ކެޓްރީނާގެ ސުޕަހީރޯ ފިލްމުގެ ސްކްރިޕްޓް ނިންމައި، ޝޫޓިން އަށް ތައްޔާރު
ކެޓްރީނާގެ ސުޕަހީރޯ ފިލްމުގެ ސްކްރިޕްޓް ނިންމައި، ޝޫޓިން އަށް ތައްޔާރު

ބަތަލާ ކެޓްރީނާ ކެއިފާ އެކު ހަދާ ސުޕަހީރޯ ފިލްމުގެ ސްކްރިޕްޓް މިހާރު ނިންމާލާފައިވާ ކަމަށާއި ދެން އޮތީ ޝޫޓިން އަށް ތައްޔާރުވުން ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

މުމްބާއީ މިރާ އިން ދިިން އިންޓަވިއުއެއްގައި އޭނާ ބުނީ ސްކްރިޕްޓް ނިންމާލައި ކެޓްރީނާގެ އިތުރުން ފިލްމުގައި ކާސްޓަށް ނަގާފައިވާ ބައެއް ތަރިންނާ ވެސް މިހާރު އެ ހިއްސާކޮށްފައިވާ ކަމަށެވެ.

"ދެން ލޮކްޑައުން ނިމުމަކަށް އައިސް ފިލްމުގެ ޝޫޓިންތައް އަލުން ފެށުމުގެ ހުއްދަ ލިބުމާ އެކު މީގެ ޝޫޓިން ފަށާނަން،" އަލީ ބުންޏެވެ. "އެކަމަކު އޭގެ ކުރިން ވަރަށް ގިނަ އެހެން ތައްޔާރީތައް ވެސް ވާން ޖެހޭ. އޭގެ ތެރޭގައި ފިލްމުގެ ކެރެކްޓާތަކަށް ތަރިން ފިޒިކަލީ ވާން ޖެހޭ ތައްޔާރީތަކާއި މީގެ އެކްޝަންތަކަށް ތައްޔާރުވުން ހިމެނޭ."

އޭނާ ބުނިގޮތުގައި މި ސުޕަހީރޯ ފިލްމު ވާނީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ފިލްމަކަށެވެ. އެގޮތުން މިހާރު ވެސް އިންޓަނޭޝަނަލް ޓީމަކާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"މިއީ ފުދޭ ވަރެއްގެ ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ފިލްމެއް. އަހަރެން ބަލާނަން ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު ވަރަށް ފުރިހަމަ މޮޅު ފިލްމަކަށް ހަދަން،" އަލީ ބުންޏެވެ. "މީގެ ވަރަށް ގިނަ މަސައްކަތްތައް އެކިއެކި މަރުހަލާގައި މިހާރު ހުރީ."

މި ފިލްމުވެގެން ދާނީ އަލިއާ އެކު ކެޓްރީނާ މަސައްކަތްކުރާ ހަތަރު ވަނަ ފިލްމަށެވެ. އެ ދެ މީހުން އެންމެ ފަހުން އެކީގައި މަސައްކަތްކުރީ މިދިޔަ އަހަރުގެ "ބާރަތު" ގަ އެވެ. މީގެ އިތުރުން 2017 އަލީ ގެނެސްދިން "ޓައިގާ ޒިންދާ ހޭ" އާއި 2011 ގެ "މެރެ ބްރަދާ ކީ ދުލްހަން" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ.

ރިޕޯޓްތައް ބުނާގޮތުން 90 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ކެޓްރީނާގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒަކަށް ހަދާނެ އެވެ. އަދި މި ޕްރޮޖެކްޓްގައި ނެޓްފްލިކްސް ވެސް ހިއްސާވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އަލީ އަދި ކަށަވަރެއް ނުކޮށްދެ އެވެ.