ވާހަކަ ސިލްސާ: ދިހައެއް: ގޭންގް
ވާހަކަ ސިލްސާ: ދިހައެއް: ގޭންގް

(މޭ 28، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ)

މުޖޭގެ އަތުން ގުރޯ ދޫވި އެވެ. އެކަމަކު ގުރޯއަށް މައްޗަށް ފީނައެއް ނުގަނެވުނެވެ. އޭނާގެ ނޭވާ ހުސްވަނީ އެވެ. އޭނާ ކުރެހި ހަޔާތުގެ އެއްވެސް ކަމެއްގައި އަދި ކުލައެއް ނުޖެހެ އެވެ. އޭނާ އެންމެ ބޭނުންވީ ނަދާއާ ކައިވެނިކުރާށެވެ. މާލެއިން ރީތި އެޕާޓްމަންޓެއް ކުއްޔަށް ހިފާށެވެ. ރަށުގައި ބޮޑު ފިހާރައެއް ހުޅުވާށެވެ. ރަށުގައި ނެތް ވަރުގެ ރީތި ގެއެއް އިމާރާތްކުރާށެވެ.

އެކަމަކު މިއަދު ހަވީރު ދިމާވި އެންމެ މީހެއްގެ ސަބަބުން ދެން ކުރިމަތިވި ނަތީޖާއަކީ މި އެވެ: ރޭގަނޑު، ފުން މޫދެއްގެ އަނދިރިކަމުގައި، އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލި އެވެ.

މުޖޭއަށް ލޮނުގަނޑު މައްޗަށް ބޯ ހިއްލާލެވުނީ ކިރިޔާ އެވެ. ނޭވާ ހާސްވެފައި ހުރިލެއް ބޮޑުކަމުން، އޭނާއަށް ބާރުބާރަށް އެތައް ނޭވާއެއް ލެވުނެވެ. އޭނާ އޮތީ ފަޅުގެ ކިހާ ހިސާބެއްގައި ކަން ވެސް ރޭކާލީ އިރުގަނޑެއް ފަހުންނެވެ. އޭނާ ރަށާ ދިމާއަށް ފަތައިގަތެވެ.

ބަނޑުގެ އެކި ހިސާބުތަކުން އޭނާއަށް ތަދުގެ އިހުސާސްވި އެވެ. އެކަމަކު މަރާ ހަނގުރާމަކޮށް ދެ ވަނަ ފަހަރަށް މޮޅުވެ، މި އަނދިރީގައި، މި މޫދުގެ އަޑިއަށް ގެނބޭކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން ހިތްވަރުލާފައި، އޭނާ ދިޔައީ ފަތަމުންނެވެ. އޭނާ ބޭނުންވީ ރަށުގެ އެއްކޮޅުން އަރާށެވެ. އޭނާ މޫދަށް ވެއްޓުނު ހިސާބުން އަރައިފިއްޔާ އެމީހާއަށް ފެންނާނެ އެވެ. މިހާރު އޭނާއަށް އޮތީ ފިލައިގެން ރަށަށް އަރައި، ސަލާމަތްވާން މަސައްކަތްކުރުމެވެ.

އެކަމަކު މޫދުގައި އެގޮތަށް އޮތް އިރު މަރު ފެންނަ ފަދަ އެވެ. ހަޔާތުގެ ނިމުން އޮތީ ކައިރީގައޭ ވެސް ހިތަށްއަރަ އެވެ. އެކަމަކު މިހާ ހިސާބަށް އޭނާގެ ހަޔާތް އެ ދިޔައީ ކުރިން ހީ ވެސް ނުކުރާހާ އަވަހަށް، އަދި ހައިރާންކުރުވަނިވި ގޮތަކަށެވެ. އެ އެންމެންގެ މަރާ ހަމައަށް ގެންދިޔައީ އެންމެ މީހެކެވެ. އެކަމަކު އެއިން އެއްވެސް މީހަކު މަރުވީ، ސީދާ އެމީހާގެ ހަމަލާއަކުން ނޫނެވެ.

ފަތަމުން ދިޔަ އެވެ. ހަޔާތުގެ އެކި ހިސާބުތައް އޭނާގެ ހަނދާނަށް އަރައި ފައިބަ އެވެ.

އަމިއްލަ ނަފުސަށް އަބަދުވެސް އޭނާ ބުނެ އެވެ: އަހަންނަކީ ކުއްލި ރުޅީގެ މާ ބޮޑު މީހެކެވެ. އެކަން އަހަންނަށް ކޮންޓްރޯލްކުރެވޭނެ ނަމަ އެވެ.

ތެދެކެވެ. ބައްޕަ މަރާލީ ހަމަ ކުއްލިއަކަށް އައި ރުޅިއެއްގަ އެވެ. އޭނާގެ ލޯބިވެރިންގެ ގައިގައި ތަޅައިގަންނަނީ ވެސް ކުއްލިއަކަށް އަންނަ ރުޅީގަ އެވެ. މީހުން މަރަން ނުކުންނަ އިރު ވެސް އޭނާއަށް އަންނަނީ ކުއްލި ރުޅިއެކެވެ. ރުކުގައި ބަދެފައި އިންއިރު އެމީހާ ދެ ހަމަލާއެއް ދޭ އިރަށް ވެސް އޭނާއަށް އައީ ކުއްލި ރުޅިއެކެވެ.

"ކަލެއަށް ދުވަހަކު ވެސް ނުވާނެ އިންނާނެ މީހެއް. ކަލެއާ އިނދެފި މީހަކު ވެސް ހަލާކުވެދާނީ،" އޭނާގެ ކަންފަތަށް އެ އަޑު އިވޭ ފަދަ އެވެ.

