19 އޮކްޓޯބަރ 2016 - 06:19

ކޮންމެ އުމުރެއްގައި ވެސް ލޯބި ވެވިދާނެކަން ޗައިނާގެ މި ދެ މީހުންގެ ވާހަކައިން އެނގެ އެވެ. އުމުރުން 71 އަހަރުގެ ފިރިހެންމީހާ އަށް އޭނާގެ ހަގީގީ ލޯބިވެރިޔާއާ ބައްދަލުވި އިރު އަންހެންމީހާގެ އުމުރަކީ 114 އަހަރެވެ. ފިރިހެންމީހާގެ މައްސަލައެއް ނެތެވެ. މިހާރު މި ދެ މީހުންނަކީ ދެމަފިރިންނެވެ. ޒެންގް އާއި ޒަންގް ފުރަތަމަ ބައްދަލުވީ ވެސް އުމުރުން ދުވަސްވެ ބަލިވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލް ގޮސް އުޅެނިކޮށެވެ.

ޒެންގް ބުނި ގޮތުގައި ފުރަތަމަ ނަޒަރުން އަންހެނުން ޒަންގް ޝުއިން ދެކެ ލޯބިވެވުނެވެ. ނަމަވެސް ޒަންގް ކައިވެންޏަށް އެއްބަސްވާން އަހަރެއްހާ ދުވަސް ނެގި އެވެ.
ޒެންގް އަކީ މީގެ 50 އަހަރު ކުރިން ހިނގި ރޭލު އެކްސިޑެންޓެއްގައި ނުކުޅެދޭ މީހަކަށް ވެފައިވާ މީހެކެވެ. ޗައިނާގެ ބާޗޫ ކައުންޓީގައި ހުންނަ ނާސިން ހޯމަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން ޒެންގް ގެންދިޔައީ ބަލާނެ މީހަކު ނެތިގެންނެވެ. ޒެންގް ބުނި ގޮތުގައި އެ ނާސިން ހޯމްގައި ހޭދަކުރި ދުވަސްތަކުގައި އޭނާޔަށް އެންމެ އަޅާލީ އޭނާގެ މިހާރުގެ އަނބިމީހާ އެވެ.
ޒެންގްގެ އަނބިމީހާ އަކީ ވެސް ބަލާނެ މީހަކު ނެތިގެން އެ ނާސިން ހޯމުން ބަލަހައްޓަމުންދިޔަ މީހެކެވެ.
ޒެންގް އާ ގަޔާ ވިޔަސް ލޯބީގެ ގުޅުމެއް ފެށުމަށް ޒަންގް ފުރަތަމަ ފަސް ޖެހުނެވެ. އެއީ އޭނާއަކީ އަންހެނަކަށް ވެފައި ޒެންގް އޭނާ އަށް ވުރެ 43 އަހަރު ހަގު ވީމަ އެވެ. އެހެންވެ ޒެންގް ލޯބި ހުށަހެޅި ނަމަވެސް އުމުރުން ދުވަސްވެފައި ވާތީ މީހަކާ ދެން ގުޅެން ބޭނުން ނުވާކަމަށް ޒެންގް ބުނަމުން ދިޔަ އެވެ.
ނަމަވެސް ހިތުގައިވާ މި ޝައްކުތައް ފަނޑުވަމުން ގޮސް ދެ މީހުންނަށް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެވުނު އިރެއް ނުވެސް އެނގޭ ކަމަށް އަންހެން މީހާ ބުންޏެވެ. އެހެންވެ ކައިވެނި ކުރީ އެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ފަހު ޒެންގް ބުނެފައި ވަނީ އޭނާ އަކީ ނުކިޔަވާހުރި ވަރަށް ފަގީރު މީހެއް ކަމަށެވެ. އަދި އުމުރުން އެންމެ ވިއްސަކަށް އަހަރުގައި ރޭލް އެކްސިޑެންޓެއްގައި ދެ ފައި އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން މިފަދަ އުފާވެރި ދުވަހެއް ހަޔާތަށް އަތުވެދާނެ ކަމަކަށް ހުވަފެނުން ވެސް ނުދެކޭ ކަމަށެވެ. އެހެންވެ އޭނާގެ ހަޔާތަށް ޒަންގް އައުމުން ދިރިއުޅުން މުޅިން ފުރިހަމަވެފައިވާ ކަމުގެ އިހްސާސްތަކެއް ކުރެވޭކަމަށް ބުންޏެވެ.
އެހާ ގިނަ ދުވަހު އެކަނި އުޅުމަށް ފަހު މިހާރު ވަރަށް އުފާވެރި ކަމަށް ޒެންގް ބުނެފައިވެ އެވެ.