29 މެއި 2020 - 15:11

ރޯމް (މޭ 29) – އިޓާލިއަން ލީގު އަންނަ ޖޫން 20 ވަނަ ދުވަހު ފެށިދާނެ ކަމަށް އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ނުރައްކާ ޔޫރަޕުން އެންމެ ބޮޑުވި އެއް ގައުމު ކަމަށްވާ އިޓަލީގެ އެންމެ މަތީ ލީގު މާޗު މަހުން ފެށިގެން އޮތީ މެދުކަނޑާލައިފަ އެވެ. އެކަމަކު ހާލަތު ބަދަލުވާން ފެށުމުން މި މަހުގެ ތެރޭގައި ޓީމުތަކުން ވަނީ ތަމްރީންތައް ފަށައިފަ އެވެ.
"ޓެކްނިނަލް އަދި ސައިންޓިފިކް ކޮމިޓީން ވަނީ (ކުރިއަށްގެންދާ) އުސޫލަށް ރުހުން ދީފައި. އަދި ފެޑެރޭޝަނުން އަހަންނަށް ޔަގީންކަން ވަނީ ދީފައި ޕްލޭން ބީ އަކާއި ޕްލޭން ސީ އެއް އެބައޮތް ކަމުގެ،" ސްޕަޑަފޯރާ ވިދާޅުވި އެވެ. "މިކަންކަމުގެ އަލީގައި، ޖޫން 20 ގައި ލީގު ފެށިދާނެ."
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ، ލީގު އަލުން ހުއްޓާލަން ޖެހިއްޖެ ނަމަ މަގާމްތައް ކަނޑައަޅާނީ ޕްލޭއޮފްތަކެއް ކުޅެގެންކަން މިނިސްޓަރަށް ޔަގީންކަން ދެއްވައިފަ އެވެ.
ސްޕަޑަފޯރާ ވަނީ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި އިންޓަ މިލާނާއި ނަޕޯލީ އަދި ޔުވެންޓަސް އާއި އޭސީ މިލާން ކުޅެން އޮތް މެޗުތައް ލީގު ފެށުމުގެ ހަފުތާއެއް ކުރިން ކުޅެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. މާނައަކީ ލީގު ފެށުމުގެ ކުރިން އިޓާލިއަން ކަޕް ނިންމާލުމުގެ ފުރުސަތު އޮތުމެވެ.
ޔޫރަޕުގެ އެހެން ލީގުތަކަށް ބަލާއިރު ޖަރުމަން ލީގު މިހާރު ވަނީ ފަށައިފަ އެވެ. ޕްރިމިއާ ލީގު ޖޫން 17 ގައި ފަށަން ނިންމާފައިވާއިރު ސްޕެނިޝް ލީގު ފަށާނީ ޖޫން 11 ގަ އެވެ. ބޮޑެތި ލީގުތަކުގެ ތެރެއިން ކެންސަލްކުރީ ފްރާންސް ލީގެވެ.