އައިޔޫއެމްގެ ކޯސް ފީތަކުން 20 ޕަސެންޓް މާފުކޮށްދީފި
އައިޔޫއެމްގެ ކޯސް ފީތަކުން 20 ޕަސެންޓް މާފުކޮށްދީފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހުރިހާ ކޯސްތަކެއްގެ ފީ 20 ޕަސެންޓް މާފުކޮށްދީފި އެވެ.

އެ ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ސަބަބުން އިގުތިސާދީ އަދި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ދަރިވަރުންނަށް ލުއެއް ހޯދައިދިނުމަށް، ކޯސްތަކުގެ ފީން 20 ޕަސެންޓް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އޮންލައިންކޮށް ކިޔެވުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ސައުދުﷲ އަލީ ވިދާޅުވީ އޮންލައިންކޮށް ކިޔެވުމަށް ދަރިވަރުންނާއި ލެކްޗަރާއިންނަށް ދިރާގާއި އުރީދޫ އިން ފަސް ޖީބީ ޑޭޓާ އެލަވަންސް ދީފައިވާ ކަމަށެވެ. މޫޑުލް މެދުވެރިކޮށް ވާޗުއަލް ކްލާސްތައް ގެންދިއުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ހޯދަން މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

މެދުކެނޑުމަކަށް ފަހު އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމަ ޓާމުގެ ކިޔެވުން މާދަމާ ފަށަން ވަނީ ނިންމައިފަ އެވެ. ތައުލީމް ފޯރުކޮށްދޭ ތަންތަން ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން، އައިޔޫއެމްގައި މިދިޔަ މަހުގެ ފަހަކުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކިޔަވައިދިނީ އޮންލައިން ކޮށެވެ. ނަމަވެސް އޭގެ ފަހުން ކިޔަވައިދިނުން މެދުކަނޑާލި އެވެ.

ލޮކްޑައުނަށް ލުއިދީ، ސްކޫލަތަކާއި ކޮލެޖުތައް އަދި ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ކޮލެޖުގައި ކިޔަވައިދޭނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ ފުރަތަމަ ޓާމުގައި އާއްމު އުސޫލުން އިމްތިހާނު ނުބޭވިއްޖެ ނަމަ ވެސް އިމްތިހާނު ބާއްވާނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށެވެ.

"ދަރިވަރުން ޔުނިވާސިޓީއަށް ނައި ކަމުގައި ވިއަސް ހަމަ އެއް ޓޫލްތަކެއް ބޭނުންކުރާނީ އިމްތިހާނު ހެދުމަށް،" ސައުދުﷲ ވިދާޅުވި އެވެ.

ތަފާތު އެކި ދާއިރާތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއަށް ކިޔަވައިދެމުން އަންނަ ޔުނިވާސިޓީގައި 1،400 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.