އެއީ އޭނާ އެންމެ ފަހުން ރައްޓެހިވި، ނުޒުހަތު އާދަމް ގޮވިގޮވުމެވެ. އޭރު ދެ މީހުން ތިބީ އޭނާގެ ކޮޓަރީގަ އެވެ. އޭނާއާ އެކު ރޭގަނޑުގެ ކެއުމަކަށް ދާން ބުނުމުން ނުޒުހަތު އައިސް ކޮޓަރީގައި އިންނަތާ އޭރު ދެ ގަޑިއެއްހާއިރު ވަނީ އެވެ.

"މިހާރު އެގާރަ އެ ޖަހަނީ. އަހަރެން އަތުވެއްޖައިން ނުވައެއް ޖަހަން އުޅެނިކޮށް. ބޮޑުވަރެއް ނޫންތަ؟" ނުޒުހަތު ބުންޏެވެ. އެއީ ލޯބިވެރިންގެ މެދުގައި ހިތްހަމަނުޖެހިގެން ބައެއް ފަހަރަށް ދެކެވޭ ހަމަ އާދައިގެ ވާހަކައެކެވެ. އޭރު ވެސް އޭނާ އޮތީ އެނދުގައި، ފޯނުން ގޭމެއް ކުޅޭށެވެ. ފާހާނާއަށް ވަނެވެ. ނުކުމެ ޖީންސް ލި އެވެ. އެކަމަކު ޓީޝާޓު ލުމުގެ ކުރިން އޮށޯވެ އޮވެ، އަނެއްކާވެސް ގޭމް ފެށި އެވެ. އޭނާގެ ލޯބިވެރިޔާއަށް އެއީ ކޮން ގޭމެއްކަން ވެސް އެނގެ އެވެ. އެހާ އަނިޔާވެރި ގޭމްތައް ނުކުޅޭށޭ، ދޭތެރެ ދޭތެރެއިން ބުނެ ވެސް ހަދަ އެވެ.

ނުޒުހަތުގެ ވާހަކަ އޭނާއަކަށް އަޑެއް ނީވުނެވެ. އެވަގުތު ނުޒުހަތު ހެދި ގޮތަކީ، ކައިރީގައި އޮތް ބާލީސް މަޑުމަޑުން، އޭނާގެ މޫނާ ދިމާއަށް އެއްލީ އެވެ. ބާލީހުން ޖެހިފައި، ފޯނު އަތުން ދޫވެ، އެނދު މައްޗަށް ވެއްޓުނެވެ.

"ދެން ހިނގާ ބަލަ...." ނުޒުހަތަށް އެހެން ބުނެވުނެވެ. އެކަމަކު ކުއްލިއަކަށް އޭނާ ތެދުވެ، ނުޒުހަތުގެ އިސްތަށިގަނޑުގައި ހިފާ، މޫނުގެ ދެ ފަރާތުގައި އަނެއް އަތުން ބާރަށް ތަޅާލީ އެވެ. ނުޒުހަތު ރޯން ފެށި އެވެ. އިސްތަށިގަނޑުން އޭނާގެ އަތް ދުރުކުރުވޭތޯ، ދެ އަތުން ހިފެހެއްޓި އެވެ.

"ދެން ވެސް ހަނދާންކުރާތި، އަހަރެން ގޭމް ކުޅެން އޮއްވާ ހުއްޓުވާނުލާތި. އަހަރެން ބޭނުން އިރަކުން ދާނީ،" އޭނާ ހުރީ ރުޅިއައިސް ރަތްވެފަ އެވެ. ދެން އޭނާ ނުޒުހަތުގެ އިސްތަށިގަނޑުން ދޫކޮށްލި އެވެ. ލޯބިވެރިޔާ އަވަހަށް ކޮޓަރީގެ އެއްފަރާތަކަށް ދިޔަ އެވެ. ރުއިން ހުއްޓާލެވުނީ އިރުކޮޅެއް ފަހުންނެވެ.

ނުޒުހަތުގެ ރުއިމުގެ އަޑު އެހުމުގެ ޝައުގެއް އޭނާގެ ނެތެވެ. އޭނާ ދިޔައީ އަލަމާރި ކައިރިއަށެވެ. ޓީޝާޓު ނެގި އެވެ. ބޯ މަތިން ވައްޓާލި އެވެ. ސެންޓް ފުޅި ނަގައި، ޖަހާލި އެވެ. ދެން އަލަމާރި ލައްޕާފައި، ނުޒުހަތާ ދިމާއަށް ބަލައިލި އެވެ.

އެކަމަކު އޭރު ރުޅިއައިސް ހުރީ ނުޒުހަތެވެ. އޭނާގެ ކައިރިއަށް ޖެހިލި އެވެ.

"ކަލެއަށް ދުވަހަކު ވެސް ނުވާނެ އިންނާނެ މީހެއް. ކަލެއާ އިނދެފި މީހަކު ވެސް ހަލާކުވެދާނީ،" ނުޒުހަތު ބާރަށް ބުންޏެވެ.

"ހަމަ ނަސީބު ކަލޭގެ ތި ނުބައި ސިފަ އެނގުނުކަން. ކަލޭގެ ނެތް މީހަކާ އިނދެގެން އުޅެވޭނެ ހިތްވަރެއް. މަށަކަށް ނޫޅެވޭނެ ކަލޭ ކަހަލަ ގޮތެއް ނެތް މީހަކާ އެކު. އެނގިއްޖެތަ؟ އަން، މި އޮތީ ކަލޭ ދިން ގަޑި،" ނުޒުހަތު އެހެން ބުނެފައި، ވާތުގައި އަޅާފައި އޮތް ގަޑި ނަގާ، އޭނާގެ މެއާ ދިމާއަށް އެއްލި އެވެ. އޭނާ އޭގައި ހިފާކަށް ނޫޅެ އެވެ. ގަޑި ވެއްޓި، ޓައިލްސް މަތީގައި ޖެހުނު އަޑު، ކޮޓަރިއަށް ފެތުރިގެން ދިޔަ އެވެ.

