިންޑިއާގެ 700 މީހުންނާއި ރާއްޖެއިން އިތުރު 700 މީހުން އެ ގައުމަށް ގެންދިއުމަށް އިންޑިއާގެ އަސްކަރީ މަނަވަރެއް ކަމަށްވާ އައިއެންއެސް ޖަލަޝްވާ މާދަމާ ދަތުރު ފަށާނެ އެވެ.

ކުރިން އެމެރިކާ ސިފައިން ބޭނުންކުރި އައިއެންއެސް ޖަލަޝްވާ އަކީ މީހުން ސަލާމަތް ކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއްގައި ބޭނުންކުރި މަނަވަރެވެ. އިންޑިއާގެ ކުރިން އެމެރިކާ އިން ޔޫއެސްއެސް ޓްރިންޓަންގެ ނަން ދީގެން އެ މަނަވަރު ބޭނުން ކުރިއިރު، 1991 ވަނަ އަހަރު ސޯމާލިއާގައި ހަމަނުޖެހުން ބޮޑުވުމުން އެ ގައުމުގައި އޭރު ތިބި އެމެރިކާ އެމްބަސީގެ މުވައްޒަފުން ސަލާމަތްކޮށް، އަނބުރާ ގެނައުމަށާއި ލުބުނާންގައި ތިބި އިންޑިއާގެ 3،500 މީހުން 2006 ވަނަ އަހަރު ގެނައުމަށް ވެސް އެ މަނަވަރު ބޭނުންކުރި އެވެ.

އޭގެފަހުން 2006 ވަނަ އަހަރު އިންޑިއާއަށް އެ މަނަވަރު ވިއްކާލާފައި ވަނިކޮށް، 2011 ވަނަ އަހަރު ލީބިއާގެ ދާޚިލީ ހަނގުރާމަ ތެރޭގައި ތާށިވި އިިންޑިއާގެ މީހުން ސަލާމަތްކޮށް، އަނބުރާ ގެނައުމަށް ގެނައުމުގައި ވެސް އައިއެންއެސް ޖަލަޝްވާ ބޭނުންކުރި އެވެ.

އިންޑިއާގެ އިތުރުން ރާއްޖޭގައި ތިބި ބަންގްލަދޭޝާއި އެހެން ގައުމުތަކުގެ ރަައްޔިތުން ވެސް ދަނީ އެ ގައުމުތަކަށް އަނބުރާ ގެންދަމުންނެވެ.