31 މެއި 2020 - 11:48

ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުން އަންނަ މީހުންނަށް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަމަޖައްސައިދީފި އެވެ.
އެމްޑަބްލިއުއެސްސީން އާންމު ގޮތެއްގައި ޗެކް މެދުވެރިކޮށް ފައިސާ ދައްކަނީ ވިޔަފާރިތަކާއި މުއައްސަސާތަކާއި ޑޮމެސްޓިކް ކަސްޓަމަރުންގެ ގޮތުގައި ހިމެނޭ ކެޓަގަރީގެ ކަސްޓަމަރުންނެވެ. މިގޮތަށް ފައިސާ ޖަމާކުރަން ބޭނުންވާ ކަސްޓަމަރުން އެ ކުންފުނީގެ ރުފިޔާ އެކައުންޓް 001-101705-7701 އަށް އަދި ޑޮލަރު އެކައުންޓް 002-101705-7701 އަށް މިހާރު ފައިސާ ޖަމާކުރެވޭނެ އެވެ.
ފައިސާ ފޮނުވުމަށް ފަހު އެމްޑަބްލިއުއެސްސީގެ ވެބްސައިޓް މެދުވެރިކޮށް އެ ކަސްޓަމަރެއްގެ މައުލޫމާތު ފުރިހަމަކޮށް ޕޭމެންޓް ކަލެކްޝަން ފޯމު ފުރުމަށް އެކުންފުނިން އެދެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މީގެ ކުރިން ޗެކް މެދުވެރިކޮށް ފައިސާ ދެއްކި ހުރިހާ ކަސްޓަމަރުންނަށް ވެސް މިހާރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓުގައިވާ މައުލޫމާތުތައް ފުރިހަމަ ނުކުރާ ކަސްޓަމަރުންނަށް އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް އައުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލުމާތު ކަސްޓަމާ ކެއާގެ ނަންބަރު 105 އަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވައިގެން ވެސް ހޯދޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ އޮފީހަށް ގޮސް ލިބޭ ކަސްޓަމާ ސާވިސްގެ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލައިފަ އެވެ. މި ހާލަތުގައި އެމްޑަބްލިއުއެސްސީގެ ވެބްސައިޓާއި އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިން އެދެ އެވެ.