މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރު ތިމަރަފުށްޓާއި ކުޑަހުވަދޫގައި
މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރު ތިމަރަފުށްޓާއި ކުޑަހުވަދޫގައި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ތ. ތިމަރަފުށި އަދި ދ. ކުޑަހުވަދޫގައި ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މުބާރާތުގެ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގަ އެވެ. މި ބުރުގެ ގުރުއަތުލުން އެފްއޭއެމް ހައުސްގައި މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފައިނަލް ބުރުގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ އާއި ގއ. ދެއްވަދޫ އާއި ތިމަރަފުށްޓާއި ކުޑަހުވަދޫ އާއި އދ. މަހިބަދޫ އާއި ބ. އޭދަފުށްޓާއި ނ. ލަންދޫ އަދި ހދ. ހަނިމާދޫ އެވެ.

މި ފަހަރުގެ މުބާރާތުގައި މުޅި ރާއްޖޭން 75 ޓީމަކުން ބައިވެރިވި އެވެ. އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ޗެމްޕިއަނުން ހޮވުމަށް ފަހު ދެން ކުޅުނީ ޒޯންތަކުގައި މެދުގައި ބުރެކެވެ. ފައިނަލް ބުރަށް ހޮވިފައިވަނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނެވެ.

ރާއްޖެތެރޭ ފުޓްބޯޅަ މުބާރާތުގެ ނަމުގައި (ފަހުން އަތޮޅު ފުޓްބޯޅަ މުބާރާތް) 1982 ވަނަ އަހަރު ފެށި މުބާރާތް ބަދަލުތަކަކާ އެކު މިދިޔަ އަހަރު އަލުން ފެށީ ނުބޭއްވި ގިނަ ދުވަސްތަކެއް ވުމަށް ފަހު އެވެ. މިއީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށް އެންމެ ކުޅުންތެރިން ނެރެދީފައިވާ މުބާރާތެވެ.