ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު
ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު

މިއީ ރާފިއާ އަރުޝަދެވެ. އޭނާ އަށް މިހާރު ސަމާލުކަން ލިބިފައިވަނީ އުމުރުން 40 އަހަރުގައި އޭނާ އަކީ އިނގިރޭސިވިލާތުގައި، ބުރުގާ އެޅި ފުރަތަމަ އަންހެން ފަނޑިޔާރަށް ވުމުންނެވެ. މިއީ ހުޅަނގުގެ ގައުމުތަކަށް ބަލާ އިރު، ބުރުގާ އެޅި މުސްލިމު އަންހެނަކަށް ލިބުން ވަރަށް ނާދިރު ފުރުސަތެކެވެ.

ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު
ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު

ނަމަވެސް ރާފިއާ މި ވަނީ އެ ޝަރަފާ އެކު ތާރީހުގެ ތެރެއިން ހާއްސަ ޖާގައެއް ހޯއްދަވައިފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ބަދަލެއްގެ ފެށުމެކެވެ. އަދި މިއީ ގާނޫނީ ދާއިރާ އިން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ޔޫރަޕްގެ މުސްލިމު އަންހެނުންނަށް ދެވޭ ވަރަށް ރަނގަޅު މެސެޖެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ.

ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު
ރާފިއާ އަރުޝަދު: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު

އިނގިރޭސިވިލާތުގެ އުތުރު ޔޯކްޝަޔާގައި އުޅެބޮޑުވި ރާފިއާ އެ ތަނުގެ މިޑްލެންޑްސް ސާކިޓްގެ ޑެޕިއުޓީ ޑިސްޓްރިކްޓް ޖަޖްގެ މަގާމަށް އައްޔަންކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިއީ އެންމެ ކުރިއްސުރެ ވެސް އޭނާ ވަޑައިގަންނަވަން ބޭނުންވި އެއް ހިސާބެވެ.

އުމުރުން ވަރަށް ކުޑައިރުން ފެށިގެން ގާނޫނީ ދާއިރާ އިން ކުރިއަށް ވަޑައިގަންނަން ބޭނުންވި ރާފިއާ ވިދާޅުވި ގޮތުގައި މިހާރު އެންމެ އުފާވަނީ އިނގިރޭސިވިލާތުގައި މިހާރު ޖިންސެއް، ދީނެއް އަދި ނަސްލަކަށް ބެލުމެއް ނެތި ވަރަށް ފުޅާކޮށް ފުރުސަތުތައް ހުޅުވައިލާތީ އެވެ.

"އަހަރެން ދެކޭ މިއީ މިތަނުގައި މިހާރު ކުރިއަށް ވުރެ މާ ބޮޑަށް ޑައިވަސިޓީ އަށް ފުރުސަތު ހުޅުވެމުންދާ ކަމުގެ ސިގްނަލެއް،" މެޓްރޯ އަށް ދެއްވި އިންޓަވިއުއެއްގައި ރާފިއާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ފުރުސަތެއް އިނގިރޭސިވިލާތުން ފަހިވުމަކީ ގާނޫނީ ނިޒާމުގައި މުސްލިމު އަންހެނުންގެ ދައުރު ހުޅަނގުގައި އަދި މުޅި ދުނިޔޭގައި ވެސް އިތުރަށް ފުޅާވެގެ ދާނެ ކަމެއް. މިއީ ހަމައެކަނި އަޅުގަނޑަށް ލިބުނު ފުރުސަތެއް ނޫން. މިއީ ހުރިހާ މުސްލިމު އަންހެނުންނަށް ލިބުނު ފުރުސަތެއް."

