31 މެއި 2020 - 18:47

ރާއްޖެއިން ސްރީ ލަންކާއަށް ދިޔަ އެ ގައުމުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން އެ މީހުން ގައުމުތަކަށް މިހާރު ދަނީ ފޮނުވަމުންނެވެ.
ލަންކާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ކޮވިޑް-19 އަށް އެ ގައުމުގައި އިތުރު 62 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއިން ދިޔަ ތިން މީހަކާއި ގަތަރުން ލަންކާއަށް ދިޔަ އެ ގައުމުގެ މީހުން ހިމެނޭ ކަމަށެވެ.
ލަންކާގައި ކޮވިޑް-19 އަށް މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބަޔާ ގާތްކުރާ އަދަދެއްގެ މީހުން މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ވެސް ކޮވިޑް-19 އަށް 1،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި ލަންކާގެ ނުވަ މީހަކު ވެސް ހިމެނެ އެވެ.