ފުރުސަތު ނަގާލުމުން ލިޕްޒިގުގެ ކޯޗު ރަތަށް
ފުރުސަތު ނަގާލުމުން ލިޕްޒިގުގެ ކޯޗު ރަތަށް

ބާލިން (މެއި 28) - ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި ހާތާ ބާލިންއާ 2-2 އިން އެއްވަރުވެ، ލީގުގެ ދެ ވަނަ އަށް އަރަން އާރްބީ ލިޕްޒިގަށް ލިބުނު ފުރުސަތު ނަގާލުމުން އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.

ފުރުސަތު ނަގާލުމުން ލިޕްޒިގުގެ ކޯޗު ރަތަށް
ފުރުސަތު ނަގާލުމުން ލިޕްޒިގުގެ ކޯޗު ރަތަށް

އަންގާރަ ދުވަހުގެރޭ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކް ވަނީ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ. އެހެންވެ ރޭގެ މެޗުން މޮޅުވެގެން ދެ ވަަނަ މަގާމަށް އެރުމުގެ ފުރުސަތު ލިޕްޒިގަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމަށް ވަނީ ލިބުނު ބޮޑު ފުރުސަތު ގެއްލިފަ އެވެ.

"ވަރަށް ރަނގަޅަށް އަހަރެމެން ފެށީ. އެކަމަކު ލަނޑުތަކެއް ވަންނަން ފެށި ހިސާބުން އަހަރެމެން ދެން އުޅުނީ ސްކޫލް ކުދިންގެ ޓީމެއް އުޅޭގޮތަށް. އަހަރެމެންނަށް ކުރެވުނު އެއްވެސް ކަމެއް ނެތް. އަނެއް ޓީމު ލަނޑު ޖަހަންދެން ވެސް ބަލަހައްޓައިގެން ތިބެވުނީ. މިއީ ފުޓްބޯޅަ ކުޅޭ ގޮތެއް ކަމެއް އަހަންނަށް ނޭނގޭ. މިކަންތައް ރަނގަޅުކުރަން ޖެހޭ،" ކުރިން ހޮފެންހައިމް އަށް ކޯޗުކޮށްދިން ނާގަލްސްމަން ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 28 މެޗުން 64 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި ލިޕްޒިގު އޮތީ 55 ޕޮއިންޓާ އެކު އެވެ.

އުމުރުން 32 އަހަރުގެ ނާގަލްސްމަން އަށް އޮތް އަނެއް ކަންބޮޑުވުމަކީ ކޮންމެ މެޗެއްގައި ވެސް އެ ޓީމު ކޮޅަށް އާދައިގެ ގޯލެއް ވަނުމެވެ. އޭނާ ވަނީ ލިޕްޒިގުގެ ޑިފެންޑަރުންނަށް އިދިކޮޅުގެ އެޓޭކު ހުއްޓުވަން ކުރަން ޖެހޭ ކަންތައްތައް އިތުރަށް ބުނެދީ ހައްލެއް ހޯދަން ކުރިއަށް އޮތްތަނުގައި ވަރަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

ލިޕްޒިގުގެ ދަނޑުގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި ހާތާ އަށް ލީޑުނަގައިދިނީ ލިވަޕޫލްގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ސާބިއާގެ ޒުވާން މިޑްފީލްޑަރު މާކޯ ގްރުޔިޗް އެވެ. ފުރަތަަމަ ހާފުގައި ލޫކަސް ކްލޯސްޓަމަންގެ ގޯލުން ލިޕްޒިގުން އެއްވަރުކޮށްފައިވަނިކޮށް އެ ޓީމަށް އުނދަގޫތަކެއް ދިމާވީ މެޗުގެ 64 ވަނަ މިނިޓްގައި މާސެލް ހަލްސްޓެންބާގަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މެޗުގެ 68 ވަނަ މިނިޓްގައި ޕެޓްރިކް ޝިކް ވަނީ ލިޕްޒިގަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ. ލިޕްޒިގު މޮޅުވާން ދަނިކޮށް ހާތާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޖެނުއަރީ މަހު އޭސީ މިލާނުން ގެނައި ޕޮލެންޑްގެ ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް ވައްދާލި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

ލީގުގައި ރޭ ޔޫނިއަން ބާލިންއާ މައިންޒް 1-1 އިން އެއްވަރުވިއިރު، ޑަސެލްޑޯފް ވަނީ 2-1 އިން ޝާލްކާ ބަލިކޮށްފަ އެވެ. އޮއުސްބާގާއި ޕާޑެބޯން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި ހޮފެންހައިމް ވަނީ 3-1 އިން ކޮލޯން ބަލިކޮށްފަ އެވެ.