"ނުޒޫ...." އޭނާ އުޅުނީ ނުޒުހަތުގެ އަތުގައި ހިފާށެވެ. އެކަމަކު އޭގެ ކުރިން ނުޒުހަތު ފަހަތަށް ޖެހިއްޖެ އެވެ.

"މިކަން މި އޮތީ ނިމިފައި. ކަލޭ އެކަނި ތި ދާ ތަނަކަށް ދޭ. އަހަރެން މި އުޅެނީ ކާން ނުލިބިގެންނެއް ނޫން،" އޭނާއަށް ކުޑަ ވެސް ފުރުސަތެއް ނުދީ، ނުޒުހަތު ބުންޏެވެ. ދެން އެނދު މަތީގައި އޮތް ދަބަސް ނަގައި، ދޮރާ ދިމާއަށް ދިޔަ އެވެ. ދޮރުގެ ތަޅުގައި ހިފަހައްޓާލައިފައި އެނބުރުނެވެ.

"ދުވަހަކު ވެސް، އަހަރެންގެ އުމުރުން މިވީ 23 އަހަރު، އަހަރެންގެ ގައިގައި މީހަކު ޖަހާފައެއް ނެތޭ. ޖަހަން ކީއްކުރަން ރުޅިއައިސް އިސްތަށިގަނޑުގައި ވެސް ހިފާފައެއް ނުވޭ. އަހަންނަށް ގުޅަން ނޫޅޭތި. މި ވަގުތުން ފެށިގެން ކަލޭގެ ނަންބަރު ބްލޮކްކުރާނަން،" ބާރަށް ދޮރު ހުޅުވާލި އެވެ. އަދި އެހާމެ ބާރަށް ބޭރުން ދޮރު ލެއްޕި އެވެ.

އޭގެ ފަހުން އޭނާގެ އެއްވެސް ލޯބިވެރިއެއް ނެތެވެ.

ލޮނުގަނޑުގައި ފަތަމުން އޭނާ ދިޔަ އެވެ. މިއީ ހުވަފެނެއް ނޫނެވެ. އެހެންކަމުން އޭނާގެ ސިކުނޑީގެ ހަނދާންތައް، ވަކި ތަރުތީބެއް ނެތި، އޭނާގެ ކުރިމައްޗަށް އާދެ އެވެ. އެ ހާލުގައި އޮންނަ އެހެން މީހުންނަށް ވެސް ހަމަ އެގޮތަށް ވިސްނޭނެ ބާވަ އެވެ؟ އޭނާގެ ހިތަށްއެރި އެވެ. ޖަވާބެއް ނެތެވެ. އެނގޭ ކަމަކީ ބޭނުންނުވިޔަސް ބައެއް ހަނދާންތައް، އޭގެ ފޮރުވިފައި އޮތް އަނދިރީގެ ތެރެއިން ނުކުމެގެން އަންނަ ކަމެވެ.

މަންމަ ދެކެ އޭނާ ވަރަށް ލޯބިވެ އެވެ. އެހެންކަމުން މަންމައަށް ވަމުން ދިޔަ ގޮތަކީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ސަފުހާ އެވެ. މޮޔަމީހަކަށް މަންމަ ބަދަލުވީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެ އެވެ. ޔަގީނުން ވެސް އޭނާގެ ފަރާތުން މަންމައަށް އުނިވާނެ އެއްވެސް ކަމެއް ނުކުރެ އެވެ. އެކަމަކު އެގޮތަށް ވިސްނޭ ކޮންމެ ފަހަރަކު ވެސް ހިތަށް ވެރިވަނީ، ބައްޕައަށް ހެދި ގޮތެވެ. މަންމައަށް އެ ބޮޑު ބަދަލު އައީ ބައްޕަ މަރުވުމުން ކަމަށް ވެދާނެ އެވެ. ނުވަތަ ބައްޕަ މަރުވީ އޭނާގެ އަތުން ކަމަށް ހީވިހީވުން، މަންމައަށް ބަލިނުކުރެވުނު އިހުސާސަކަށް ވީ އެވެ.

އޭނާއަށް ނުވިސްނުނު ކަމަކީ، ކައިވެނި ކުރީއްސުރެ ލިބެމުން ދިޔަ އަނިޔާތައް ގަބޫލުކޮށްގެން މަންމަ ހުރިހުރުމެވެ. އެކަމަކު އެއީ ކިޔަމަންތެރިކަމެއް ނޫނެވެ. އެއީ ލޯތްބެއް ވެސް ނޫނެވެ. މަންމައާ މެދު އެހެން ވިސްނޭ ފަހަރުތަކުގައި، އޭނާގެ އަނިޔާވެރިކަމާ ހެދި ރުޅިވި ބައެއް ކުދިންގެ ހަނދާންތައް އާދެ އެވެ. ކިހާ ތަފާތު ދެ ބައެއް ހެއްޔެވެ؟ މަންމަ ކެތްކުރީ އެވެ. އަނިޔާ ލިބިގަތީ އެވެ. އެކަމަކު އޭނާގެ ލޯބިވެރިން އަނިޔާ ލިބުމުން ދުރުވެގަތީ އެވެ. އަނިޔާއަށް ދެކޮޅުހެދީ އެވެ.

