27 މެއި 2020 - 22:58

އެންމެ ކުރިއްސުރެ ފެށިގެން މާލޭގައި ބާއްވަމުން އަންނަ ނައިޓު މާކެޓު ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންދަން ސަޕްލައިޑޮޓްއެމްވީން ނިންމައިފި އެވެ.
އަންނަ ޖުލައި މަހު ބާއްވަން ތައްޔާރުވަމުން އަންނަ މި ނައިޓު މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ނައިޓު މާކެޓުގައި ސަޕްލައިޑޮޓްއެމްވީގައި ފީޗާ ކޮށްފައިވާ ސަޕްލަޔަރުންގެ އިތުރުން އެހެނިހެން ވިޔަފާރިވެރިންނަށް ވެސް ބައިވެރިވެވޭނެ އެވެ.
ސްޓޯލެއް ދޫކުރާނީ ދެ ރޭންޖަކަށް ބަހާލައިގެންނެވެ. އެގޮތުން، 499ރ. އަށް ލިބޭ ސްޓޯލްތަކުގައި 60 ދުވަހާ ހަމައަށް އެ ސަޕްލަޔަރެއްގެ 30 އުފެއްދުން ދައްކާލެވޭ އިރު 999ރ. ގެ ސްޓޯލްތަކުގައި 60 ދުވަހަށް 100 އުފެއްދުމެއް ދައްކާލެވޭނެ އެވެ.
ސަޕްލައިޑޮޓްއެމްވީގެ ސީއީއޯ ރާއިދް ޝާޒް ވަލީދު ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނައިޓް މާކެޓެއް ބޭއްވި ނަމަވެސް ކުރިއަށް އޮތްތާނގައި ވިޔަފާރީގެ މުސްތަގުބަލަކީ އޮންލައިން ވިޔަފާރި ކަމަށެވެ. މިހާތަނަށް 100 ދިވެހި ސަޕްލަޔަރުން އެ ކުންފުނީގެ ޕްލެޓްފޯމުގައި ފީޗާ ކޮށްފައިވާއިރު، ބޭރުގެ ބައެއް ސަޕްލަޔަރުން ވެސް އެ ޕްލެޓްފޯމުގައި ފީޗާވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އަމާޒު ހިފާފައި މި ވަނީ ބޭރުގެ ސަޕްލަޔަރުން ވެސް އަޅުގަނޑުމެންގެ ވެބްސައިޓުގައި ފީޗާ ކުރަން. މި ކަމަށްޓަކައި މިހާރު ވެސް 10 ވަރަކަށް ގައުމަކުން 50 އެއްހާ ސަޕްލަޔަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ރާއިދް ވިދާޅުވި އެވެ.
އެ ކުންފުނިން ވަނީ ނައިޓު މާކެޓުގެ އިތުރުން ސަޕްލަޔަރުންނާއި ރިސޯޓުތަކުގެ އުފެއްދުންތައް ދައްކާލުމަށް އެކްސްޕޯއެއް ވެސް އޮންލައިން ކޮށް ބާއްވަން ނިންމައިފަ އެވެ. ނައިޓް މާކެޓައި އެކްސްޕޯ ބާއްވަން ނިންމާފައިވަނީ އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގަ އެވެ.
ސަޕްލަޔަރުންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ އޮންލައިން ޕްލެޓްފޯމް "ސަޕްލައިޑޮޓްއެމްވީ" އަކީ މިހާރު ވެސް ގިނަ އަދަދެއްގެ ސަޕްލަޔަރުން އެމީހުން މުދާ ވިއްކަމުން އަންނަ ޕްލެޓްފޯމެކެވެ. މިއީ ދުނިޔޭގެ މަޝްހޫރު "އަލީބާބާ" ޕްލެޓްފޯމާ އެއްގޮތް ޕްލެޓްފޯމެކެވެ.
ކޮވިޑް-19 ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައިވާއިރު މި ދަނޑިވަޅު އޮންލައިންކޮށް ވިޔަފާރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ބާރު އަޅަ އެވެ. ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވެސް އަންނަނީ ތަކެތި ވިއްކުމަށް އޮންލައިން ޕްލެޓްފޯމުތައް ހިޔާރު ކުރަމުންނެވެ.