01 ޖޫން 2016 - 06:30
ޔޫޓިއުބުން ވީޑިއޯއެއް ޑައުންލޯޑްކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ދެތިން ނުކުތާއެއް ބުނެދޭނަމެވެ. ޑައުންލޯޑްކުރުމުގެ ކުރިން އެއީ ހިލޭ ޑައުންލޯޑްކުރެވޭ ވީޑިއޯއެއްތޯ ބަލާށެވެ. ޕްރޮމޯޝަނަލް ވީޑިއޯ އާއި މީހުން ހޭލުންތެރިކުރުމަށް އުފައްދާފައި ހުންނަ ވީޑިއޯ އަދި އިލްމީ ބައެއް ވީޑިއޯ ޑައުންލޯޑްކުރުމަށް ޚާއްސަ ހުއްދައެއް ބޭނުމެއް ނުވެ އެވެ. ޑައުންލޯޑްކުރުމަށް ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ވީޑިއޯ ވެސް ހުރެ އެވެ. ހުއްދައާ ނުލައި ޑައުންލޯޑްކުރުމަށް ހިތްވަރެއް ނުދެމެވެ. އެއީ އެދެވިގެން ވާ ގޮތެއް ނޫނެވެ.
ޔޫޓިއުބުން ވީޑިއޯ ޑައުންލޯޑްކުރާނެ ގޮތް ބުނެދިނުމުގެ ބޭނުމަކީ މާލީ ތަނަވަސްކަމެއް ހޯދައިދިނުމަށް ބާރުއެޅުމެއް ނޫނެވެ. އެއާ ޚިލާފަށް ހިނގާ އެއްވެސް ކަމެއްގައި ޒިންމާވެވޭކަށް އަހަރެމެންނަކަށް ނޯންނާނެވެ.
ޔޫޓިއުބުން ވީޑިއޯއެއް ޑައުންލޯޑްކުރުމަކީ އެއަށް ވުރެ ފަސޭހަ އެހެން އެއްވެސް ކަމެއް ނެތް ވަރުގެ ކަމެކެވެ. ޑައުންލޯޑްކުރުމަށް ބޭނުންވާ ވީޑިއޯ ހޯދާށެވެ. މި އޮތީ މިސާލެކެވެ.
https://www.youtube.com/watch?v=2R8V68viXqk
ޓައިޕްކޮށްލާށެވެ. ކޮޕީކޮށް ބްރައުޒާގައި ޕޭސްޓް ވެސް ކުރެވިދާނެ އެވެ. ޔޫޓިއުބް ވީޑިއޯއެއް ހުޅުވޭނެ އެވެ. ގަޔާވާނަމަ އަދި ޑައުންލޯޑްކުރަން އެދެވޭ ނަމަ ތިރީގައި އެވާ ގޮތަށް ލިންކް ބަދަލުކޮށްލާށެވެ. ޓައިޕްކުރާހިތް ވާ ނަމަ އެ ގޮތް ވެސް ރަނގަޅެވެ.
https://www.youmagictube.com/watch?v=2R8V68viXqk
މަތީގައި އެ ވާ ދެ ލިންކްގެ ތަފާތަކީ "ޔޫޓިއުބް"، "ޔޫ" އާއި "ޓިއުބް"އާ ދޭތެރެ އަށް އިތުރުވާ "މެޖިކް" އެވެ. ފައްކާ ގޮތެކެވެ މަސައްކަތްކޮށްލާށެވެ.
މި ބުނެދިން މިސާލު ނަކަލުކޮށްފައި ވަނީ "ކްރޯމް" ބްރައުޒާ ބޭނުންކޮށްގެންނެވެ. ވީޑިއޯ ޑައުންލޯޑްކުރުމުގެ ތެރޭގައި ބޮލަށް އުނދަގޫވާ ކަމަކަށް ދިމާވާނީ، ޑައުންލޯޑް ލިންކަށް ފިތާލުމާ އެކު ބްރައުޒާ ހުޅުވާ އިތުރު "ޓެބް"ތަކުގެ ސަބަބުންނެވެ. އެ ޓެބްތައް ކްލޯޒްކޮށްލާށެވެ.
މިއީ ކޮމްޕިއުޓަރަށް އިތުރު ސޮފްޓްވެއާއެއް ނާޅައި، ޔޫޓިއުބުން ވީޑިއޯ ޑައުންލޯޑްކުރެވޭ ގޮތެކެވެ. ތަޖުރިބާކޮށް އަޖުމަބަލާލާށެވެ. ބުނެދިން ގޮތާ ޚިލާފު ގޮތެއް ވެސް ވެދާނެ އެވެ. އެކަމަކު އެއްވެސް މީހަކު އެކަހަލަ ވާހަކައެއް އަދި ނުބުނެ އެވެ. ޑައުންލޯޑްކުރެވުނުތޯ އެހުމުން ބުނަނީ ވަަރަށް ފައްކާ ކަމަށެވެ.
ދެންމެ ބުނެދިން ގޮތަށް ވުރެ ވެސް ފަސޭހަ ގޮތެއް ބުނެދީފާނަމެެވެ. މި ލިޔުމުގެ މަތީގައި އެވާ ޔޫޓިއުބް ވީޑިއޯ ބަލާލާށެވެ. އެހެން ގޮތެއް އެނގޭ ނަމަ ކޮމެންޓަކުން ބުނެދިނުމަށް ވެސް ފުރުސަތު އެބަ އޮތެވެ.