ގުރައިދޫގެ މަރުކަޒުގައި މަންމަ ބަހައްޓާފައި ހުންނަނީ ވަކި ގޮޅިއެއްގަ އެވެ. އޭނާ ދޭތެރެދޭތެރެ އިން މަންމަ ކައިރިއަށް ޒިޔާރަތްކުރެ އެވެ. އެ ގޮޅި ކައިރީގައި މަޑުކޮށްލުމުގެ ފުރުސަތު ލިބެ އެވެ. އެތައް އިރެއް ވަންދެން މަންމައާ ދިމާއަށް ބަލަން ހުރެ އެވެ.

އޭނާ ދާ ކޮންމެ ފަހަރަކު މަންމަ އިންނަނީ ގޮޅީގެ ކަނެއްގައި އިށީދެގެންނެވެ. ފާރާ ވާހަކަ ދައްކަ އެވެ. މައްޗަށް، އުޑާ ދިމާއަށް ބަލާފައި ހޭން ފަށަ އެވެ. ގަސްތަކަށް ހަނާއަޅަ އެވެ. ފާރާ ދިމާއަށް ހަޅޭއް ވެސް ލަވަ އެވެ.

އެއީ ބައްޕަ މަރުވުމުގެ އަނިޔާކަމަށް ވަންޏާ ކުރާނެ ކަމެއް ނެތެވެ. އެ އަނިޔާ މަންމައަށް ދިނީ އޭނާ އެވެ. އެކަމަކު އޭނާ ހީކުރީ މަންމަ ސަލާމަތްކުރެވުނީ ކަމަށެވެ.

އެ މަރުކަޒުގެ މީހުން ބުނާ ގޮތުން މަންމަ ބޮޑަށް ގޯސްވަނީ ރޭގަނޑެވެ. ހަޅޭއްފަޅޭއްލަވަ އެވެ. ރޯން ފަށަ އެވެ. ގޮޅި ތެރޭގައި ބާރަށް ދުވެނަގަ އެވެ. އެ ހަރަކާތްތަކަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބެނީ ފަތިސްވާ ފަހުން ކަމަށް، އެމީހުން އޭނާ ކައިރީ ބުނެ އެވެ

މަންމަ އެ އުޅެނީ ދުނިޔޭގައި ހުރިކަން ވެސް ނޭނގޭ ފަދަ ހާލަތެއްގަ އެވެ. އެކަމަކު އޭނާ މޫދުގައި، މަރާ ހަނގުރާމަކުރަމުން އެދަނީ ހަމަ ހޭގައި އޮވެ އެވެ. މަންމައަށް މިހާރު އޭނާގެ ހާލަތު އެނގޭނެ ހެއްޔެވެ؟ ބައްޕަގެ މަރަށް ފަހު އެތައް މީހަކު މެރިކަން އެނގޭނެ ހެއްޔެވެ؟ ކައިވެންޏެއްކޮށް، ރީތި ދިރިއުޅުމެއް ނޫޅޭކަން އެނގޭނެ ހެއްޔެވެ؟ ދަރިއަކު ނެތްކަން އެނގޭނެ ހެއްޔެވެ؟ އޭނާގެ ހިތަށްއެރި އެވެ.

މޫދު އަޑީގެ ފަސްގަނޑުގައި ފައި ޖެހުނެވެ. އޭނާއަށް އެންމެ ފަހުން ރަށް އަތުވެއްޖެ އެވެ. އޭނާ ލޮނުގަނޑު ތެރޭގައި ބާރަށް ހިނގައިގަތެވެ. އުނަގަނޑާ ހަމައަށް ލޮނުގަނޑު ތިރިވުމުން ބަލައިލި އިރު، ބަނޑުގެ ވާތް ފަރާތުން ތިން ތަނަކުން ލޭ އާދެ އެވެ. އޭނާ ދެ އަތުން ބާރަށް ހިފަހައްޓާލި އެވެ. މުޅި ހަށިގަނޑަށް ފެތުރިފައި އޮތް ދަތުގެ ދިލަކަން އިހުސާސްކުރެވެން ފެށީ އަދި ކިރިޔާ އެވެ.

އޭނާއަށް އެރުނީ، ބޭނުންވި ގޮތަށް، ރަށުގެ އެއްކޮޅުންނެވެ. އޭނާ ގުދަށް އޮވެ ހިނގައިގަތީ ދޮންވެލިގަނޑު ހުރަސްކޮށް، ގަސްތަކުގެ ތެރެއަށް ވަންނާށެވެ. އެކަމަކު އޭގެ ކުރިން ގަމީސް ބޭލި އެވެ. ލޭ އަންނަމުން ދިޔަ ޒަހަމްތައް ފޮރުވޭނެ ކަމަށް ހީކޮށް، ބާރަށް އައްސާލި އެވެ. ދެން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އެކަމަކު ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް މީހަކު ހުއްޓުނެވެ. އެމީހާގެ އަތުގައި އޮތް ދިގު ލައިޓެއް އޭނާގެ މޫނަށް އަޅުވާލި އެވެ. އޭނާއަށް ކުޑަކޮށް ލޯ މަރާލެވުނެވެ.

"ތި ހުރި ތަނުގައި އިށީނދޭ،" އެމީހާ ބުންޏެވެ. ހަމަ ކުރީގެ ވެސް މީހާ އެވެ. މޫދުގައި އޭނާ ފަތަމުން ދިޔަ ތަން ވެސް އެމީހާއަށް ފެނުނީތާއޭ، ހިތަށްއެރި އެވެ.

އެ ލިބުނު ބޮޑު މާޔޫސްކަމުގައި، ގުދަން އޮވެ، އިސްޖަހާލެވުނެވެ. ގަބޫލުނުކުރެވިގެން ބޯ ތަޅުވަމުން ދިޔަ އެވެ. ދެން ކުޑަކޮށް ގިސްލެވެން ފެށުނެވެ. އެ މަޖުބޫރު ހާލަތުގައި އިށީނެވެ. އެމީހާ އޭނާގެ ކުރިމައްޗަށް ޖެހިލައި، ލައިޓް ހިފަހައްޓައިގެން ހުއްޓެވެ.

