31 މެއި 2020 - 09:28

އަހަރެމެންގެ މުޅި ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ބަންދުގައި، ގެއިން ނުނިކުމެ އުޅޭތާ ދޮޅު މަސް ވީ އެވެ. މިއީ އާދައިގެ ބަންދެއް ނޫނެވެ. ކުރިން އުޅެމުން އައި މިނިވަން، ހެލިފެލިވެ އުޅުން ގިނަ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ އެވެ. އެކަމަކު ކޮރޯނާވައިރަސްގެ ނުރައްކަލާ ހެދި އެ ނޫން ގޮތެއް ނެތެވެ.
ނަސީބަކުން މިވަރުގެ ކަމެއް ދުނިޔެއަށް ލައްވާލި އިރު ގޭގައި ތިބެގެން ކުރެވޭނެ ކިތައްމެ ކަމެއް، ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު އޮތީ ލިބިފަ އެވެ. މުނިފޫހިފިލުވުމާއި ހަބަރާއި އެނޫން ވެސް މައުލޫމާތު ގޭގައި ތިބެގެން ވެސް، ބޭނުން ގޮތަކަށް، ހޯދުމުގެ ފުރުސަތު އޮވެ އެވެ.
"މިހާރު" ން އަލަށް ތައާރަފުކުރި ޕޯލްގައި ފުރަތަމަ ބެލީ މި ލޮކްޑައުންގައި ގިނަ މީހުން ކުރަނީ ކީއްތޯ އެވެ. އެގޮތުން ދިން ތިން ދާއިރާގެ ތެރެއިން ގިނަ މީހުންގެ ޖަވާބަކަށް ވީ، ދުއާ ކުރުމާއި އަޅުކަމުގައި ވަގުތު ހޭދަކުރާ ކަމެވެ.
ޕޯލްގައި ބައިވެރިވި 2،826 ކިއުންތެރިންގެ ތެރެއިން އަޅުކަމާއި ދުއާކުރުމުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް، 1،342 މީހުން ނުވަތަ 47 ޕަސެންޓް މީހުން ބުންޏެވެ.
ދެވަނަ އަށް އެންމެ ގިނަ މީހުން ވަގުތު ހޭދަކުރާ ކަމަށް ބުނީ ހަބަރުތައް ކިއުމުގައި ކަމަށެވެ. އެއީ 750 މީހުން (27 ޕަސެންޓް) އެވެ. މުނިފޫހިފިލުވުމުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް ބުނީ 734 މީހުން (26 ޕަސެންޓް) އެވެ.
އެކަމަކު ހަބަރު ކިއުމާއި މުނިފޫހިފިލުވުން އެއްކޮށްލުމުން، ޕޯލްގެ ގިނަ ބައިވެރިން ގިނަ ވަގުތު ހޭދަކޮށްފައި ވަނީ އެ ދެ ކަމުގަ އެވެ. އަދި މުނިފޫހިފިލުވުމަށް ވުރެ ހަބަރުތައް ކިއުމުގައި ހޭދަކުރި މީހުން ގިނަވުމުން، ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19ގެ މައުލޫމާތު ހޯދަން ވަގުތު ހޭދަކޮށްފައި އޮތުން ކައިރި ކަމަށް ވެސް ބެލެވެ އެވެ.
ލޮކްޑައުން އައުމުގެ ކުރިން ވެސް މިސްކިތްތައް ބަންދުކުރުމާ އެކު އެންމެން ވެސް ނަމާދުކުރަނީ ގޭގަ އެވެ. އަދި މި ބަންދުގެ ތެރެއަށް ރޯދަމަސް ވަނުމުން، ގިނަ ބައެއްގެ އަޅުކަމުގެ ބައި އާންމު ދުވަސްވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
ކޮރޯނާވައިރަސް އިން ސަލާމަތްވާން ދުއާކުރުމާއި އަޅުކަން ގިނަ ކުރަން ދީނީ އިލްމުވެރިން ވެސް އަންނަނީ ނަސޭހަތް ދެމުންނެވެ. މިއީ މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައި ނުވާ ވައިރަސްއަކަށް ވާތީ އެއިން ރައްކާތެރިވާށާއި ސަލާމަތްވުމަށް ﷲގެ ހަޒުރަތުގައި ގިނަގިނައިން ދެންނެވުމަކީ މުސްލިމުންނަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އިލްމުވެރިން ބުނެ އެވެ.