ކަރަން ޖޯހަރްގެ ފިލްމުން ކާޖޮލްގެ ބައި އާލިއާ އަށް
ކަރަން ޖޯހަރްގެ ފިލްމުން ކާޖޮލްގެ ބައި އާލިއާ އަށް

ކަރަން ޖޯހަރްގެ އާ ފިލްމު "އެ ދިލް ހެ މުޝްކިލް"ގައި ޑީޖޭއެއްގެ ރޯލު އަދާކޮށްފައިވާ ކަމަށް، އަލަށް ވިދަމުން އަންނަ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ބުނެފި އެވެ. އާލިއާ ބުނީ އެ ރޯލަކީ ކިތަންމެ ކުޑަ ރޯލެއް ނަމަވެސް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ. ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ޗަންނާ މެރެއާ" ލަވައިގައި އާލިއާ ޑީޖޭއެއްގެ ބައި ކުޅެނިކޮށް ދައްކާނެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނަނީ މި ރޯލު ކުރިން ކުޅެން އޮތީ ހުނަރުވެރި އެކްޓަރު ކާޖޮލް ކަމަށެވެ. ކަރަން ޖޯހަރް މިހާތަނަށް ޑައިރެކްޓްކުރި ހުރިހާ ފިލްމެއްގައި ހެން ކާޖޮލް އެންމެ މަންޒަރަކުން ނަމަވެސް ފެނިފައިވެ އެވެ. ސަބަބަކީ ކާޖޮލް އަކީ ކަރަންގެ ނަސީބާ ގުޅިފައިވާ ބަތަލާއެއް ކަމަށް އޭނާ ގަބޫލުކުރުމެވެ. އަދި އޭނާގެ ފިލްމެއްގައި ކާޖޮލް އުޅޭ ނަމަ އެ ފިލްމެއް ބްލޮކްބަސްޓާ ވާނެކަމަށް ކަރަން ގަބޫލުކުރެ އެވެ.

އެގޮތުން މިފަހަރުގެ ފިލްމުގައި ވެސް ކާޖޮލް ލައްވާ ކުޑަކުޑަ ރޯލެއް ކުޅުވަން ކަރަން އޮތީ ނިންމާފަ އެވެ.
ނަމަވެސް ކަރަންގެ ފިލްމާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ" އެއް ދުވަހަކު ރިލީޒްކުރާ ގޮތަށް ހަމަޖެހުމުން ދެ ފަރާތުގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކަކާއި ކާޖޮލް އާއި ކަރަންގެ މެދުގައި ޒާތީ ގޮތުން އުފެދުނު މައްސަލަތަކަކާ ހެދި ކާޖޮލް އަށް އެ ބައި ނުދޭން ކަރަން ނިންމީ އެވެ.

އާލިއާ އަށް ދީފައިވާ ރޯލަކީ ކާޖޮލް އަށް ދިނުމަށް ކަރަން ހަމަޖައްސާފައި އޮތް ބައެކެވެ. އާލިއާ ބަތަލާގެ ރޯލު އަދާކުރާ ފިލްމުތަކުގެ ތެރެއިން ޝާހްރުކް ޚާނާއެކު ކުޅޭ "ޑިއާ ޒިންދަގީ"ގެ ޝޫޓީންގް ނިމިފައިވާއިރު މިހާރު ކުރިޔަށް ދަނީ ވަރުން ދަވަން އާއި އޭނާގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ގެ ޝޫޓީންގެވެ.