"ހެޔޮ ނުވާނެ އަހަރެން ދެން ދޫކޮށްލާ...ހެޔޮނުވާނެ...." އޭނާއަށް ރަނގަޅަށް ރޮއިގަނެވުނީ އެހެން ބުނުމާ އެކުގަ އެވެ. އާދޭސްކުރުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ. ބަނޑުގެ ތިން ތަނަކަށް ހުރީ ފުންކޮށް ވަޅި ވަދެފަ އެވެ. ވަރުދެރަވާކަން ވެސް އިހުސާސްކުރެވެ އެވެ.

އެ މީހާ އޭނާއަށް ރަނގަޅަށް ބަލައިލި އެވެ. ޒަހަމްތައް ވެސް ފެނުނެވެ. އޭނާގެ މޫނަށް ލައިޓް ދިއްކޮށްގެން ހުރެ އެމީހާ އުޑުފައިން އިށީނެވެ.

"ކާކު އޯޑަރު ދިނީ މައުސޫމް މަރާލަން،" އެމީހާ ސުވާލުކުރި އެވެ.

އެންމެ ފަހުން އެ ސުވާލު އެ އައީ އެވެ. އޭނާ ބައިވެރިނުވާ ކަމެއް ކަމަށް ސާބިތުކޮށްދޭން މި އޮތް ހުރިހާ އިރަކު ދެއްކި ހުރިހާ ވާހަކައެއް ފެނަށް ދިޔައީ އެވެ. ބޭކާރު އަނގަތެޅުމެކެވެ. ބޭކާރު އަނިޔާތަކެކެވެ.

"ކަލެއަށް އޮތީ އެއީ ކާކުކަން ބުނުން. ކަލޭ މަރުވިޔަކަ ނުދޭނަން އެ ނަން ނުބުނުވައެއް. އިތުރު އަނިޔާއެއް ބޭނުން ނޫނިއްޔާ ރީއްޗަށް ބުނަންވީ އެއީ ކާކުކަން. އޭރުން އަހަރެން މި ރަށުން ވަގުތުން ނައްޓާލާނަން. ކަލޭ އެގެއަށް ގޮސް ކުރަންވާ ކަމެއް ކުރަންވީ،" އެމީހާ ބުންޏެވެ.

ރޮމުން އެމީހާއާ ދިމާއަށް ބަލަން އިނެވެ. އޭނާ ބުނާ ކޮންމެ ވާހަކައެއް ގަބޫލެއް ވެސް ނުކުރާނެ އެވެ. ޝައްކެއް ވެއްޖެ ނަމަ، އޭނާއަށް މި ހާލަތުގައި ކެތްނުކުރެވޭ ފަދަ އަނިޔާތަކެއް ދޭން ފަށާނެ އެވެ. އޭނާ ޑްރާމާ ޖެއްސި ބައި މިހާރު ނިމިއްޖެ އެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އެމީހާ ގަބޫލެއްނުކުރި އެވެ. އަނެއް ހަތަރު މީހުން ތަކުރާރުކުރީ އެއް ވާހަކައެކެވެ.

"ބުނާނީތަ ނޫނީ ކަލޭގެ ތި ޒަހަމްތަކުގެ ތެރެއަށް އަހަރެން އަތް ކޮއްޕާލާނީތަ؟" އެމީހާގެ މޫނުމައްޗަށް ހަރުކަށިކަން ގެންނަމުން އިންޒާރު ދިނެވެ.

ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮވެ އެވެ. ނޭނގެނީ އެ ވަގުތު އަންނާނެ އިރެކެވެ. އޭނާ މިހާރު އެ އިނީ އެވަގުތުކޮޅުގެ ތެރޭގަ އެވެ. ހަމައެކަނި އޭނާއަށް އެނގޭ ސިއްރެއް، މިހިރަ ނުދަންނަ މީހާއަށް ކިޔައިދޭން ޖެހޭ ހާލަތުގަ އެވެ.

"ހުސޭނުބެ...." އެންމެ ފަހުން އޭނާއަށް ބުނެވުނެވެ.

"ކިހާ ވަރެއް ދިނީ؟" އަނެއް ސުވާލެވެ.

"އެއް މިލިއަން ޑޮލަރު،" ވަގުތުން ޖަވާބުދިނެވެ.

އެމީހާ އޭނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ކަނޑައަޅަނީ އެވެ. މަޑުމަޑުން ލައިޓް ބިންމަތީގައި ބޭއްވި އެވެ. އޭނާއާ ދިމާއަށް އަލިވާނެހެން ސެޓްކޮށްލި އެވެ. ދެން ތެދުވެ ކުއްލިއަކަށް އޭނާގެ އިސްތަށިގަނޑުގައި ހިފާ، ފަހަތަށް ގެންދިޔަ އެވެ. ބިންމަތީގައި ބޯ ޖައްސައި، ވާތު ކަކޫ ކަރުގައި އަޅުވާލި އެވެ. ދެން ޒަހަމްތަކުން ލޭ މަނާކުރަން އައްސާފައި އޮތް ގަމީސް މޮހެލި އެވެ. ލައިޓް ނަގައި، އޭނާގެ ގަޔަށް އަލިވާނެހެން ވާތުން ހިފަހައްޓާލި އެވެ.

ކައިރި ކައިރީގައި ތިން ތަނަކުން ލޭތައް ފައިބަނީ އެވެ.

"އަހަރެން މި ތަނަށް އިނގިލި މި ކޮއްޕާލަނީ. ރަނގަޅަށް ބުނޭ ކާކު ބުނެގެން މައުސޫމް މަރާލީ؟" އެމީހާ ބާރަށް އެހި އެވެ. މިއީ އެހާ ބާރަށް އެމީހާގެ އަޑު އިވުނު ފުރަތަމަ ފަހަރެވެ.

