29 މެއި 2020 - 00:40

އެންމެ ފަހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 89 އަހަރުގެ މީހަކާއި 11 ދުވަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ. މިއީ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު އެންމެ ދުވަސްވީ މީހާ އާއި އެންމެ ހަގު ކުއްޖާ އެވެ.
އުމުރުން ދުވަސްވީ އަންހެން މީހާ، ނުރައްކާތެރި މި ބައްޔަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑްގައި ބުނެފައި ވަނީ މިއަދު އެވެ. އަދި ތުއްތު ފިރިހެން ކުއްޖާ ޕޮޒިޓިވްވީ އިއްޔެ އެވެ.
އިތުރު 56 މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1،513 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ޖުމްލަ އަދަދު މަދެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާ އޮތް މި ބަލި ޖެހިގެން ރާއްޖޭން މަރުވި ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ ވެސް 80 އަހަރުން މަތީގެ މީހުންނެވެ.
މިހާރު މި ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރޭގައި 80 އަހަރުން މަތީގެ ހިމެނެނީ ހަތަރު މީހެކެވެ. މި އެންމެންނަކީ ވެސް އަންހެނުންނެވެ.
ކޮވިޑް-19 ގެ ޖުމްލަ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދުގެ ނިޔަލަށް އެ ބަލި ޖެހިފައިވާ 10 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 49 އެވެ. އޭގެ ތެރޭގައި ހަތް މަހުގެ ކުއްޖެއް ވެސް ހިމެނެ އެވެ.
އުމުރުން 11 ދުވަހުގެ ކުއްޖާއަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފަރުވާ ދެމުން އަންނަ ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅެވެ.
ރާއްޖޭގައި ޕޮޒިޓިވް މީހުންގެ ތެރޭގައި ގިނައި ބަންގްލަދޭޝްގެ މީހުންނެވެ. އެ މީހުންގެ އަދަދު 785 އަށް އަރާއިރު ދިވެހިންގެ އަދަދު އުޅެނީ 529ގަ އެވެ.
ރާއްޖޭން ކޮވިޑް-19 ފެތުރެން ފެށިތާ 82 ދުވަސް ވެފައި ވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ ލޮކްޑައުން އަށް ލުއި ދީ ބޭރަށް ނުކުމެ އުޅެވޭ ވަގުތު އިތުރުކޮށް ބައެއް ވިޔަފާރިތައް ކުރުމުގައި ވެސް ހުއްދަ ދޭން ފަށައިފަ އެވެ.