17 އޮކްޓޯބަރ 2016 - 14:38

މުސާރަ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް، ޖަމާކޮށްގެން ހައްޖަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލާފައިވާ ސްކީމްގައި މިހާތަނަށް 33 އިދާރާއަކުން ބައިވެރިވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މި ސްކީމްގައި މިއަދު ލޯކަލް ގަވަމެންޓް އޮތޯރިޓީން ބައިވެރިވެ، އެތަނުގެ މުވައްޒަފުންނަށް ފަސޭހަ ކަމާ އެކު ހައްޖަށް ދެވޭނެ މަގު ވަނީ ފަހި ކޮށްދީފަ އެވެ.
މި ސްކީމްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެލްޖީއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވީ ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ފެށި މި ސްކީމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އިދާރާތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން މި ސްކީމުގައި މިހާތަނަށް 33 އިދާރާއެއް ބައިވެރިވެފައިވާ އިރު ކުރި އަށް އޮތް ހަފުތާގައި އިތުރު ދެ ފަރާތަކުން ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނަ ދިވެހިން އުޅޭ ރިސޯޓުތައް ވެސް ހިމެނެ އެވެ.
މި ސްކީމުގައި މުވައްޒަފަކު ބައިވެރިވުމުން، ލިބޭ މުސާރަ އިން، އެ މީހަކު ކަނޑައަޅާފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ކޯޕަރޭޝަންގެ ވަކި އެކައުންޓަކަށް ދާނީ ޖަމާވަމުންނެވެ. އަދި ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސެންޓު ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރު ހައްޖު ކޯޕަރޭޝަނުން އަންގައި، އެކަން ހަމަޖައްސައިދޭނެ އެވެ.
އޭނާ ވިދާޅުވީ 75 ޕަސެންޓް ހަމަވެ، ހައްޖަށް ދެވޭނެ އަހަރު ޔަގީންވުމުން ބާކީ ހުރި ފައިސާ އެ މީހަކު ބޭނުން ގޮތަކަށް ބަހާލައިގެން ދެއްކިދާނެ ކަމަށެވެ.
"މިއީ ޒުވާނުން ހައްޖަށް ދިޔުމަށް ފަސޭހަ އިން ފައިސާ ރައްކާ ކުރެވޭނެ ގޮތެއް. އަޅުގަނޑު އެދެން މި ސްކީމުގެ ބޭނުން ޒުވާނުން ހެޔޮ ގޮތުގައި ހިފަން،" ޔާމީން ވިދާޅުވި އެވެ.
މި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންގެ އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް އޮވެ އެވެ.
އެލްޖީއޭން މި ސްކީމްގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ތަނުގެ ނައިބު ރައީސް މޫސާ ނަސީރެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ޔާމީނެވެ.
ޔާމީން ވިދާޅުވީ އެލްޖީއޭން މި ސްކީމްގައި ބައިވެރިވުމަކީ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ސްކީމްގައި ބައިވެރިވުމަށް ބާރު އަޅާނެ ކަމެއް ކަމަށެވެ.