"ހުސޭނުބޭ! ހުސޭނުބޭ!" އޭނާ ރޮމުން ބާރަށް ބުންޏެވެ.

އެކަމަކު އެމީހާ އޭނާގެ ކަނާތުގެ ޝަހާދަތް އިނގިލި، ވަޅި ހެރިފައި ހުރި އެއް ތަނަށް މަޑުމަޑުން ކޮއްޕާލި އެވެ. އޭނާގެ ހަޅޭއްކުގެ އަޑުން މުޅި ރަށުގެ ހިމޭންކަން ދުއްވާލި ފަދަ އެވެ.

"ހުސޭނުބޭ ނޫން ދެން ކާކު؟" އެމީހާ ސުވާލުކުރި އެވެ.

"އޭނާ އެކަނި މަށަށް ފޯނުކުރީ. އޭނާ މަށާ މާލެ އިން ބައްދަލުކުރީ. ލާރި ހިފައިގެން މިތަނަށް މީހަކު ފޮނުވީ...." ވަމުން ދިޔަ ތަދާ އެކު ވެސް ހިތްވަރުކުރީ ހުރިހާ ވާހަކައެއް ދައްކާށެވެ.

"އެއީ ކާކު؟"

"ހާދީ ބުނިހެން އެއީ ލަންކާ މީހެއް ވައްތަރު ޖަހަނީ. އޭގެ ކުރިން ދުވަހަކު ވެސް ނުދެކެން. ލާރި ހަވާލުކޮށްފައި އޭނާ ފޯނު ދިން. އެކޮޅުން ވާހަކަ ދެއްކީ ހުސޭނުބޭ. އޭނާ ބުނީ ތި އޮތީ ފަސް ލައްކަ ޑޮލަރޭ. އަނެއް ބައި ދޭނަމޭ އެކަން ނިމުނީމާ. އެއީ އެ ދުވަހު ދެއްކި ވާހަކަ. ހާދީ ދޮގެއް ނުހަދާ... ދެން ޕްލީޒް އަތް ނަގާ...އަހަރެން ދޫކޮށްލާ...." އޭނާ އާދޭސްކުރަމުން ގެންދިޔަ އެވެ.

އެ ޒަހަމްގެ ތެރެއިން އެމީހާ އިނގިލި ނައްޓާލި އެވެ. ކައިރީގައި އޮތް ގަމީހުން އަތް ފޮހެލި އެވެ. ދެން އޭނާގެ ގައިމަތިން ތެދުވި އެވެ.

އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އެމީހާ ހިނގައިގަތެވެ.

"އަހަރެން ދޫކޮށްލާފައި ދަނީތަ؟" ޒަހަމްތަކުގައި އަވަހަށް ފޮތިގަނޑު ބަނދެލަމުން، އޭނާއަށް ބުނެވުނެވެ.

"ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު މަރާކަށް އަހަރެން ހަމަލާއެއް ނުދެން. ކަލޭމެން ކަލޭމެން މަރަމުން ތި ދިޔައީ. ކަލޭ ސަލާމަތްވުމަކީ ކަލޭގެ ކަމެއް،" އޭނާއާ ދިމާއަށް އެނބުރި ބަލައިލުމެއް ވެސް ނެތި، ހިނގަމުން އެމީހާ ބުންޏެވެ.

ވަލުތެރެއިން ދިއުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން ތެދުވެ އޭނާ ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ދާން ފެށީ އަތިރިމަތިންނެވެ. މާ ގިނަ އިރެއްނުވެ، އެމީހާ މާ ދުރަށް ގޮސް ލޯމަތިން ގެއްލުނެވެ. އޭނާ ހިތްވަރުކުރަމުން ދިޔައީ، ފައިބަމުން ދިޔަ ލެ އާއި ވަރުދެރަކަމާ ދެކޮޅަށެވެ. އޭނާ ބައެއް ފަހަރަށް ވެއްޓެ އެވެ. ތެދުވަން ބޭނުންނުވެފައި އިނދެވެ އެވެ. އެކަމަކު ކިރިޔާ ވެސް އުއްމީދެއް އޮތީ ގެއާ ހަމައަށް ގޮސްގެންނެވެ.

ގެ ހުންނަނީ ރަށުގެ ފާލަމަށް ވުރެ ތަންކޮޅެއް ދުރުގަ އެވެ. އޭނާއަށް ފާލަން ފެނުނު އިރު، ކުޑަކުޑަ ޑިންގީއެއް ކަހަލަ އެއްޗެއް ފާލަމާ ކައިރިކޮށްފައި އޮތެވެ. އެއްވެސް ލައިޓެއް ނެތެވެ. ފާލަމުގެ ކޮޅުގައި މީހަކު ހުއްޓެވެ. ޔަގީނުން ވެސް އެއީ އެމީހާ އެވެ. ދެން ފެނުނީ އެމީހާ އެ އެއަށް ފޭބި ތަނެވެ. ނައްޓާލި އެވެ. އެހިސާބުގައި އޮތް އަނދިރިކަމުގައި އެއީ ކޮން އެއްޗެއްކަމެއް ނޭނގުނެވެ. އޭނާ ދެ ލޯ ބޮޑުކޮށްގެން ބެލި އިރު ވެސް، ފާހަގަކުރެވޭ ފަދަ އެއްވެސް ނިޝާނެއް ނުފެނުނެވެ.

މަރުވަން އޭނާ ދޫކޮށްލާފައި، އެމީހާ އެ ދިޔައީ އެވެ. މައުސޫމްގެ މަރާ ގުޅޭ ހުރިހާ ސިއްރެއް ހިފައިގެންނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ.

