28 މެއި 2020 - 22:19

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އައްޑޫގެ އަމިއްލަ ކްލިނިކަކުން ތައްޔާރުވެ، އަންނަ ހަފުތާގައި އެ މަސައްކަތް ފަށަން ނިންމައިފި އެވެ.
ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން މި ހިދުމަތް އައްޑޫގައި މި ފަށަނީ އަލަށެވެ. މާލެ ފިޔަވައި އެހެން ތަނެއްގައި، މިހާރު ފެތުރެމުންދާ ނުރައްކާތެރި މި ބައްޔަށް ޓެސްޓު ކުރެވޭކަށް އަދި ނެތެވެ.
މީގެ ހަ އަހަރު ކުރިން ފެށިގެން ހިދުމަތް ދެމުން އަންނަ އެއިމްސް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ ގަޑިއަކު 36 ސާމްޕަލް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެތަނުގައި ހުންނާނެ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުން މިކަން ކުރަން ފެށުމަކީ ސަރުކާރަށް ލިބޭނެ ލުޔެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަންޖެހޭ ހުއްދަތަކަށް ވާނީ މިހާރު އެދިފައި،" އިހުސާން ވިދާޅުވި އެވެ.
އޭނާ ސީއީއޯކަން ކުރައްވާ، ހެޕީ މާކެޓް ކުންފުނިން ކުރިން ވެސް ވަނީ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށާއި އެ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހޭންޑް ސެނިޓައިޒާ ފޮނުވައިފަ އެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި، ކޮވިޑް-19އަށް ޓެސްޓު ކުރެވެން ނެތުމަކީ އެ އަތޮޅުގެ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫގައި ޓެސްޓު ކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ ގޮތަށް އެ އިމާރާތަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި އެކަމަށް ދެ ހަފުތާވަރު ނަގާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވެފައި ވެ އެވެ.