18 އޮކްޓޯބަރ 2016 - 06:17

ޔާޝްރާޖް ފިލްމްސް އިން އުފެއްދި "ރަބް ނޭ ބަނާދީ ޖޯޅީ" ގައި ޝާހްރުކް ޚާނާ އެކު އަނުޝްކާ ޝަރުމާ ލައްވާ ބަތަލާގެ ބައި ކުޅުވަން އެ ފިލްމުގެ ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ ގަސްތުކުރުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅުހެދި މީހަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރެވެ.
އެކަމާ ހިތްހަމަނުޖެހުނުވަރު ކިޔައިދެމުން ކަރަން ބުނެފައި ވަނީ މިހެންނެވެ.
"އަހަރެން އެތައް ފަހަރަކު އާދީ (އަދިތުޔަ ޗޯޕްރާ) ގާތު ބުނިން އަނުޝްކާ ބަތަލާގެ ބަޔަށް ހަމަނުޖައްސާށޭ. އަނުޝްކާގެ ފޮޓޯތައް އާދީ އަހަންނަށް ދެއްކުމުން އަހަރެން ބުނިން މޮޔަވީހޭ. ކީކޭ ހިތަށް އަރައިގެންހޭ އޭނާ ތި ރޯލަށް ތި ނަގަނީ. އަދި އެ ފޮޓޯތަކަށް ބަލާފައި އަހަރެން ހިތަށްއަރާ މި އަންހެންކުއްޖާގެ ކިބައިގައި ހުރި ކޮން ސިފައެއް ފެނިގެންހޭ އާދީ މިއުޅެނީ މިހާވަރަކުން،" ދާދިފަހުން ފިލްމްފެއާ މަޖައްލާއަށް ކަރަން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ނަމަވެސް އާދީ އެ ދުވަހު އަނުޝްކާގެ ކިބައިން ފެނުނު ރަނގަޅު ސިފަތައް މިއަދު ކަރަން އަށް ވެސް ވަނީ ގަބޫލު ކުރެވިފަ އެވެ. އެހެންކަމުން އޭނާގެ "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީއާ އެކު އަނުޝްކާ ބައިވެރިކޮށްގެން ފިލްމުގެ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.
ކަރަން ބުނި ގޮތުގައި "ރަބް ނޭ ބަނާދީ ޖޯޅީ"ގެ ފުރަތަމަ ދުވަހުގެ ޝޫޓިންގައި އަނުޝްކާ ކައިވެނީގެ ހެދުމުގައި ޝާހްރުކާ އެކު ހިނގާފައި އަންނަތަން ފެނުމުން އަނުޝްކާ ވަރަށް އެކަނިވެފައި ހުރި ވައްތަރު ޖަހާ ކަމަށް ކަރަންގެ މަންމަ ބުންޏެވެ.
"އެވަގުތު ވެސް އަހަރެން ހިތަށް އެރި އަނެއްކާ މިވީ ގޮސް އޭނާ ހިތްހަމަޖައްސައިދޭން ވާހަކަ ދައްކާށޭ. ކިހާ ދެރަކަމެއްހޭ މި ޖެހުނީ،" ކަރަން ކިޔައިދިނެވެ.
ކަރަން ބުނި ގޮތުގައި އޭނާ ހީކުރީ ފުރަތަމަ ފިލްމާ އެކު އަނުޝްކާގެ ކެރިއަރަށް ނިމުން އަންނާނެ ކަމަށެވެ. އިތުރު ފިލްމެއް އޭނާ އަށް ކުޅެން ލިބިދާނެ ކަމަކަށް ކަރަން އުންމީދެއް ނުކުރެ އެވެ.
މި އިންޓަވިއު ކަރަން ދިނީ އޭނާގެ ކައިރީގައި އަނުޝްކާ ވެސް ބައިންދައިންނެވެ. ކަރަންގެ މިވާހަކަތައް އިވިފައި އަނުޝްކާ ބުނީ އެ ދުވަހު ގެއަށް ގޮސް މަންމަ ގާތު ކަރަން ވަރަށް ރަނގަޅުކަމަށް ބުނި ކަމަށެވެ.
އަނުޝްކާގެ ވާހަކަ މެދުކަނޑާލަމުން ކަރަން ބުނީ އޭރުވެސް އޭނާ ފިލްމުން ވަކިކޮށް އެހެން ބަތަލާއަކު ލެވޭތޯ ދިޔައީ މޮޅެތި ރޭވުންތައް ރާވަމުން ކަމަށާއި އެކަން އަނުޝްކާ އަށް ނޭނގޭނެ ކަމަށެވެ.
ކަރަން ބުނި ގޮތުގައި "ރަބް ނޭ ބަނާދީ ޖޯޅީ" ބަލާފައި އަނުޝްކާ އަކީ މޮޅު ބަތަލާއެއްކަން އޭނާއަށް ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް އޭނާއަށް އަނުޝްކާގެ ކުޅަދާނަކަން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ "ބޭންޑް ބާޖާ ބާރާތު" ބަލާފަ އެވެ.