އޭނާއަށް ޔަގީނެވެ. އެއީ ފުލުހުންނެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ބައެކެވެ. މައުސޫމްގެ ރަހުމަތްތެރިންނަށް ވެދާނެ އެވެ. ބަދަލުހިފުމުގެ ކަންތައްގަނޑެއް ކުރިއަށް ދަނީ އެވެ. އޭނާ އާއި އޭނާގެ ގޭންގްގެ އެންމެންގެ ހަގީގަތް ހޯދާފައި އެވަނީ އެމީހުން މޮޅުކަމުންނެވެ.

އޭނާއަށް ކުރިއަކަށް ނުދެވުނެވެ. އަނބުރައިގަންނަން ފެށި އެވެ. އޭރު ފާލަން ކައިރިން ރަށު ތެރޭގައި ޖަހާފައި ހުރި ލައިޓްތައް ރީއްޗަށް ފެނެ އެވެ. ގޭ ކުރިމަތިން ދެ ފަރާތުގައި އޮތް ރީތި ދޮންވެލިގަނޑު ރަނގަޅަށް ވަކިވެ އެވެ. އެއީ އޭނާ އާއި އޭނާގެ ރަހުމަތްތެރިން، ލާރިއާ އެކު އުފާ ފާޅުކުރި ތަނެވެ. މަޖާނެގި ތަނެވެ. ފާފަތައް ވެސް ކުރި ތަނެވެ.

ކުޑަކަކޫ މައްޗަށް އޭނާއަށް ތިރިވެވުނެވެ. އެ ގެ އަތެއް ނުވާނެ އެވެ. އޭނާ ބޭނުންވީ ބިންމަތީގައި އޮށޯންނާށެވެ. އެކަމަކު ކުއްލިއަކަށް އޭނާއަށް ފެނުނީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ގޮޅިއެއްގައި އިށީނދެ އިން އޭނާގެ މަންމަ އެވެ. އޭނާ އެންމެ ލޯބިވި މަންމަ އެވެ. އޭނާއަށް މި ދުނިޔެއިން ވެސް ލޯބިދިން ހަމައެކަނި މީހާ އެވެ.

އެކަމަކު މަންމަ އިނީ ރުޅިއައިސްފަ އެވެ. މަންމަގެ ހޭވިފައި އޮތް ނުރަ އިސްތަށިގަނޑާއި ރޫޖެހިފައިވާ މޫނާއި އަޑިއަށް ވަދެފައި ހުރި ކުޑަކުޑަ ދެ ލޯ ފެނިފައި އޭނާ ގަތީ ބިރެވެ. މަންމަ ހަޅޭއްލަވަން ފެށި އެވެ.

"ދޭ! ދުރަށް ދޭ! މަށާ ކައިރިއަށް ނާދޭ...! ދޭ! ދުރަށް ދޭ! މަށާ ކައިރިއަށް ނާދޭ!"

އޭނާގެ ލޮލުން ކަރުނަތައް އެއް ފަހަރާ އޮހިގަތީ އެވެ. ތަންކޮޅެއް ދުރުގައި އަނދިރިކަން ފޫދުއްވަމުން ދިޔަ އަލިކަން އޭނާއަކަށް ނުފެނެ އެވެ. މުޅި ހިސާބުގަނޑު އޮތީ، ކަރުނައިގެ ތެރެއިން ފުސްވެފަ އެވެ. އޭނާއަށް ހީވީ މަންމަ އެ އިނީ ކުރިމަތީގައި ހެންނެވެ.

"މަންމާ...މަންމާ...." ބާރު ދޫވެގެން ގޮސް ބިން މައްޗަށް، ބަންޑުން ވެއްޓުނެވެ. މަންމައާ ދިމާއަށް، ކުރިމައްޗަށް އޭނާ ބަލަން މަސައްކަތްކުރި އެވެ. އެކަމަކު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަކަމުން، އޭނާއަށް ލޯ މަރާލެވުނެވެ. އިރުކޮޅެއް ވަންދެން އެހެން ހިފަހައްޓާލައިގެން އޮތެވެ ދެން ލޯ ހުޅުވާލި އެވެ. އެކަމަކު އެއްވެސް ތަނެއް ފެންނަ ވަރެއް ނުވި އެވެ. އޭނާގެ ގައިން ހުރިހާ ބާރެއް ނެތި، މިހާރު ބޭނުންވަނީ ބިންމަތީގައި ބޯ އަޅާލާށެވެ.

ލޯ މަރާލެވުނެވެ. އޭނާގެ ސިކުނޑިއަށް އައިސް ވެރިވެގަތީ، ލަންކާގައި، މައުސޫމްގެ ގޭގެ ސިޓިން ރޫމުގެ ލަކުޑި ފްލޯގައި، ކަނާތު ކަކޫ ޖައްސާލައިގެން އޭނާ އިން މަންޒަރެވެ. އޭނާ ހުރީ މޫނު ނިވާކޮށް، އަންގި ލައްވައިގެންނެވެ. އަތުގައި އޮތް ވަޅީގައި ލެ އެވެ. އޭނާގެ ފައި ކައިރީގައި އެންމެ ފަހު ނޭވާ ދޫކޮށްލަަމުން ދިޔައީ، އޭނާއާ އެއްވެސް ގުޅުމެއް ނެތް، އޭނާއަށް އެއްވެސް ކަހަލަ ޖެއްސުމެއް ވެސް ކޮށްފައިނުވާ އަދި އޭނާ ނުވެސް ދަންނަ މައުސޫމެވެ. އެކަމަކު މައުސޫމްގެ ކަރުގެ އެއް ފަރާތުން އަނެއް ފަރާތަށް އޭނާގެ ތޫނު ވަޅިން އަޅާލި ޒަހަމުން ލޭތައް ބޮކި ޖަހާފައި ފައިބަނީ އެވެ.

