17 އޮކްޓޯބަރ 2016 - 15:55

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ މެންބަރުންނާ އެކު ދަރުބާރުގޭގައި ރޭ ބޭއްވީ ޕީޕީއެމްގެ ސައްހަ ކައުންސިލް ބައްދަލުވުމެއް ނޫން ކަމަށް، އެ ޕާޓީގެ ރައީސް އިއްޔެ އައްޔަންކުރެއްވި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފި އެވެ.

ދަރުބާރުގޭގައި ޕީޕީއެމްގެ އިން ބައްދަލުވުމެއް ބޭއްވީ ޕާޓީގެ ރައީސް އެ ޕާޓީ ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލާގައި ކުރި ހުކުމަކަށް ފަހު އެވެ. އެ ހުކުމުގައި ވަނީ ޕާޓީގެ މުޝްތަޝާރާ ޕާޓީގެ ހިންގުން ހަވާލުކޮށް، 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މުޝްތަޝާރުގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އެހެންވެ ރޭ ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީންގެ ރިޔާސަތުގައި އިންނަވައިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް އަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ކޮންމެވެސް ފަރާތަކުން ދައުވަތު ދެއްވައިގެން ކަމަށް ބުނެ ރޭ ދަރުބާރުގޭގައި ބޭއްވި ކަމަށް ބުނާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން" ކަމަށެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ކައުންސިލް ހިންގާ ގަވައިދުގެ އަށް ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދިނުމުގެ އިހުތިޔާރު އޮންނަނީ ޕާޓީގެ ރައީސަށް ކަމަށެވެ. އަދި ރޭ ބައްދަލުވުމަށް ދައުވަތުދީފައި ވަނީ އެހެން ފަރާތަކުން ކަމަށާއި ރޭގެ ނިންމުންތައް ވާނީ ބާތިލް ކަމަށް އަލީމް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދުގެ 57 ވަނަ މާއްދާ ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.
އެ ސިޓީގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލު އިސްތިއުފާދެއްވުމުން އެ މަގާމަށް އިއްޔެ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުން އަލީމް އައްޔަންކުރެއްވިކަން އަންގަވައިފަ އެވެ.
އިލެކްޝަނަށް ކޮމިޝަނަށް ފޮނުއްވި އެހެން ސިޓީއެއްގައި، ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޒާހިދު ރަމީޒް ވަކިކުރިކަން ވެސް ރަސްމީކޮށް ވަނީ އަންގައިފަ އެވެ. އަދި އެ ދެ ބޭފުޅުން ވަކިކުރެއްވުމުން އެ މަގާމުގައި ހުސްވެފައިވާ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް އަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އަކައުންސިލުން ވަކިކުރެއްވި ބޭފުޅުންގެ އިތުރުން ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަހުމަދު ސޮފްވާން އައްޔަންކުރި ކަން ވެސް އަންގައިފަ އެވެ.
ރައީސް ޔާމީން ރިޔާސަތުގައި އިންންވައިގެން ރޭ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިގްބާލު އާދަމް އައްޔަންކޮށްފައިވެ އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލު ކުރައްވާނެ ދެ ބޭފުޅުން ވެސް ޔާމީން ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުން ވަނީ ނިންމަވައިފަ އެވެ. އެއީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ކުރިން ވަނީ ޕާޓީތަކުގެ ބައްދަލުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ ވެރިކަންކުރާ ޕީޕީއެމް ދެ ފަޅިވެ، ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައިވާ އިރު އޭގެ ތެރެއިން ރަނގަޅީ ކޮން ބައެއްކަމާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތުން ފޮނުވާ ލިއުންތައް ލިބުމުން ކަމަށެވެ.