ޖޫން 17 ގައި ޕްރިމިއާ ލީގު ފަށަނީ
ޖޫން 17 ގައި ޕްރިމިއާ ލީގު ފަށަނީ

ލަންޑަން (މޭ 29) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު، ސަލާމަތީ ކަންކަން ފުރިހަމަވެއްޖެ ނަމަ އަންނަ މަހު 17 ގައި ފަށަން ކްލަބްތަކުން އެއްބަސްވެއްޖެ އެވެ.

ފުރަތަމަ ދުވަހު އޮންނާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑުގެ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ މެޗުތަކެވެ. އޭރަށް އެ ދެ ޓީމަށް 29 މެޗު ހަމަވާނެ އެވެ. އެހެން ހުރިހާ ޓީމެއް ވަނީ މެދުކަނޑާލިއިރު 29 މެޗު ފުރިހަމަކޮށްފަ އެވެ. އަދި ހުރިހާ ޓީމަކާ އެކު ފުލް ބުރެއް ފަށާނީ 19 ވަނަ ދުވަހު އެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

"މިއަދު (އިއްޔެ) އަހަރެމެން ޝަރުތުތަކާ އެކު މި އެއްބަސްވީ ޖޫން 17، ބުދަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން،" ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓަސް ވިދާޅުވި އެވެ. "އެކަމަކު ސަލާމަތީ ކަންކަން ފުރިހަމަނުވާ ނަމަ މި ދުވަސް ކަށަވަރެއް ނުކުރެވޭނެ، ސަބަބަކީ އަހަރެމެން އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންގެ ސިއްހަތު ކަމަށްވާތީ."

ލީގުގެ އެއް ވަނައިގައި އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް އެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރަން އެ ޓީމަށް ދެން ބޭނުންވަނީ ހަ ޕޮއިންޓެވެ. ލިވަޕޫލުން ތިރީސް އަހަރަށް ފަހު ލީގުގެ ޗެމްޕިއަންކަން ހޯދާއިރު ޓްރޮފީ ޕްރެޒެންޓޭޝަނެއް ބޭއްވުމަކީ އެ ޓީމުގެ އެއް އަމާޒެވެ. މާސްޓާސް ވިދާޅުވީ ޓްރޮފީ ޕްރެޒެންޓޭޝަނެއް ހަމަޖެއްސޭނަމަ އެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.