28 މެއި 2020 - 16:42

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖަމާއަތުގައި މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ ހަތް ރަށުގައި، އެ އުސޫލު އިތުރު ދެ ހަފުތާއަށް އިތުރުކޮށްފި އެވެ.
މާލެ އާއި އިތުރު ހަ ރަށެއް ފިޔަވައި، ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ މިދިޔަ އާދިއްތަ ދުވަހު ވަނީ ދީފަ އެވެ. އެއީ ގާތްގަނޑަކަށް މަހަކަށް ވުރެ ގިނަ ދުވަސްވާންދެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަށް ފަހު އެވެ.
މިސްކިތްތައް ހުޅުވައިލަން ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިން އަށް ލާފައިވާ ރަށްރަށާއި ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ރަށްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ވެސް ލޮކްޑައުންކޮށްފައިވާ މާލެ އާއި ށ. ނަރުދޫ އަދި ނ. މަނަދޫގެ އިތުރުން މޮނިިޓަރިން އުވައިލުމަށް ފަހު 14 ދުވަސް ނުވާތީ އޮތް ހއ. ތަކަންދު އާއި ށ.މިލަންދު އާއި ކ.ހިންމަފުއްޓާއި ކ. ތުލުސްދޫ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިސްކިތްތައް ހުޅުވައިލި ރަށް ރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގައި ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭވައި މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.