އޭނާގެ ހިތުގައި އެއްވެސް އަސަރެއް ނެތެވެ.

"ރާއްޖޭގައި އުޅެވޭނީ އުޅެން ދަސްކޮށްގެން. އަމިއްލަ އަށް ފެންވަރު އޮޅުނީމާ ވާނީ މިހެން،" މައުސޫމަށް އަޑުއިވުނަސް، ނީވުނަސް، އޭނާ ބުނެލި އެވެ. އެހެން އޭނާ ބުނީ، އޭނާ ކައިރީގައި ހުސޭނުބޭ ދެއްކި ވާހަކަތަކަށް ބިނާކޮށެވެ.

އޭނާއަށް މަރާ ބައްދަލުކުރަން ޖެހޭނީ މައުސޫމްގެ މަރާ ގުޅިގެން ކަން ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ. އެ އޮހޮރުވާލި ލޭގެ ބަދަލު ހިފަން، އޭނާގެ ފަހަތުން ބަޔަކު އަތުވެދާނެއޭ، ކުޑަކޮށް ވެސް ވިސްނިފައެއް ނުވެ އެވެ. ހުރިހާ ކަމެއް ރޭވީ ވެސް އަދި ނިންމާލީ ވެސް، އޭނާ ގަބޫލުކުރި ގޮތުގައި، ވަރަށް މޮޅަށް އަދި އަތުނުވާނެ ގޮތަށެވެ.

އެކަމަކު މިހާރު އޭނާ އެ އޮތީ މައުސޫމާއި އޭނާގެ އަންހެނުންނާއި ކުޑަ ތިން ކުދިން މަރާލަން އެންމެ ފަހުގެ ރޭވުންތައް ރޭވި، އޭގެ އަގަށް ފައިސާ އަތުލި ރަށުގެ ގޮނޑުދޮށުގަ އެވެ. އޭނާއަށް އަމިއްލަ ހަށިގަނޑު ގުޑުވައެއް ނުލެވުނެވެ. އެންމެ ކުޑަވެގެން ދޮންވެލިގަނޑުގައި މުއްކަވާ ލެވޭނެ ހިތްވަރެއް ވެސް ނެތެވެ.

މުޖޭ އެންމެ ފަހުގެ ނޭވާ މި ދުނިޔެއަށް ދޫކޮށްލި އެވެ.

---

ކަޅު ކުލައިގެ އެ ޑިންގީ ގޮސް މަޑުކުރީ، ތިރީހަކަށް މިނިޓުން ދުއްވާފައި ދެވޭ ހިސާބުގައި އޮތް ފަޅުރަށެއްގެ ބޭރުގައި އަޅާފައި ވާ ލޯންޗެއް ކައިރިއަށެވެ. ލޯންޗުގެ ލައިޓް ދިއްލި އެވެ. އޭގައި ހުރީ ފާތިރެވެ. ޑިންގީ ދުއްވަން ހުރީ ޒަވީން އެވެ. ފަޅުރަށުގައި އެ ބޮޑު އޮޕަރޭޝަން ހިންގި މީހަކީ ނާވިޝް އެވެ.

ލޯންޗަށް އެރުމުގެ ކުރިން ޒަވީން އާއި ނާވިޝް، ޑިންގީގެ އިންޖީނު ނައްޓާލައި، ލޯންޗަށް އެރުވި އެވެ. އޭގެ ފަހުން އެ މީހުންގެ އަތުގައި އޮތް ވަޅިތަކުން ޑިންގީގެ އެކި ތަންތަން ފަޅާލި އެވެ. ލޯންޗަށް އަރާފައި، ޑިންގީ އެއަށް ނެގި އެވެ. ޒަވީން ގޮސް، ލޯންޗު އިސްޓާޓްކޮށް، ނައްޓާލި އެވެ. ފާތިރާއި ނާވިޝް ހަވާލުވީ ޑިންގީ ނައްތާލުމުގެ މަސައްކަތާ އެވެ.

އެ ހުރިހާ ކަމެއް ނިމި، ޑިންގީގެ ރަބަރުގަނޑާއި އިންޖީނު، ވާގަނޑަކުން ރަނގަޅަށް ބަނދެފައި، މާ ކަނޑަށް ދޫކޮށްލި އެވެ.

"ކޮބާ ދެން ތި ސިފަ ބަދަލުކުރުމާ،" ފާތިރު ބުންޏެވެ. ނާވިޝްގެ މޫނާއި ބޮލާ އެކު އަޅާފައި އޮތް މޫނު މަތި ނައްޓާލި އެވެ. އޭނާގެ ދެ އަތަށް ލައްވާފައި އޮތް ތުނިތުނި ހަންގަނޑު ވެސް ނައްޓާލި އެވެ.

އެހާ ހިސާބުން ހުރިހާ ލައިޓެއް ނިންވާލި އެވެ. އަނދިރިކަމެވެ. ލޯންޗު އޭގެ ފުލް ސްޕީޑްގައި ކުރިއަށް ދިޔަ އެވެ.

"ދިހައެއް" ސިލްސިލާގައި ދެން ފަށާ ވާހަކަ "ހަމަ އެންމެ ކަމަކަށް" ޖަހަމުން ގެންދާނީ ޖޫން 2، 2020، އަންގާރަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ކިއުންތެރިންނާ ހަމައަށް ވާހަކަ އަންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުރާސްފަތިދުވަހު އެވެ. އާދިއްތަ އާއި ބުދަދުވަހު "މިހާރު"ގައި ވާހަކަ ލިއުއްވާނީ ބިންމާ އިބްރާހިމް ވަހީދެވެ.