28 މެއި 2020 - 17:42

ދ. އަތޮޅުގައި ތަރައްގީކޮށްފައިވާ ކަނޑިމާ މޯލްޑިވްސް ރިސޯޓުން ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް މިއަދު ހަދިޔާ ކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް ނަމަވެސް ބައެއް ރިސޯޓޫތަކުން އަންނަނީ މި ދަނޑިވަޅު ސަރުކާރަށް އެކި ގޮތްގިތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަން ދީފައިވާއިރު ބައެއް ރިސޯޓުތަކުން އަންނަނީ ސިއްހީ ދާއިރާއަށް މިވަގުތު ބޭނުންވާ ތަކެތި ހަދިޔާ ކުރަމުންނެވެ.
- ދެ ވެންޓިލޭޓަރު.
- 2،500 ޓެސްޓު ކިޓު.
- 850 ޕީޕީއީ ކިޓު.
- 4،000 ކޭއެން95 މާސްކު.
- 20،000 މެޑިކަލް ފޭސް މާސްކު.
އެ ރިސޯޓުގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޚަލީލް ވިދާޅުވީ މި ދަނޑިވަޅު ސިއްހީ އެހީތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ކަނޑިމާއިން ދެކޭ ކަމަށެވެ. އަދި މިފަދަ ހުރިހާ ކަމެއްގައި ވެސް ސީއެސްއާރުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން އެ ރިސޯޓު ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓު މިވަގުތު ބަންދު ކޮށްފައި އޮތް ނަމަވެސް އަލުން ހުޅުވާއިރަށް ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ރާއްޖޭގެ ސިއްހީ ދާއިރާ ތައްޔާރުވެފައި އޮތުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ރިސޯޓުތަކުގެ މި އެހީގެ ސަބަބުން އެކަމަށް އެއްބާަރުލުން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު ރާއްގައި މިވަރުގެ ބޮޑު ކަމެއް ހިނގާއިރު ފްރަންޓު ލައިނުގައި މަސައްކަތްކުރާ މީހުންނަށް އެހީވުމަކީ އެންމެންގެ ވެސް ޒިންމާއެއް. އަޅުގަނޑުމެން އަލުން ވިޔަފާރި ފަށައިގަންނައިރު ރާއްޖެ ފުރިހަމައަށް ތައްޔާރުވުމަކީ ވެސް އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެއް،" ޚަލީލް ވިދާޅުވި އެވެ.
ކަނޑިމާއިން މިއަދު އެންޑީއެމްއޭއަށް ހަދިޔާ ކުރި ތަކެތީގެ އިތުރުން މި ދަނޑިވަޅު އިތުރު އެހީފޯރުކޮށްދޭނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ. އެގޮތުން، އަންނަ ހަފްތާ ތެރޭގައި ދ. ކުޑަހުވަދޫ ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ފޯރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.