30 މެއި 2020 - 09:52

މާލޭގެ ލޮކްޑައުންއަށް ލުޔެއް ދިން ނަމަވެސް މަސް މާރުކޭޓަށް މަސް ގަންނަން ދާން ހުއްދަ އަދި ނުދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން ލޮކްޑައުންއަށް ލުއިދީ މާރުކޭޓު ހުޅުވާލި ނަމަވެސް އެތަނަށް ގަސްގަންނަން ދިއުމުގެ ހުއްދަ މި ވަގުތަށް ނުދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާރުކޭޓުން ޑެލިވަރީގެ ހިދުމަތް ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޝިފާ ވިދާޅުވީ މަސްމާރުކޭޓަށް ދާން ހުއްދަ ނުދޭން ނިންމީ އެ ސަރަހައްދަކީ ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދަކަށްވާތީ ކަމަށެވެ. އަދި މި ދަނޑިވަޅު ގިނަބަޔަކު އެ ގޮތަށް އެއްވެ އުޅުމަކީ އެޗްޕީއޭ އިން ވެސް ހުއްދަ ދޭކަމެއް ނޫން ކަމަށާއި މިކަމަށް ރައްޔިތުންް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
"މާރުކޭޓު ސަރަހައްދަށް ދިއުމުގައި އަދި އެ ފުރުސަތު ހުޅުވާލައިފައެއް ނެތް، މިދެވޭ ކުޑަކުޑަ ފުރުސަތުގެ ތެރޭގައި ވެސް،" ޝިފާ ވިދާޅުވި އެވެ.
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ އެކު މާލެ އާއި ހުޅުމާލޭގެ ހުރިހާ މާރުކޭޓެއް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މަސް ވިއްކުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާ ތެރޭ ޑެލިވަރީ ކުރަން ހުއްދަ ދޫކުރަން ފަށައިފަ އެވެ.
މަސް މާރުކޭޓު އަލުން ބޭނުން ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ސާފުކޮށް ޑިސްއިންފެކްޓް ކޮށްފަ އެވެ. އަދި އިއްޔެ އިން ފެށިގެން މަސްވެރިންނަށް މާރުކޭޓު ވަނީ ހުޅުވާލައިފަ އެވެ.