31 މެއި 2020 - 12:50

ނިއު ދިއްލީ (މެއި 31) - އިންޑިއާގައި ރެކޯޑް އަދަދަކަށް ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވި ނަމަވެސް އަންނަ މަހު ކުރީކޮޅުން ފެށިގެން ލޮކްޑައުން އަށް އިތުރު ލުއިތައް ދޭން ނިންމައިފި އެވެ.
ތިން ފިޔަވައްސަކަށް ބަހާލާފައިވާ ޕްލޭނުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖޫން 8 ވަނަ ދުވަހުން ފެށިގެން ގިނަ ސަރަހައްދުތަކެއްގައި ރެސްޓޯރެންޓް، ހޮޓާ، ޝޮޕިން ސެންޓަރު އަދި އަޅުކަން ކުރާ ތަންތަން ހުޅުވާލާނެ އެވެ. ހަފުތާތަކެއް ފަހުން، ލަފާ ކުރެވޭ ގޮތުން ޖުލައި މަހު، ސްކޫލްތަކާއި ކޮލެޖްތައް ހުޅުވާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ދަތުރުތަކާއި މެޓްރޯ ޚިދުމަތް، ސިނަމާ، ކުޅިވަރު ކުޅޭ ތަންތަން އަދި ޖިމްތައް ހުޅުވާނެ އެވެ. ލޮކްޑައުންނަށް ލުއި ދެނީ ގައިޑްލައިންތަކާ އެކު އެވެ. ނަމަވެސް ކޭސްތައް ގިނަ އިން ފެންނަ ސަރަހައްދުތައް އޮންނާނީ ވަރަށް ހަރުކަށި ލޮކްޑައުނެއްގަ އެވެ.
ލޮކްޑައުން އަށް ލުއި ދިނުމުގެ ޕްލޭން އިއުލާންކޮށްފައި މި ވަނީ އެއް ދުވަސްތެރޭ ރެކޯޑް އަދަދެއް ކަމަށްވާ ގާތްގަނޑަކަށް 8،300 މީހުން، ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައި ވަނިކޮށެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން މިހާތަނަށް ވަނީ 181,796 މީހުން ޕޮޒިޓިވްވެ 5،185 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 86,896 މީހުންނެވެ.
ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އިންޑިއާ ލޮކްޑައުން ކުރީ މާޗު މަހު އެވެ. ރަސްމީ ލަފާކުރުންތައް ދައްކާ ގޮތުން ލޮކްޑައުންގެ ސަބަބުން އިންޑިއާ އިން ވަނީ 37،000-78،0000 އާ ދެމެދުގެ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްވެފަ އެވެ. ނަމަވެސް ލޮކްޑައުންގެ އިގްތިސާދީ ގެއްލުން ވަނީ އެތައް މިލިއަން ބަޔަކަށް ފޯރައިފަ އެވެ.
އިންޑިއާގެ އޮފިޝަލުން ބުނެފައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ސަރަހައްދުތަކަށް އިތުރު ލުއިތައް ދޭނެ ކަމަށެވެ. އިންޑިއާގެ އެކްޓިވް ކޭސްތަކުގެ 80 ޕަސެންޓް ފެންނަނީ ފަސް ސްޓޭޓަކުންނެވެ. އެއީ މަހާރަޝްތުރާ، ޓަމިލް ނާޑޫ، ދިއްލީ، ގުޖުރާތު އަދި މަދިޔަ ޕްރަދޭޝް އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން 60 ޕަސެންޓް ކޭސް ފެނިފައި ވަނީ ފަސް ސިޓީއަކުންނެވެ. އޭގެ ތެރޭގައި މުމްބާއީ އާއި ދިއްލީ އަދި އަހުމަދުއާބާދު ހިމެނެ އެވެ.