29 މެއި 2020 - 14:17

މިނިއާޕޮލިސް (މެއި 29) - އެމެރިކާގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގައި ފުލުހުން، ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވުމާ ގުޅިގެން އެ ސިޓީގެ ހަމަނުޖެހުން ކޮންޓްރޯލް ނެއްޓި އެންމެ ފަހުން ޕޮލިސް ސްޓޭޝަނުގައި ވެސް ރޭ ރޯކޮށްލައިފި އެވެ.

ސިޓީގެ ހަމަނުޖެހުން ބޮޑުވުމުން މިނެސޮޓާ ސްޓޭޓުގެ ގަވަރުނަރު ޓިމް ވޯލްޒް މިހާރު ވަނީ ނޭޝަނަލް ގާޑުގެ މެންބަރުގެ އެހީ އަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެ ސިޓީގައި ހިންގާ ހުޅުޖެހުމާއި ލޫޓުވުމުގެ ސަބަބުން ވިޔަފާރިތަކަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހުންގެ މީހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.
ފްލޮއިޑުގެ އާއިލާ އިން ގޮވާލަމުން ދަނީ ފްލޮއިޑް މަރާލުމުގައި ބައިވެރިވި ފުލުހުންގެ ހަތަރު މީހުންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލުމަށެވެ. އެކަމަކު ޕްރޮސެކިއުޓަރުން ބުނަނީ އެ މަރުގެ އިތުރު ހެކި އަދިވެސް ހޯދަމުން އަންނަ ކަމަށެވެ.
ފޭކް ނޫޓްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމުގައި ބައިވެރިވި ހަތަރު ފުލުހުން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފްލޮއިޑުގެ މަރާ ގުޅިގެން މިނިއާޕޮލިސްގައި ހިންގާ ހަމަނުޖެހުންތަކުގައި އެ ސިޓީގެ ބައެއް އިމާރާތްތަކުގައި ވެސް ވަނީ އަލިފާން ރޯކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ކޯޑަން ފަޅާލުމަށް ފަހު ޕޮލިސް ސްޓޭޝަނެއްގަ އާއި އިތުރު ދެ އިމާރާތެއްގައި ވެސް ރޯކޮށްލި އެވެ.
ޕޮލިސް ސްޓޭޝަންގައި ރޯކުރުމަކީ އެމެރިކާގައި ވަރަށް މަދުން ނޫނީ ނުހިނގާ ކަމަށް ވާތީ، އެހާ ވަރަށް އާންމުންގެ ރުޅިވެރިކަން ނެއްޓުނީ، ކަޅު މީހުންނާ މެދު ދޮން ފުލުހުން އަމަލްކުރާ ނާއިންސާފު ގޮތްތަކުން ކަމަށް، އެ ނަސްލުގެ މީހުން ބުނެ އެވެ.
މިނެސޮޓާ ސްޓޭޓުގެ ގަވަރުނަރު ވޯލްޒް ވަނީ ފްލޮއިޑުގެ މަރަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަރާ ގުޅިގެން އިތުރު ގެއްލުން ނުދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިނިއާޕޮލިސްގައި އެހާ ބޮޑު ހަމަނުޖެހުންތައް ހިންގާފައި ވަނީ ސިޓީގައި ލީޑަޝިޕެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި ސިޓީގެ މޭޔަރު ޖެކޮބް ފްރޭ އަށް ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ނޭޝަނަލް ގާޑުގެ މެންބަރުން ފޮނުވައިގެން ނަމަވެސް ސިޓީ ހަމައަކަށް އަޅުވާނެ ކަމަށް ވިދާޅުވި އެވެ.