އިނގިރޭސިވިލާތުގެ ކުންފުންޏަކުން ރާއްޖެއަށް 75،000 މާސްކު ހަދިޔާކޮށްފި
އިނގިރޭސިވިލާތުގެ ކުންފުންޏަކުން ރާއްޖެއަށް 75،000 މާސްކު ހަދިޔާކޮށްފި

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ވައިސް ފުޑްސް އިން ރާއްޖެއަށް 75،000 ސާޖިކަލް މާސްކް ހަދިޔާކޮށްފި އެވެ.

މިއީ އެ ކުންފުނީގެ ޗެއާމަން، ޖޯން ބާޓަން، ރާއްޖޭގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާ ކުރެއްވި މާސްކުތަކެކެވެ. މި މާސްކުތައް ބޭނުން ކުރާނީ މި ބައްޔާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ މީހުންނެވެ.

އެ ކުންފުނީގެ ފައުންޑާ ޖޯން ވިދާޅުވީ މި ދަނޑިވަޅަކީ އެންމެންނަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ. އަދި އެ ކުންފުނިން ހަދިޔާކުރި މާސްކްތަކަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަދިޔާކުރި ތަކެއްޗަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންތެރި އެއްޗަކަށް ވާނެކަމަށް އުންމީދު ކުރަން. ދިވެހިންގެ ރައްކާތެރިކަން ދަމަހައްޓަން އެ މީހުން އެ އަންނަނީ ރެއާއި ދުވާލު މަސައްކަތްކުރަމުން،" ޖޯން ވިދާޅުވި އެވެ.

އެންޑީއެމްއޭގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، ވޯލްޑް ވައިސް ފުޑްސް އިން ހަދިޔާކުރެއްވި މާސްކުތައް ބޭނުންކުރާނީ ކަރަންޓީން ފެސިލިޓީތަކުގައި ކަމަށެވެ. އަދި މި މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެސް މި މާސްކުތައް ބަހާނެ ކަމަށެވެ.

ވޯލްޑް ވައިސް ފުޑްސް އަކީ ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މި މަސައްކަތުގައި އެތައް އަހަރުތަކެއް ވަންދެން ރާއްޖެއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ޕާޓްނަރެކެވެ. މިފްކޯގެ ތަރައްގީއަށް ވެސް އެ ކުންފުނިން ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވޯލްޑް ވައިސް ފުޑްސްގެ އިތުރުން އެހެން ބައިނަލްއަގްވާމީ ވިޔަފާރިތަކުން ވެސް އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވަމުންނެވެ. ތައިލެންޑުގެ މައިނަ ކުންފުނިން ވަނީ ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރު މެޝިނަކާއި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރު ބިލިއަނައަރު އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ވެސް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކުރައްވައިފަ އެވެ.