ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ބަލި މީހުންތަކެއް މަރު
ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ބަލި މީހުންތަކެއް މަރު

ޑާކާ (މެއި 28) - ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގެ ކޮރޯނާވައިރަސް އައިސޮލޭޝަން ޔުނިޓެއްގައި ރޯވެ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ފަސް މީހުން މަރުވެއްޖެ އެވެ.

ފަޔާ ސާވިސްގެ އޮފިޝަލެއް ކަމަށްވާ ކަމްރުލް ހަސަން ބުނީ ޔުނައިޓެޑް ހޮސްޕިޓަލްގެ ޔުނިޓެއްގައި އަލިފާން ރޯވީ އޭސީއެއް ގޮވައިގެން ކަމަށެވެ.

"ގަޑިއެއްގެ އިރުތެރޭ ވަނީ އަލިފާން ކޮންޓްރޯލްކޮށްފައި. އެކަމަކު ދުމުގެ ސަބަބުން ހާސްވެގެން ފަސް މީހުން މަރުވި،" އޭނާ ބުންޏެވެ.

ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ސުޑީޕް ކުމާރު ވިދާޅުވީ އަލިފާން އެހާ އަވަހަށް ފެތުރިގަތީ ސެނިޓައިޒާ ފަދަ ތަކެތީގައި ރޯވުމުން ކަމަށެވެ. އޭނާ ވިދާޅުވީ މަރުވި ފަސް މީހުންގެ ތެރޭން ތިން މީހުންނަކީ ކޮވިޑް-19 ގެ ބަލި މީހުން ކަމަށާއި އަނެއް ދެ މީހުން ވަނީ ނެގެޓިވްވެފައި ކަމަށެވެ.

ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުނީ މަސައްކަތުގެ ސްޓްރެސް ބޮޑުވެފައި ވަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގުމުން ސްޓާފުންނާއި ބަލި މީހުންގެ މެދުގައި އިތުރު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށެވެ. ޑޮކްޓަރު ބުނީ މައި ހޮސްޕިޓަލާ ހަމައަށް ނުފޯރަނީސް އަލިފާން ނިއްވާލެވުނުކަން ރަނގަޅު ކަމަށެވެ.

ބަންގްލަދޭޝް އިން ވަނީ 38,292 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 544 މީހުން މަރުވެފަ އެވެ.