29 މެއި 2020 - 09:16

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު އެކްޝަން ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން އަންނަ އިރު، މި ސީރީޒްގެ ކުރިއަށް ހުރި ފިލްމުތަކުން ޖޯން ފެންނާނީ "އެވެންޖާޒް" ގެ ފިލްމުތަކުގައި ފެންނަ ހަލްކް ކެރެކްޓާ ކަހަލަ ވަރަށް ވަރުގަދަ ރޯލަކުން ކަމަށް ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ބުނެފި އެވެ.
މުމްބާއީ މިރާ އަށް އޭނާ ބުނީ ޔަގީންވާ ކަމަކީ މީގެ ކުރިން ޖޯން ފެނިފައިނުވާހާ ވަރުގަދަ އެކްޝަން ރޯލަކުން ފެނުން ކަމެވެ. އެގޮތުން ސްކްރިޕްޓް ލިޔުނު އިރު ވެސް އެކަމަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައިވާނެ ކަމަށާއި ފިލްމުގެ އެކްޝަން ޑައިރެކްޓަރުން ވެސް ތަފާތު ގެންނާނެ ކަމަށް ބުންޏެވެ.
"ޖޯންގެ ސުޕަހީރޯ ކޮލިޓީތަކެއް ސަތިއަމޭވް ޖަޔަތޭގެ ކުރިއަށް ހުރި ފިލްމުތަކުން ފެންނާނެ،" މިލަޕް ބުންޏެވެ.
"ސަތިޔަމޭވް ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދިން ފިލްމެކެވެ. އޭގެ ބޮޑު ކާމިޔާބީ އަށް ފަހު، ދެވަނަ ގެނެސްދޭން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮކްޓޯބަރު 2 އަށެވެ.
މިލަޕް ބުނިގޮތުގައި އޭނާ މިހާރު އަންނަނީ ޕްރޮޑިއުސަރު ބުޝަން ކުމާރާ މަޝްވަރާކޮށް، "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން ފަށާނެ ވަގުތަކަށް ތައްޔާރުވަމުންނެވެ. މި ފަހަރު ފިލްމުގެ ބަތަލަކީ ޓީ ސީރީޒް ވެސް ހިންގާ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.
"ސަތިޔަމޭވް ޖަޔަތޭ" ގައި ބަތަލާގެ ރޯލް ކުޅުނީ އެ ފިލްމުން ތައާރަފުކުރި އައިޝާ ޝަރުމާ އެވެ. އޭނާ އަކީ "ތުމް ބިން 2" ފަދަ ފިލްމުތައް ކުޅުނު ނޭހާ ޝަރުމާގެ ކޮއްކޮ އެވެ.
މިލަޕް ބުނީ ލޮކްޑައުންގެ ކުރިން "ސަތިޔަމޭވް ޖަޔަތޭ" ގެ ޝޫޓިން ނުފެށި އޮތުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
"އެހެން ނޫން ނަމަ ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނީސް. އަހަރެމެން ފިލްމުގެ ޝޫޓިން ފަށާނީ ލޮކްޑައުންގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ޝޫޓިންތައް ފަށަން ދޭ ހުއްދަ ވެސް ލިބުމާ އެކު،" އޭނާ ބުންޏެވެ. "މި ފަހަރުގެ ފިލްމަކީ ހަމަ އަސްލު ލޮކޭޝަންތަކުގައި ޝޫޓްކުރަން ޖެހޭ ފިލްމެއް. ގާތްގަނޑަކަށް ނުވަދިހަ ދުވަސް ނަގާނެ މުޅި ފިލްމުގެ ޝޫޓިން އަށް."
މިލަޕް ވަނީ ޖޯން ފިލްމު ކުޅޭހާ ދުވަހަކު "ސަތިއަމޭވް ޖަޔަތޭ" ފްރެންޗައިޒެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމައިފަ އެވެ.
އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ސިދާތު މަލްއުތުރާ އާއި ތާރާ ސުތާރިއާ އާއި ރިދޭޝް ދޭޝްމުކްގެ އިތުރުން ރަކުލް ޕްރީތު ސިންގް މުހިއްމު ރޯލްތައް ކުޅުނު "މަރްޖާވާ" އެވެ.