މޭރީ ޗެމްބާޒް ބެރިސްޓާގައި ކުރިން މަސައްކަތްކުރެއްވި ރާފިއާ ވިދާޅުވި ގޮތުގައި ގާނޫނީ ދާއިރާ އަކީ ފަސޭހަ ދާއިރާއެއް ނޫނެވެ. އަދި ފާއިތުވި 17 އަހަރު މި ދާއިރާ އިން ވަރަށް މަރުހަލާތައް އެކި ފެންވަރުގައި ގިރާކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ރާފިއާ ދެކެވަޑައިގަންނަވާ ގޮތޮގައި އަންހެނަކަށް ވުމަކީ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫނެވެ.

އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އޭނާ ވަނީ ހިތްވަރާއި ކެރުމާ އެކު ވަކާލާތުކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، މަޖުރޫބުން ކައިވެނިކުރުވުމާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކާއި އަންހެން ކުދިން ހިތާނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ. މިއިން ކޮންމެ ކަމެއްގެ ތެރެއިން އިސްލާމީ ޝަރީއާގެ ހައިބަތާއި ވަރުގަދަކަން އޭނާ ސާބިތުކޮށް ދެއްވާފައިވެ އެވެ.

ރާފިއާ ވިދާޅުވި ގޮތުގައި މިހާރު ހުރި ހިސާބަށް ދަތުރުކުރެއްވުނީ ވަރަށް ބޮޑެތި ގުރުބާނީތަކާ ވެސް އެކީގަ އެވެ. އެގޮތުން އޭނާ އަކީ އާއިލާގެ ތެރެއިން ތައުލީމު އުނގެނި ޔުނިވަސިޓީ މަރުހަލާއާ ހަމައަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތް އަންހެނާ ކަމަށް ވިދާޅުވި އެވެ.

"ދެން މިކަހަލަ ދާއިރާއަކަށް އައިސް މަސައްކަތްކުރަން ފެށީމަ އެކި މީހުންގެ ފަރާތުން އެކި ކަހަލަ ބަސްތަކާ ކުރިމަތިލާން ޖެހިފައި ހުރި،" ރާފިއާ ވިދާޅުވި އެވެ. "އެކަމަކު ހަމަމިއާ އެކު ހިތްވަރުދޭ މީހުން ވެސް އެހާ ގިނަ. ވަކިން ހާއްސަ ބުރުގާ އަޅާ މީހަކަށްވާތީ އެބަހުރި އެކި ކަހަލަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހިފައި."

އެފަދަ އެއް ތަޖުރިބާގެ ހަނދާން އާކުރައްވަމުން ވިދާޅުވި ގޮތުގައި 2001 ގައި ސްކޮލަޝިޕަކަށް ކުރިމަތިލައިގެން އިންޓަވިއު އަށް ވަޑައިގެންނެވި ދުވަހު އާއިލާގެ ބައެއް މީހުންނާއި ގާތް ބައެއް ރައްޓެހިން ވަނީ ބުރުގާ އަޅައިގެން ނުދާން އެދިފަ އެވެ.

"އެ ދުވަހު ވެސް ބުނިން އަހަރެން ޖަޖްކުރަންވާނީ އަޅާފައި އޮންނަ ބުރުގާއަކުންނެއް ނޫނޭ. ވަކި ކަމެއް ހާސިލުކުރުމުގެ ގޮތުން ތިމާގެ އަމިއްލަ އައިޑެންޓިޓީ ގެއްލުވާލައިގެން ނުވާނެ. އެއީ ދެމަހެއްޓުން ވަރަށް މުހިއްމު ކަމެއް،" ރާފިއާ ވިދާޅުވި އެވެ. "އަސްލު އޮޅުވާލައިގެން ކަމެއް ހާސިލުވެވުމަކުން މީހާގެ އަމިއްލަ ނަފުސަކަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ."

ރާފިއާގެ ކެރިއަރު އަދި ކުރިއަށް އޮތީ އެވެ. އޭނާގެ ފަރާތުން ގާނޫނީ ދާއިރާ އަށް އަންނަ ބަދަލުތަކެއް ވެސް އަދި ކުރިއަށް އޮތީ އެވެ.