18 އޮކްޓޯބަރ 2016 - 06:14

މަޝްހޫރު ބަތަލު އަމީތާބު ބައްޗަން ވަނީ މި މަހުގެ 11 ވަނަ ދުވަހު އޭނާގެ 74 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އުފަން ދުވަހަކީ އަމީތާބަށް މިހާރު އެހާ މުހިއްމު ދުވަހަކަށް ނުވެ އެވެ. ނަމަވެސް އޭނާގެ ފޭނުންނަށް އެ ދުވަސް ވަރަށް މުހިއްމެވެ.

އެދުވަހު އަމީތާބަށް ތަހުނިޔާ ކިޔުމަށް އެތައް ހާސް ބަޔަކު އިރު ވެސް ނާރަނީސް ގޮސް އެގޭ ދޮށް ފުރާލާފައި އޮތެވެ. ބައެއް މީހުން އެތައް ދުވަހަކު ދަތުރުކޮށްފައި ވަރަށް ދުރު ހިސާބުތަކުން ވެސް ދިޔަ އެވެ.

އަމީތާބުގެ ފޮޓޯ ޖެހި ޓީ ޝާޓު ލައިގެން ތިބި މީހުންނާއި އޭނާ ގޮތަށް ސިފަ ޖައްސައިގެން ގޮސް ތިބި މީހުންވެސް ފެނުނެވެ. އަދި ބޮޑެތި ހަދިޔާތައް ވެސް ބައެއް މީހުން ގެންދިޔަ އެވެ.
އެ އެންމެންގެ ވެސް އޮތީ އެންމެ އެދުމެކެވެ. އިރު އޮއްސުނަސް އަމީތާބު ދެކެލާފައި ނޫނީ ގެއަށް ނުދިއުމެވެ.
އުފަން ދުވަސް ނޫނަސް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ވެސް އާމީތާބު ދެކިލުމުގެ ބޭނުމުގައި އޭނާގެ އެތައް ހާސް ފޭނުން އެ ގޭގެ ދޮށަށް އެއްވެ އެވެ.
އޭނާ ދެކެ ލޯބިވާ މީހުން ބޭނުންވިޔަސް އުފަން ދުވަހަކީ އަމީތާބު އެއްގޮތަކަށް ވެސް ފާހަގަކުރަން ބޭނުންވާ ދުވަހެއް ނޫނެވެ. އޭނައަކަށް އެ ދުވަސް އެހާ ޚާއްސައެއް ނޫނެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔަން ގޮސް ތިބި މީހުންނާ ބައްދަލުކުރަން ނިކުންނަން ވެސް އޭނާ އެހާ ބޭނުމެއް ނޫނެވެ.
ނަމަވެސް މަގުތަކުގައި މީހުން ގިނަވެ ޓްރެފިކް ހުއްޓުމުން ފުލުހުން ގޮސް އެދުމުން އަމީތާބު ވަނީ ކުޑަ ވަގުތުކޮޅަކަށް ބޭރަށް ނިކުމެ އެއްވެ ތިބި މީހުންނަށް އަތުން އިޝާރާތްކޮށް ސަލާންކޮށްފަ އެވެ. އަދި ބައެއް މީހުން ގެނައި ޚާއްސަ ހަދިޔާތައް ވެސް ގަބޫލުކުރި އެވެ.
ހަގީގަތުގައި އަމީތާބު ބޭނުމީ އުފަން ދުވަސް ގޭގައި އާއިލާގެ މީހުންނާ އެކު ވަރަށް ހަމަހިމޭން ކަމާއެކު ވޭތުކުރުމަށެވެ. ކޭކު ފެޅުމާއި އުފަން ދުވަހުގެ ޕާޓީ ބޭއްވުން ފަދަ ކަންކަމަކީ އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ.
އެދުވަހު ވަރަށް ގިނަ ނޫސްވެރިން ވެސް އަމީތާބުގެ ގެއިން އޭނާއާ ބައްދަލުކުރި އެވެ. އެމީހުން ގާތު އަމީތާބު ބުނީ ކިތަންމެ އުމުރުން ދުވަސްވިޔަސް ފިލްމީ މަސައްކަތް ހުއްޓާލަން ބޭނުން ނޫން ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އެ މަސައްކަތް ފުދޭ ވަރަކަށް މިހާރުވެސް އޭނާއަށް ލިބޭތީ އެވެ.
މި އުމުރުގައި އޭނަ އެންމެ ބިރު ގަންނަނީ ކޮން ކަމަކާ ހެއްޔެވެ؟ މަރު ދެކެ ހެއްޔެވެ؟ ނޫސްވެރިޔަކު ކުރި މި ސުވާލުގެ ޖަވާބުގައި އަމީތާބު ބުނީ އުމުރަކީ ދުނިޔޭގައި އުޅުނު މުއްދަތު ކަމަށް ވިޔަސް މަދު އަހަރުތަކެއްގެ ކުރިޔަށް ނޫނީ މިހާރު ނުވިސްނޭ ކަމަށެވެ.
މިސާލަކަށް އޭނާ ބުނީ މީގެ 20 އަހަރު ފަހުން ފުރިހަމަ ކުރެވިދާނެ ޕްރޮޖެކްޓެއްގެ ވާހަކަ ސިޔާސީ ލީޑަރަކު ދައްކައިފި ނަމަ އެ ދުވަސް އޭނައަށް ނުފެންނާނެކަމަށް އަމިއްލައަށް ހިތަށް އަރާ ކަމަށެވެ.
އަމީތާބު ވަރަށް ބަލިކޮށް އުޅެފައިވެ އެވެ. ބައެއް ފަހަރަށް ސީރިއަސް ވެގެން ގޮސް ޑޮކްޓަރުން އުންމީދު ކަނޑާލާ ހިސާބަށް ވެސް ދިޔަ އެވެ. ނަމަވެސް ބަލިތަކާ ހަނގުރާމަކޮށް އޭނާއަށް މިހާތަނަށް ކާމިޔާބު ލިބިފައިވާކަން އަމީތާބު ފާހަގަކުރި އެވެ.
އަމީތާބުގެ ޕްރޮފެޝަނަލް ހަޔާތަށް ބަލާއިރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ "ސަރުކާރް 3"ގެ މަސައްކަތް ފެށުމަށް އޭނާ ވަނީ ތައްޔާރުވެފަ އެވެ. އަދި ޔާޝްރާޖް ފިލްމްސްގެ "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތް ވެސް ކުރިޔަށް އެބައޮތެވެ. މި ފިލްމުގައި ފުރަތަމަ ފަހަރަށް އާމިރު ޚާނާއެކު އަމީތާބު ސްކްރީނުން ފެންނާނެ އެވެ.