18 އޮކްޓޯބަރ 2016 - 06:23

އަންނަ އަހަރުގެ ފެބްރުއަރީ 26 ގައި "ސެމްސަންގް އަންޕެކްޑް" އިވެންޓް އޮންނާނެ އެވެ. އެއީ "ވޯލްޑް މޮބައިލް ކޮންގްރެސް" އާ ދިމާވާ ގޮތަށެވެ. ސެމްސަންގުން މިހާރު ވަނީ އެ ގޮތަށް ތާވަލުކޮށް ނޫސްތަކަށް އެ ވާހަކަ އާންމުކޮށް އަންގާފަ އެވެ.
"ސެމްސަންގް އަންޕެކްޑް" އިވެންޓްގައި ހިނގައި ދާ ހަރަކާތްތަކަށް ބަލާއިރު، އެ އަހަރަކު ކުންފުނި ދަތުރުކުރަން ބޭނުންވާ މިސްރާބު ވަޒަންކުރެވެ އެވެ. އާ އުފެއްދުންތައް ތައާރުފުކޮށް ދައްކާލަން ބާއްވާ މައުރަޒެއް ގޮތުގައި "އަންޕެކްޑް" އިވެންޓް ފާހަގަކުރެވުނު ނަމަވެސް، މައިގަނޑު ބޭނުމަކީ މާލީ ތަނަވަސްކަން އިތުރުކުރުމެވެ.
މަސްރަހުގައި އަޑުބަޑު ހުރި ގޮތަށް ބަލާއިރު، އަންނަ އަހަރު އޮންނަ "ސެމްސަންގް އަންޕެކްޑް" އިވެންޓްގައި އެންމެ ޚާއްސަ ކަމަކަށް ވާނީ "ގެލަކްސީ އެސް" އާއިލާ އަށް ސެމްސަންގުން ތައާރުފުކުރާ ފޯނު ކަމަށް ބުނެވެ އެވެ. އެންމެ ބޮޑަށް ބުރަވެވެނީ އެއީ "ގެލަކްސީ އެސް8" އަށް ވާނެ ކަމަށެވެ.
ގެލަކްސީ އެސް8 ޚާއްސަވާ ސަބަބުތަކެއް އެބަ ހުއްޓެވެ؛ އަތަށް ހެޔޮވަރުކޮށްލަން ގެލަކްސީ ނޯޓް 7 ނުލިބުމާއި، ގެލަކްސީ އެސް7 އަށް ވުރެ މޮޅު ފޯނަކަށް، އެސް8 ވާނެ ކަމަށް ބެލެވުމެވެ.
އޮންލައިން ޚަަބަރު ނޫސްތަކުން ބުނާ ގޮތުގައި، ސެމްސަންގުން މިހާރު ވަނީ ގެލަކްސީ އެސް8 އަށް ބޭނުންވާ "ފާމްވެއާ" އުފެއްދަން ފަށާފަ އެވެ. ބައްރުތަކަށް ޚާއްސަ "ރޮމް"ތައް ޓެސްޓްކުރަން ވެސް ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުގައި އެސް8ގެ ދާއިރާ ފުޅާ ނުކުރާނެ ކަމަށް ވެ އެވެ. މާނަ އަކީ ވަކި ގައުމުތަކަކަށް އަމާޒުކޮށް އެސް8 އުފެއްދުމެވެ.
ގައުމުތަކުގައި ނެޓްވޯކް ފެންވަރު ހުންނަ ނިސްބަތުން ރޮމް އަށް ބަދަލުގެންނާނެ ކަމަށް ވެސް ބުނެވެ އެވެ. މާނަ އަކީ އެ ރީޖަނެއްގައި "4ޖީ" ނެޓްވޯނެއް ނެތް ނަމަ، ފޯނުގައި އެ ކުޅެދުންތެރިކަން ނުހިމެނުމެވެ.
"ސެމްސަންގް އަންޕެކްޑް" އިވެންޓަށް މި ފަހަރު ސަމާލުކަން ދޭ މީހުން ގިނަވާނެ ކަމަށް ބެލެވޭ އަނެއް ސަބަބަކީ ގެލަކްސީ ނޯޓް މަރުކާ އަށް ސެމްސަންގުން ދެން ހަދާނެ ގޮތެވެ. އެ މަރުކާ މުޅިން ދޫކޮށް އެހެން މޮޑެލެއް އިޚުތިރާކުރުމަކީ ވެސް ކޮށްފާނެ ކަމެކެވެ.