ބެލަރޫސް އާއި އިނގިރޭސި ވިލާތުގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ
ބެލަރޫސް އާއި އިނގިރޭސި ވިލާތުގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ޔޫރަޕުގެ ގައުމެއް ކަމަށްވާ ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުންނާއި އިނގިރޭސި ވިލާތުން ރާއްޖެ އަންނަން ބޭނުންވާ 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި ރާއްޖެ އައުމަށް ފަހު އެ މީހުން 14 ދުވަހަށް ކަރަންޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދިވެހިން ރާއްޖެ އައުމަށް ނިންމާފައިވަނީ ސްރީލަންކަން އެއާލައިންސްގެ ބޯޓެއްގަ އެވެ. އެ ފަލްއިޓުން ދަތުރު ކުރުމަށް، ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުން ހޮނިހިރު ދުވަހު ލަންޑަނަށް ދިއުމަށް ވަނީ ނިންމައިފަ އެވެ.

މިއުވާން ވިދާޅުވީ ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީ އާއި ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީ އާއީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަންނަނީ ސްރީލަންކަން އެއާލައިންސް އާއި އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

ބެލަރޫސްގައި 139 ދިވެއްސަކު ރަޖިސްޓަރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ބެލަރޫސް އަށް ދަތުރުކުރާ ބައެއް ފްލައިޓުތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދެއް ނުކުރެ އެވެ. އެހެންވެ އެއާޕޯޓަށް ދިއުމުގައި އެއްވެސް ދައްޗެއް ނެތެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ އިނގިރޭސިި ވިލާތުގެ އިތުރުން ގިނަ ގައުމުތަކެއްގައި ތާށިވެފައި ތިބި ދިވެހިން ހާއްސަ އިންތިޒާމެއްގެ ދަށުން ރާއްޖެ ގެނެސްފަ އެވެ.